ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރު ފެށުން އަންނަ ހޯމަ ދުވަހަށް ފަސްކޮށްފި


  • މަޖިލީހުގެ އައު ދައުރު ޖަލްސާތައް ފަށާނީ އޮކްޓޫބަރ 14 ވަނަ ދުވަހު

  • މަޖިލީހުގެ ޖަލްސާތައް ފަސްކުރީ ޖަލްސާތައް ބްރޯޑްކާސްޓް ކުރުމަށް ދަތިތަކެއް ހުރުމުން

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރު ފެށުން އަންނަ ހަފްތާއަށް ފަސްކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރު ފެށުން ފަސްކުރުމާއި ގުޅިގެން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މެންބަރުންނަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ، މަޖިލީހުގެ ޖަލްސާތައް ބްރޯޑްކާސްޓް ކުރުމަށް އައު ވީޑިއޯ ރޫމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންކަމުން ޖަލްސާތައް ބްރޯޑްކާސްޓް ކުރުމަށް ދަތިތަކެއް ހުރުމުން، މި ދައުރުގެ ޖަލްސާތައް ފެށުން އަންނަ ހަފްތާގެ ހޯމަ ދުވަހަށް ފަސްކޮށްފައިވާ ކަމަށް މަޖިލީހުން ވިދާޅުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަސްކޮށްފައިވާކަން ރައްޔިތުންގެ މަޖިލީހުގެ އިދާރައިންވެސް ވަނީ ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދީފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގެ މަސައްކަތްތައް ނިންމާ މެންބަރުން ޗުއްޓީއަށް ވަޑައިގެންނެވީ މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ. އަދި މިއަހަރުގެ ފަހު ދައުރުގެ ޖަލްސާ ފެށުމަށް ކުރިން ތާވަލުކޮށްފައި އޮތީ މިމަހުގެ 7 ވަނަ ދުވަހަށެވެ.

މިދިޔަ ދައުރުގައި މަޖިލީހުން ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން މަޖިލީހުގެ އާންމު އިދާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ދައުރުގައި 11 ބިލެއްގެ މަސައްކަތް ވަނީ ނިންމާފައެވެ.