ވޯލްޑް ޓްރެވަލް އެވޯޑްސް، ޑަބްލިއުޓީއެމްގެ ވޯލްޑްސް ލީޑިންގ ކެޓަގަރީގެ ޝަރަފުވެރި 6 އެވޯޑަކަށް ދިވެހިރާއްޖެ ނޮމިނޭޓް ވެއްޖެއެވެ. މިއަހަރުވެސް ދިވެހިރާއްޖެ ވަނީ ޑަބްލިއުޓީއޭގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ "ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން" ގެ އެވޯޑަށް ނޮމިނޭޓްވެފައެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ 1993 ވަނަ އަހަރުން ފެށިގެން ދަތުރުފަތުރާއި، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އެންމެ މަތީ ދަރަޖައިގެ ކާމިޔާބީތައް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ އެވޯޑެކެވެ.
ޑަބްލިޔުޓީއޭ ކާމިޔާބުކުރާ ފަރާތްތައް ހޮވަނީ މަޝްހޫރު ޓްރެވަލް ޕްރޮފެޝަނަލުންނާއި، ސިނާއަތުގެ ތަޖުރިބާކާރުންނާއި، ފަތުރުވެރިންނެވެ. މިއީ ފަތުރުވެރިކަމުގެ ސިނާއަތް އަދި ފަތުރުވެރިންނަށް އިސްކަންދޭ އެވޯޑެކެވެ.
• ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން 2024
• ވޯލްޑްސް ލީޑިންގ ގްރީން ޑެސްޓިނޭޝަން 2024
• ވޯލްޑް ލީޑިންގ ޑައިވް ޑެސްޓިނޭޝަން 2024
• ވޯލްޑްސް ލީޑިންގ ހަނީމޫން ޑެސްޓިނޭޝަން 2024
• ވޯލްޑްސް ލީޑިންގ ބީޗް ޑެސްޓިނޭޝަން 2024
• ވޯލްޑްސް ލީޑިންގ ޓޫރިސްޓް ބޯޑް 2024 – މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
މި އެވޯޑްތަކަށް ރާއްޖެއަށް ވޯޓު ދިނުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެމްއެމްޕީއާރުސީން ވިދާޅުވީ، މި އެވޯޑްތައް ރާއްޖެއަށް ހޯދުމަށްޓަކައި އެންމެހައި ބޭފުޅުންގެ އެހީތެރިކަން ބޭނުންވާކަމަށެވެ.
ޑަބްލިއުޓީއޭގެ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ "ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން"ގެ ލަގަބު 2019 އިން 2023 އަށް ޖެހިޖެހިގެން 4 އަހަރު ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ. އަދި އެމްއެމްޕީއާރުސީއިން ވަނީ ޖެހިޖެހިގެން 2 އަހަރު "ވޯލްޑްސް ލީޑިން ޓޫރިސްޓް ބޯޑު" ގެ ޝަރަފުވެސް ހޯދާފައެވެ.