ޚަބަރު

ތެލުގެ ދަތިކަން ކުޑަކުރަން ބަންގްލަދޭޝުން އިއާދަކުރަނިވި ހަކަތަ އިތުރުކުރަނީ


މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ލިބުން އިންތިހާއަށް ދަތިވުމާ ގުޅިގެން، އަވިން ހަކަތަ އުފެއްދުން އިތުރުކުރުމަށް ބަންގްލަދޭޝުން ބޮޑު މަޝްރޫޢުއެއް އިޢުލާނުކޮށްފިއެވެ.

ބަންގްލަދޭޝްގެ ހަކަތައާ ބެހޭ އިދާރާއިން ވަނީ، ސޯލާ ނުވަތަ އަވިން ޖުމްލަ 495 މެގަވޮޓުގެ ހަކަތަ އުފެއްދުމުގެ މަޝްރޫޢުތަކެއް ބީލަމަށް ހުޅުވާލައިފައެވެ.

އަމިއްލަ ފަރާތްތަކަށް ހުޅުވާލެވިފައިވާ މަޝްރޫޢުތަކުގެ ޒަރިއްޔާއިން، ބަންގްލަދޭޝް ސަރުކާރުގެ އަމާޒަކީ، މިހާރު ހުރި ކަރަންޓު އުފެއްދުމުގެ ވިއުގަތަކާ ގުޅާލެވޭ އަވިން ހަކަތަ އުފެއްދުމުގެ ނިޒާމުތަކެއް ޤާއިމުކޮށް، ކަރަންޓު އުފެއްދުމަށް ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމެވެ.

އިއާދަކުރަނިވި ހަކަތަ އުފެއްދުން އިތުރުކުރަން ބަންގްލަދޭޝުން މަސައްކަތް ފަށާފައިވީނަމަވެސް، މިހާތަނަށް އެކަމުގެ ދުވެލި މަޑެވެ. ނަމަވެސް، ދުނިޔެއަށް ކުރިމަތިވެފައިވާ މި ޙާލަތުގައި އެ މަސައްކަތް އަވަސްކުރަން ބަންގްލަދޭޝަށް ވަނީ މަޖުބޫރުވެފައެވެ.

ގާތްގަނޑަކަށް 175 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބަންގްލަދޭޝްގައި ހަކަތަ އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވެފައިވާ މިންވަރު ވަރަށް ބޮޑެވެ.

ފެބްރުއަރީ 28ގައި ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ދޭން ފެށި ޙަމަލާތަކާ ގުޅިގެން، ރައްދުގައި އީރާނުން ވަނީ ދުނިޔޭގެ ތެލުގެ ސަޕްލައިގެ 20 އިންސައްތަ ދައުރުވާ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ.

އެއާއެކު، ދުނިޔޭގެ ތެލުގެ ސަޕްލައި އިންތިހާއަށް ތާށިވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ވަނީ ރެކޯޑު މިންވަރަކަށް އުފުލިފައެވެ.

ތެލުގެ ސަޕްލައި ތާށިވެ، ބަންގްލަދޭޝްގެ ސަރުކާރަށް ވަނީ ތެޔޮ އިޤްތިޞާދު ކުރުމާއި ސަރުކާރު އޮފީސްތަކުގެ ރަސްމީ މަސައްކަތުގެ ގަޑި ކުރުކުރުން ފަދަ ފިޔަވަޅުތައް އަޅަން މަޖުބޫރުވެފައެވެ.

އަވިން ހަކަތަ އުފައްދާ މިންވަރު އިތުރުކުރެވިއްޖެނަމަ، ތެލަށް ކުރަންޖެހޭ ހޭދަ އެތައް ގުނައަކުން ކުޑަކުރެވޭނެކަމަށް ބަންގްލަދޭޝްގެ ސަރުކާރުގެ އޮފިޝަލުން ޤަބޫލުކުރައްވައެވެ.

ނަމަވެސް، އަވިން ހަކަތަ އުފެއްދުން އިތުރުކުރުމަށްޓަކައި އެކަމަށް ބޭނުންވާ އުމްރާނީ ވަޞީލަތްތައް ޤައިމުކުރުމަށް ސަރުކާރުން ބޮޑު ހޭދައެއް ކުރަންޖެހޭނެކަމަށް މާހިރުން ވަނީ ވިދާޅުވެފައެވެ.