ގދ.ނަޑެއްލާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާލިބުނު ދެމީހަކު އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އެކްސިޑެންޓް ހިނގާފައިވަނީ ނަޑެއްލާ ޖެޓީ މަހުން ބާރު ސްޕީޑުގައި ދުއްވި ސައިލަކަލެއް ކޮންޓްރޯލްނުވެ ގޮސް މަޑުކޮށްފައި އޮތް ރަށު ޕިކަޕެއް ކައިރީގައ ހުރި މީހެއްގެ ގައިގައި ޖެހިގެން ކަމަށެވެ. މި އެކްސިޑެންޓުގެ މައުލޫމާތު ލިބިފައިވަނީ ރޭ ދަންވަރު 12:05 ހާއިރު ކަމަށް އެ ޚިދުމަތުން ވިދާޅުވެއެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލުގައި 18 އަހަރުގެ ދެ މީހުންނަށާއި ޕިކަޕް ކައިރީގައި ހުރި 47 އަހަރުގެ މީހާއަށެވެ. ތިން މީހުންނަށްވެސް ތިނަދޫ، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށާއި އިތުރު ފަރުވާއަށް ދެ މީހުން މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ އޭޑީކޭއިން އިތުރު ފަރުވާ ދެމުންދަނީ ސައިކަލު ދުއްވަން އިން މީހާއާއި ޕިކަޕް ކައިރީގައި މަޑުކޮށްގެން ހުރި މީހާއަށް ކަމަށެވެ.
ސައިކަލު ދުއްވަން އިނީ ލައިސެންސް ނެތް މީހެއް ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.