ޚަބަރު

ޑިވެލޮޕްމަންޓް ބޭންކަށް މިހަފްތާގައި ލައިސަންސް ދޫކުރެވޭނެ: އެމްއެމްއޭ


  • ޑިވެލޮޕްމެންޓް ބޭންކް ލައިސެންސް ދިނުމަށް އެމްއެމްއޭ ބޯޑުން މިހަފްތާގައި ވަނީ ފާސްކޮށްފައި

  • ޑިވެލޮޕްމެންޓް ބޭންކުން ރިސޯޓުތައް ތަރައްޤީކުރުމަށް ސަމާލުކަން ދޭން ޖެހޭކަން ގަވަރުނަރު ފާހަގަކުރެއްވި

މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކު، އުފެއްދުމަށް ބޭނުންވާ ލައިސަންސް ދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)ގެ ބޯޑުން ފާސްކޮށްފައިވާކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، އެމްއެމްއޭގެ ގަވަރުނަރު ވިދާޅުވީ ޑިވެލޮޕްމެންޓް ބޭންކުގެ ލައިސަންސް ދިނުމަށް ބޭނުންވާ ދިރާސީ މަސައްކަތް ނިމި، އެމްއެމްއޭގެ ބޯޑުން ފާސްކޮށްފައިވާކަމަށެވެ. އެއާއެކު މި ހަފްތާ ތެރޭގައި ބޭންކް ލައިސަންސް ދެވި ވަރަށް އަވަހަށް މަސައްކަތް ފެށިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

ޑިވެލޮޕްމަންޓް ބޭންކުގެ ލައިސެންސް މި ހަފްތާ ތެރޭގައި ދޫކުރެވިގެންދާކަން ފާހަގަކުރައްވައި، ގަވަރުނަރު ވަނީ މިފަދަ މާލީ އިދާރާތައް ރާއްޖޭގެ ބޭންކިން ނިޒާމަށް ވަރަށް މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިވަގުތު ބޭންކިން ނިޒާމުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ ރިސޯޓުތައް ތަރައްޤީކުރުމަށް ފައިނޭންސް ކުރުމުގެ ޤާބިލީއްޔަތުކަން ނެތްކަން ގަވަރުނަރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މިހެދޭ ޤަވާއިދުތަކުގެ އެއް މަޤްޞަދަކަށް ވަނީ މާލީ ނިޒާމު ކުރިއަރައި ދިއުން. އެގޮތަށް ކުރިއަރައިގެންދާއިރު ސަރުކާރުން މި މަސައްކަތް ލީޑް ކުރުމަށް އުފައްދާ ބޭންކެއްގެ ގޮތުގައި އަޅުގަނޑަށް ޑިވެލޮޕްމެންޓް ބޭންކް ފާހަގަވަނީ. އަޅުގަނޑު ދެކެނީ އެ ބޭންކުން ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހެއޭ ޓުއަރިޒަމް އިންޑަސްޓްރީގެ ހަދަމުންދާ ނުވަތަ މަސައްކަތް ހުއްޓިފައިވާ ރިސޯޓުތަކަށް." ގަވަރުނަރު މުނައްވަރު ވިދާޅުވިއެވެ.

ރާއްޖޭގެ ޑިވެލޮޕްމަންޓް ބޭންކުގެ އިތުރުން އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރ ޤާއިމްކުރަން ޖެހެނީވެސް މާލީ ނިޒާމުގެ ޤާބިލީއްޔަތުކަން އިތުރުކުރަންކަން ގަވަރުނަރު ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން ބޭރު ޤައުމުތަކުން މިފަދަ މަޝްރޫޢުތަކަށް ފައިނޭންސް ހޯދުމުގެ ބަދަލުގައި ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން މި މަޝްރޫޢުތަކަށް ފައިނޭންސް ކުރެވި އޭގެ މަންފާ ލިބިގެންދާނެކަން ގަވަރުނަރު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ޑިވެލޮޕްމަންޓް ބޭންކެއް ޤާޢިމްކުރަން ސަރުކާރުން ނިންމެވީ، ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމަށެވެ. އަދި ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި ދިވެހިރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރު ކުރުމަކީވެސް މިފަދަ ބޭންކެއް ޤާއިމްކުރުމުގެ އެއް ބޭނުންކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.

ޑިވެލޮޕްމެންޓް ބޭންކުގެ ލައިސަންސް މި ހަފްތާތެރޭގައި ދޫކުރާއިރު، އެ ބޭންކުގެ އިމާރާތުގެ މަސައްކަތް މިހާރު ކުރިއަށް ދެއެވެ. މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކް ޤާއިމުކުރަނީ ޗާންދަނީ މަގާއި އަމީރު އަޙްމަދު މަގު ގުޅޭ ހަތަރުއަނގޮޅީގައި ހުންނަ އެލައިޑް ބިލްޑިންގެ ތިރީ ބުރީގައެވެ.