ޚަބަރު

ގޯތިތެރޭގައި ގަސް އިންދަން ދަސްކޮށްދޭ ޕްރޮގްރާމެއް އިސްރަށްވެހިންނަށް ކުރިއަށްގެންގޮސްފި


  • ސެޝަން ކުރިއަށްގެންދިޔައީ އުރީދޫގެ ފަރާތުން

  • މި ޕްރޮގްރާމްގައިވަނީ ކުދި ތަންތަންކޮޅުގައި ގަސް ހައްދާނެ ގޮތް ކިޔައިދީފައި

ގަސް އިންދުމާ ގުޅޭ މަޢުލޫމާތުދީ ގޭތެރޭގައި ގަސް ހައްދާ ގެންގުޅޭނެ ގޮތުގެ ސެޝަނެއް އުރީދޫގެ ފަރާތުން ދޮށީ އުމުރުގެ މީހުންނަށް ޚާއްސަކޮށް އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމަކީ ބައިނަލްއަޤްވާމިގޮތުން ފާހަގަކުރާ އުމުރުން ދުވަސްވީ މީހުންގެ ދުވަހާ ގުޅުވައިގެން، އުރީދޫގެ އިޖުތިމާޢީ ޒިންމާގެ ދަށުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

އިސްރަށްވެހިންގެ ނާދީގައި ކުރިއަށްގެންދިޔަ ޕްރޮގްރާމްގައި ގިނަ އަދަދެއްގެ އުމުރުން ދުވަސްވީ މީހުން ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމްގެ ތެރެއިން ގަސް އިންދުމާގުޅޭ މަޢުލޫމާތު ފޯރުކޮށްދީ އަދި ގޭތެރެއާއި ކުދި ޖާގަތަކުގައި ގަސް ހެއްދުމުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތް ކިޔައިދީ ވަނީ ދަސްކޮށްދީފައެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރ ޙުސައިން ނިޔާޒް ވިދާޅުވީ، އުރީދޫއިން ކުރިއަށްގެންދާ ސީއެސްއާރް މަސައްކަތްތަކުގައި މުޖުތަމަޢުގެ ހުރިހާ އުމުރެއްގެ މީހުން ޝާމިލުކުރުމަށް ޚާއްސަ އިސްކަމެއްދޭކަމަށެވެ.

އެގޮތުން އުމުރުން ދުވަސްވީ މީހުންނަށް ބޭނުންވާ މަޢުލޫމާތުދީ އެކި ދާއިރާތަކުން ހޭލުންތެރިކުރުމަކީ ކުންފުނީގެ ވަރަށް ބޮޑު އަމާޒެއްކަމަށެވެ. އިސްރަށްވެހިންގެ ނާތީއާއެކު ކުރިއަށްގެންދާ މަސައްކަތުގައި އަދިވެސް ގިނަ ޕްރޮގްރާމްތައް ހިންގާނެކަމަށް ޙުސައިން ނިޔާޒު ވިދާޅުވިއެވެ.

"މިހާރު ކުރީގައިގޮތަށް ގޭގައި ގޯތިތެރޭ ނޯވޭ ބޮޑު ޖާގައެއް ގަސް ހައްދާކަށް. އެހެންވީމަ މި ޕްރޮގްރާމްގައި ބަލާނީ ގޭތެރޭގައި ނޫނީ ބެލްކަނީގައި ނުވަތަ ވީހާވެސް ކުޑަ ޖާގައެއްގައި ގަސް ހެއްދޭނެ ގޮތަކަށް. މިކަމަށް ޝައުގުވެރިވާ ވަރަށް ގިނަ ފަރާތްތައް އެބަތިބި." އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރ ޙުސައިން ނިޔާޒް ވިދާޅުވިއެވެ.

އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ނައިބު މަރްޔަމް ލަހްފާވަނީ އިސްރަށްވެހިންނަށް އަމާޒުކޮށް ކުންފުނިތަކާއި ޖަމްޢިއްޔާ ޖަމާތްތަކުން ފޯރުކޮށްދޭ ފުރުޞަތުތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ލަހްފާ ވިދާޅުވީ މިއިން ކޮންމެ ފުރުޞަތަކީ، އިސްރަށްވެހިން، މުޖުތަމަޢުގެ ތެރޭގައި ބައިވެރިވެ އުޅުމަށް ލިބޭ ވަރަށް މުހިންމު ފުރުޞަތެއްކަމަށެވެ.

"ގްރޯ ވިތް އޫރިދޫ ޕްރޮގްރާމަކީ އަނެއްކާވެސް އިސްރަށްވެހިންގެ ނާދީއިން ކުރާ މަސައްކަތަށް އިތުރުވި ބޮޅެއް. މި ޕްރޮގްރާމްގައި ގިނަ އިސްރަށްވެހިން ބައިވެރިވާކަމީ މިކަމަށް އިސްރަށްވެހިންގެ ޝައުގުވެރިކަން ފެނިގެންދާ ކަމެއް." އިޖުތިމާޢި އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ނައިބު މަރްޔަމް ލަހްފާ ވިދާޅުވިއެވެ.

މި ސެޝަންގައި ވަނީ ގޭގައި ތިބެގެން އަމިއްލަ ބަގީޗާތައް ހައްދައި ބެލެހެއްޓޭނެ ގޮތްތައް ބައިވެރިން ދަސްކުރިއިރު، ފަސޭހަ، ދެމެހެއްޓެނިވި ގޮތްތަކަށް އެކަން ކުރެވޭނެ ގޮތްތައް ކިޔައިދީފައެވެ. މި ސެޝަން ކުރިއަށް ގެންގޮސްދީފައިވަނީ އުރީދޫގެ އެމްބަސަޑަރ ރަމްޒީ ހުސައިން (ޒުވާން ދަނޑުވެރިޔާ) އެވެ.

މި އިސްނެންގުމަކީ އުމުރުން ދުވަސްވީ މީހުންގެ މެދުގައި ހަރަކާތްތެރި ދިރިއުޅުމުގެ ވައްޓަފާޅިއަށް ހިތްވަރު ދިނުމުގެ އިތުރުން ދުޅަހެޔޮކަން އިތުރުކުރުމަށް، ގުދުރަތާއި ގުޅުމުގެ މުހިންމުކަމުގެ މައްޗަށް ކުރިއަށްގެންދިޔަ ސެޝަނެއްކަމަށް އުރީދޫއިން ބުނެއެވެ.