ޚަބަރު

މަރާމާތަށްފަހު މާލޭގެ އާސަހަރާ މިސްކިތާއި ހިނަވާގެ ރައީސް ހުޅުއްވައިދެއްވައިފި


  • މިސްކިތް މަރާމާރުކުރަން ފެށީ ރައީސް މާލޭގެ މޭޔަރަށް ހުންނެވިއިރު

  • މިސްކިތާ ހިނަވާގެއާއި ގޯތިތެރެއަށް ވަނީ ބަދަލުގެނެސްފައި

  • މި މަސައްކަތަށް 11މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި

މަރާމަތަށްފަހު މާލޭގެ އާސަހަރާ މިސްކިތާއި ހިނަވާގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ.

މިއަދު މެންދުރު ނަމާދުގެ ކުރިން އެ ސަރަޙައްދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މިސްކިތް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމެވެ.

މާލޭގެ އާސަރާގެ މިސްކިތާއި ހިނަވާގެ މަރާމަތުކޮށް ޖާގަ ތަނަވަސް ތަނެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މަސައްކަތް ފަށާއިފަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެ ސިޓީގެ މޭޔަރުކަމުގެ މަޤާމުގައި ހުންނެވިއިރުއެވެ.

އެތަން ހުޅުއްވައިދެއްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިސްކިތް ބައްލަވާލައްވާ އަދި ހިނަވާގެއާއި ގޯތިތެރެ ތަރައްޤީކުރުމަށް ކޮށްފައިވާ މަސައްކަތްތައް ބައްލަވާލައްވާފައެވެ.

އާސަހަރާ މިސްކިތާއި ހިނަވާގެ މަރާމަތުގެ މަސައްކަތުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަޙްމަދު ނަރީޝް ވިދާޅުވީ، ކަށުކަމާކެމީގެ ކަންކަމަށް އާސަހަރާއަށް އަންނަ މީހުންނަށް މިހާރު ބޮޑު ލުއިފަސޭހައެއް ލިބެނޭކަމަށެވެ.

އެގޮތުން ހިނަވާ ކޮޓަރި އިތުރުކުރުމާއި އަދި މައްޔިތާއަށް ޒިޔާރަތްކުރާ މީހުން މަޑުކޮށްލައިގެން ތިބުމަށްވެސް އޭސީކޮށްފައިވާ ޚާއްސަ ސަރަޙައްދެއް ހަދާފައިވާކަމަށެވެ. އަދި އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމް އިމާރާތުގެ ދެ ފަންގިފިލާގައިވެސް ޤާއިމުކޮށްފައިވާކަމަށް ޑެޕިއުޓީ މޭޔަރ ވިދާޅުވިއެވެ.

"މިއަދުން ފެށިގެން މާލޭގެ އާސަހަރާގައި ކަށުކަމާކެމީގެ ކަންކަމާއި ވަޅުލުމުގެ ކަންކަން ކުރިއަށްދާނެ. ރައީސް ފެއްޓެވި މި މަސައްކަތް މިހާރުގެ މޭޔަރ ވަރަށް އިސްކަމެއް ދެއްވައިގެން ނިންމެވީ." މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ ނަރީޝް ވިދާޅުވިއެވެ.

އާސަހަރާ މިސްކިތާއި ހިނަވާ ބައި ބޮޑުކޮށް މަރާމާތަށްފަހު މިއަދު ހުޅުވިއިރު، މިސްކިތުގެ ޖާގަބޮޑުކޮށް ދެ ފަންގިފިލާ އޭސީކޮށް ނާމާދުކުރެވޭގޮތަށް ވަނީ ހަދާފައެވެ. ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ޚާއްސަ ފާހާނާއާއި އާންމުންނަށް ޚާއްސަ ފާހާނާ ހުންނާނެއެވެ. އަދި ކުރިން ދެ ކޮޓަރިހުރިނަމަވެސް، މައްޔިތާ ހިނެވުމަށް ޚާއްސަ 3 ކޮޓަރި މިހާރު ހުންނާނެއެވެ. ހިނަވާ ގޭގައި ތަނުގެ މުވައްޒަފުންނާއި ޖަމާތްތެރިންނަށް ތިބެވޭނެ ކޮޓަރިއެއްވެސް ވަނީ ހަދާފައެވެ.

މީގެއިތުރުން ސަހަރާއާއި މިސްކިތަށް އަންނަ މީހުންނަށް ޚާއްސަ ސައިކަލް ޕާކިން ޒޯނެއް ވަނީ ހަދާފައެވެ. މިސްކިތާ އާސަހަރާ މަރާމާރުކުރުމަށް ކުރިއަށްގެންދިޔަ މަސައްކަތަށް 11.6 މިލިޔަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ.