ތިން ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަން އަންނަ ޑިސެމްބަރު މަހުގެ 14ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ޑިސެމްބަރު މަހު ބައި އިލެކްޝަން ބާއްވަން ނިންމަވާފައިވަނީ ހދ.ކުރިނބި، މ.ރަތްމަންދޫ އަދި ގއ.ދެއްވަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެންބަރުން އިންތިޚާބުކުރުމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ހދ.ކުރިނބި، މ.ރަތްމަންދޫ އަދި ގއ.ދެއްވަދޫ އަންހެނުންގެ ތަރައްޤީއަށް މެންބަރުން އިންތިޚާބުކުރަން ބައި އިލެކްޝަން ބާއްވަނީ އެކޮމިޓީތަކުގެ މެންބަރުން އިސްތިއުފާ ދެއްވުމާއި ގުޅިގެންކަމަށެވެ. މި ބައި-އިލެކްޝަންތަކުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، ޑިސެންބަރު 14 ވާ ހޮނިހިރު ދުވަހުގެ 8:00 އިން 16:00 އަށް ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
މި ބައި- އިލެކްޝަންގައި ކުރިނބީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް 3 މެންބަރުން، ދެއްވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް 3 މެންބަރުން އަދި ރަތްމަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް 2 މެންބަރުން އިންތިޚާބުކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
މި ބައި-އިލެކްޝަންތަކުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ ހުށަހަޅާފައެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 29ވާ އަންގާރަ ދުވަހުގެ މެންދުރު 2:00 އާއި ހަމައަށެވެ.
މި ބައި-އިލެކްޝަންގެ ވޯޓު ގުނަން ފެށުމަށް ހަމަޖެހިފައިވަނީ، ވޯޓުލާ ދުވަހު ވޯޓު ނަގާ ނިމޭތާ 30މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައި ކަމަށާއި، އިންތިޚާބުގެ ރަސްމީ ނަތީޖާ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު އިޢުލާންކުރާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން ޝަކުވާއެއް ހުށަހަޅާނީ އެކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ "ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު" މެދުވެރިކޮށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް 2022 ވަނަ އަހަރު ގެނެސްފައިވާ އިޞްލާހުގައި ބުނެފައިވާގޮތުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން އިންތިޚާބުކުރުމުގެ ބައި-އިލެކްޝަންސް ބާއްވަންޖެހޭނީ އަހަރަކު އެއްފަހަރުއެވެ.