ޚަބަރު

ދުންފަތް ކޮންޓްރޯލްކުރުމަށް ޚާއްސަ މާސްޓަރޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރެއްވުމަށް ރައީސް ނިންމަވައިފި


  • މާސްޓަރޕްލޭންގެ ކަރުދާސްތައް 27 އޮކްޓޯބަރު 2024ގައި ކެބިނެޓަށް ހުށައެޅުމަށްވަނީ ނިންމަވާފައި

  • 4 އަހަރުގެ ތެރޭގައި މަސައްކަތްތައް ކުރާނެގޮތް ކަނޑައެޅުމަށްވަނީ ހަމަޖެހިފައި

  • މިމާސްޓަރޕްލޭންގެ ދަށުން ދުންފަތާއި ދުރަށްދާ ރަށްރަށަށް ސަރުކާރުގެ އެހީ ލިބޭނެ

ކުރިއަށް އޮތް 4 އަހަރުގެ ތެރޭގައި ދުންފަތް ކޮންޓްރޯލްކުރުމަށް މަސައްކަތްކުރުމަށް ޚާއްސަ މާސްޓަރ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ދުންފަތް ކޮންޓްރޯލުކުރުމަށް ހަދާފައިވާ ޤާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމާއެކު، ދުންފަތުގެ އިސްތިޢުމާލުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެކި ފިޔަވަހިތަކަށް ބަހާލައިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމަށެވެ. އެގޮތުން ކުރިއަށް އޮތް 4 އަހަރު ދުވަހުގެ ތެރޭގައި ފާހަގަކުރެވޭ ރަނގަޅު ނަތީޖާއެއް ޙާސިލުކުރެވޭނެ ފަދަ ރިއަލިސްޓިކް މާސްޓަރ ޕްލޭނެއް އެކުލަވާލުމަށްޓަކައި މިމަހުގެ ތެރޭގައި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ހުށައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވާފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މިހަފްތާގެ އަންގާރަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ދުންފަތާ ދުރު މުޖުތަމަޢުއެއް ބިނާކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި ފުޅާދާއިރާއެއްގައިވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން އިޖުތިމާޢީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކާއި، ދުންފަތުގެ އިސްތިޢުމާލުނުކުރާ ރަށްރަށް ފާހަގަކުރުމަށް އިނާމެއް ތަޢާރުފުކުރުމާއި، އެ އިނާމު ލިބޭ ރަށެއްގެ އިޖްތިމާޢީ ކަންކަމަށް މާލީ އެހީތެރިކަން ދިނުން ފަދަ ކަންކަން ހިމަނައިގެން މި މާސްޓަރ ޕްލޭން އެކުލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާވަނީ ނިންމަވާފައެވެ.

މީގެއިތުރުން މި ޕްލޭންގައި، ދުންފަތާ ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ފަރުވާ، ކޮންމެ ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒަކުން ހިލޭ ފޯރުކޮށްދިނުން ހިމެނުމަށްވެސް ރައީސުލްޖުމްހޫރިއްޔާވަނީ ނިންމަވާފައެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމާއި ދެކޮޅަށް މުހިންމު ނިންމެވުންތަކެއް ރައީސުލްޖުމްހޫރިއްޔާވަނީ މިމަހުވެސް ނިންމަވާފައެވެ. އެގޮތުން ވޭޕްކުރުމަށް ބޭނުންވާ އެކި އާލާތްތައް ރާއްޖެ އެތެރެކޮށް ބޭނުންކުރުން މަނާކޮށް ޑިސެމްބަރު މަހުގެ ތެރޭގައި އެކަން ތަންފީޒުކުރުމަށްވަނީ ނިންމަވާފައެވެ. މީގެއިތުރުން ސިނގިރެޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރަންވެސް ރައީސުލްޖުމްހޫރިއްޔާވަނީ ނިންމަވާފައެވެ.