ޚަބަރު

ކުރިއަށް އޮތް ހަތަރު ވިއެނާ ޑާބީ ކުޅޭނީ އިދިކޮޅު ޓީމުގެ ސަޕޯޓަރުން ނުވައްދާ


އޮސްޓްރިއާގެ އެންމެ ބޮޑު ޑާބީ ކަމަށްވާ "ވިއެނާ ޑާބީ" ގައި ދާދި ފަހުން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން، ރެޕިޑް ވިއެނާ އާއި އޮސްޓްރިއާ ވިއެނާގެ ދެމެދުގައި ކުރިއަށް އޮތް ހަތަރު މެޗުގައި އިދިކޮޅު ޓީމުގެ ސަޕޯޓަރުން ނުވައްދާ ކުޅެން އެ ދެ ޓީމުން އެއްބަސްވެއްޖެއެވެ.

މިގޮތަށް ނިންމާފައިވަނީ، އާދީއްތަ ދުވަހުގެ ޑާބީގައި ދެ ޓީމުގެ ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން މަދުވެގެން 13 މީހަކަށް އަނިޔާވުމުންނެވެ. ހަމަނުޖެހުން ބޮޑުވި މެޗުން ރެޕިޑް ވިއެނާ މޮޅުވީ 2-1 އިންނެވެ.

މިވަގުތަށް ސަޕޯޓަރުންގެ ރައްކާތެރިކަން އެންމެ ރަނގަޅަށް ކަށަވަރުކުރުމުގެ ގޮތުން މި ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ދެ ކްލަބުން ވަނީ ބުނެފައެވެ.

އަދި، އިދިކޮޅު ޓީމުގެ ސަޕޯޓަރުންނަށް އަނބުރާ ކުޅިބަލަން ދަނޑަށް ވަދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށް ވެސް އެ ދެ ކްލަބުން ވަނީ ކަށަވަރުކޮށްދީފައެވެ.

"އެސްކޭ ރެޕިޑަށް އިތުރު ގެއްލުމެއް ކުރިމަތިވުން ހުއްޓުވުމަށް އެންމެ ރަނގަޅު ގޮތަކީ މިއީ،" އޮސްޓްރިއާގެ ލީގުގެ އެންމެ ކުރީގައި އުޅޭ ރެޕިޑް ވިއެނާ އިން ނެރުނު ބަޔާނުގައިވެއެވެ.

ރެޕިޑް ވިއެނާ އިން އިތުރަށް ބުނީ، ކުޅިވަރުގައި އަނިޔާވެރިކަމަށް ޖާގަ އޮވެގެން ނުވާނެ ކަމަށެވެ.

ދެ ޓީމުގެ ސަޕޯޓަރުންގެ މެދުގައި ހިނގި މި ކުރިމަތިލުންތައް ހުއްޓުވުމަށް މަސައްކަތްކުރި ވަގުތު 10 ފުލުހުންނަށް އަނިޔާވެފައިވާ ކަމަށާއި، އަދި އަންގާރަ ދުވަހާ ހަމައަށްއައިއިރު މި ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް 152 މީހުންގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލާފައިވާ ކަމަށްވެސް ފަހުގެ ހަބަރުތައް ބުނެއެވެ.