ޚަބަރު

ޑިޖިޓަލް ހެލްތު ނިޒާމާއެކު ސިއްހީ ހާލަތު އަންގާ އެލާމެއް ފޯނަށް ފޮނުވައިދޭނެ


  • ކޮންމެ މީހެއްގެ މެޑިކަލް ރެކޯޑްތައް ބެލެހެއްޓޭނެ

  • ޓެސްޓުތަކުގެ ނަތީޖާއިން ދައްކާ ކަންކަން އެސްއެމްއެސްގެ ޒަރިއްޔާއިން ފޯނަށް ފޮނުވާނެ

ރާއްޖޭގައި ގައިންގަޔަށް ނާރަ ބަލިތައް ޢާންމުވަމުންދާއިރު ފަރުވާގައި އެންމެ މުހިންމުކަމަކީ އެމީހެއްގެ ބައްޔާ ގުޅޭ ހުރިހައި މަޢުލޫމާތެއް ރައްކާކޮށްފައި ބެހެއްޓުމެވެ. އެހެންނަމަވެސް ތަހުލީލުތަކުގެ ނަތީޖާއާއި ޑޮކްޓަރުންގެ ލިޔުންތައް އެންމެ ރައްކާތެރިގޮތުގައި ބަލި މީހުން ނުގެންގުޅުމުގެ ކަންބޮޑުވުން ސިއްޙީ މާހިރުންގެ އޮވެއެވެ.

އެހެންކަމުން މިކަމަށް ހައްލެއް ގެނެސް ރާއްޖޭގެ ސިއްޙީ ނިޒާމު، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. މިގޮތުން ޤާއިމްކުރާ ޑިޖިޓަލް ހެލްތު ނިޒާމާއެކު ކޮންމެ މީހެއްގެ ފޯނަށް ވެސް އެމީހެއްގެ ސިއްހީ ހާލަތު އަންގައިދޭ އެލާމެއް އެސްއެމްއެސްގެ ޒަރިއްޔާއިން ފޮނުވާނެކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި އެއް ތަނަކުން ރައްޔިތުންގެ ސިއްހީ ކަންކަމާ ގުޅޭ ހުރިހައި މައުލޫމާތެއް ފެންނާކަށް ނުހުރެއެވެ. އޭގެ ސަބަބުން ރައްޔިތުންގެ އާންމު ސިއްހަތު ދެނެގަތުމާއި ސިއްހީ ރެކޯޑު ބެލެހެއްޓުމުގައި އުނދަގޫތަކެއް ކުރިމަތިވެއެވެ. ޚާއްސަކޮށް އެއް ފަހަރު ހަދާ ޓެސްޓެއް އެތައް ފަހަރަކު ހަދަން ޖެހުމާއި އެއް ހޮސްޕިޓަލުން އެ ޓެސްޓެއް ހެދުމަށްފަހު އަނެއް ހޮސްޕިޓަލަށް ދާއިރު އޭގެ ރެކޯޑު ނެތުމުގެ ސަބަބުން އަނެއްކާ އެ ޓެސްޓު އަލުން ތަކުރާރުކުރަންޖެހޭ ފަދަކަންކަން ދިމާވެއެވެ. އޭގެ ނަތީޖާއަކީ، ޚިދުމަތް ލިބުމުގައި ބަލިމީހާއަށް އެތައް ވަގުތެއް ގެއްލި ދައުލަތަށް ވެސް އެކަމުގެ ބުރަ ބޮޑުވުމެވެ.

މިފަދަ ކަންކަމަށް ހައްލެއް ގެނައުމުގެ ގޮތުން ރާއްޖޭގައި ޑިޖިޓަލް ހެލްތް ނިޒާމެއް ޤާއިމްކުރުމަކީ މުހިންމުކަމަކަށްވެއެވެ. އެ ނިޒާމު ގާއިމުވުމުން ޕަބްލިކް އަދި ޕްރައިވެޓް ހޮސްޕިޓަލްތައް ނުވަތަ ކްލިނިކްތަކުން ކޮންމެ މީހެއްގެ މެޑިކަލް ރެކޯޑްސް ބެލެހެއްޓޭނެ ކަމަށް ސިއްހަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި ކޮންމެ ތަނަކުން ވެސް އެމީހެއްގެ ސިއްހީ ކަންކަމާ ގުޅޭގޮތުން ހަދާ ޓެސްޓުތަކުގެ ނަތީޖާއިން ދައްކާ ކަންކަން އެސްއެމްއެސްގެ ޒަރީއާއިން ފޯނަށް ފޮނުވާނެއެވެ.

ހަމައެއާއެކު އެ ނިޒާމުގެ ތެރެއިން، އޮންލައިންކޮށް އެޕޮއިންޓްމަންޓް ހައްދައި ކޮންސަލްޓް ކުރެވޭނެ ގޮތް ހެދޭނެކަމަށްވެސް ސިއްހަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ޑިޖިޓަލް ހެލްތު ނިޒާމް ޤާއިމްކޮށް ނިމުމުން ނަތީޖާއަކަށް ވާނީ އެމީހެއްގެ އެންމެ ޅަދުވަހުން ފެށިގެން މިއަދާ ހަމައަށް މެޑިކަލް ރެކޯޑު ނިޒާމުން ފެނިގެން ދިޔުންކަންވެސް ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގައި އެކުލަވާލާ ނޭޝަނަލް ޑިޖިޓަލް ހެލްތު އާކިޓެކްޗަރ ބްލޫޕްރިންޓު އެކުލަވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ސިއްހަތާ ބެހޭ ވުޒާރާއިން މިހާރުވަނީ ސިއްހީ ޚިދުމަތްތެރިންނާއި ސިޔާސަތުތައް އެކުލަވާލާ ފަރާތްތަކާއި ފަންނީ ތަޖުރިބާކާރުންނާއި މިނޫންވެސް ކަމާ ގުޅުންހުރި އެކި ފަރާތްތަކުގެ ލަފަޔާއި އިރުޝަދު ހޯދުމަށްޓަކައި މަސައްކަތު ބައްދަލުވުންތައް ބާއްވާފައެވެ. ސިއްހަތާ ބެހޭ ވުޒާރާއިން ވިދާޅުވީ މިބްލޫޕްރިންޓުގެ މަސައްކަތްތައް ނިންމާލުމުގެ ކުރިން އާއްމުންގެ ޚިޔާލު ހޯދުމަށްވެސް ނިންމާފައިވާކަމަށެވެ.

ނޭޝަނަލް ޑިޖިޓަލް ހެލްތު އާކިޓެކްޗަރ ބްލޫޕްރިންޓް އެކުލަވާލުމުގެ މަސައްކަތް ސިއްހަތާ ބެހޭ ވުޒާރާއިން ކުރިއަށްގެންދަވަނީ ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާ ގުޅިގެންނެވެ. މިމަސައްކަތް ނިމޭއިރު ދުރާލައި ބަލިތަކުން ރައްކާތެރިވުމަށް މަސައްކަތްކުރަން ޢާއްމުންގެ މެދުގައި އިސްކަންދިނުމުގެ ޘަޤާފަތެއް އަށަގަނެވުމަކީ ދާއިމީ ބޮޑެތި ބަލިތަކުން އަރައިގަތުމަށް ޤައުމީ ފެންވަރުގައި ކުރެވޭނެ މުހިންމު މަސައްކަތެކެވެ.