އދ. ގައި ކުރިއަށްދިޔަ ސަމިޓް އޮފް ދަ ފިއުޗަރގެ ތެރެއިން ބޭއްވި 3 ވަނަ އިންޓަރެކްޓިވް ޑައިލޮގް ކޯ ޗެއަރ ކުރެއްވުމަކީ ރާއްޖޭގެ ޑިޖިޓަލް އިކޮނޮމީ ފުޅާކުރުމަށް ލިބުނު މުހިންމު ފުރުޞަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މި ޑައިލޮގް ނިންމަވާލެއްވުމަށްފަހު ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ "ޓުވަރޑްސް ދަ ކޮމަން ޑިޖިޓަލް ފިއުޗަރ"ގެ ނަމުގައި ކުރިއަށްގެންދިޔަ ޑައިލޮގަކީ ރާއްޖެ އާއި އެސްޓޯނިއާ ގުޅިގެން ރިޔާސަތު ބެލެހެއްޓެވި މުހިންމު ޑައިލޮގެއް ކަމަށެވެ.
މި ޑައިލޮގުގައި އދ. ގެ 190 އެއްހާ ޤައުމުގެ އިސްބޭފުޅުންނާއި ބައިނަލްއަޤުވާމީ އެކި ޖަމިއްޔާތައް ބައިވެރިވެވަޑައިގެން ވާހަކަދައްކަވާފައިވާއިރު އެފަދަ ޑައިލޮގެއްގެ ރިޔާސަތު ބެލެހެއްޓެވުމަކީ ރާއްޖޭގައި ޑިޖިޓަލް އިކޮނޮމީ ކުރިއަށްގެންދިއުމަށް ލިބުނު މުހިންމު ފުރުޞަތެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ޑައިލޮގުގެ ރިޔާސަތު ބެލެހެއްޓެވުމަކީ ރާއްޖޭގެ ނަން ބައިނަލްއަޤުވާމީ މުޖުތަމައުގައި ފާހަގަވެގެންދިއުމަށްވެސް ލިބުނު މުހިންމު ފުރުޞަތެއް ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާ ރަނގަޅުވާނެ. ރާއްޖެއަށް ޑިޖިޓަލައިޒޭޝަންގައި ޒުވާނުންނަށް އަދި އެކި ފަރާތްތަކުން ޑިޖިޓަލައިޒޭޝަންގައި ކުރިއަށްގެންދާ ކަންތައްތަކުގައި އެހީތެރިކަން ހޯދުމާއި މުހިންމު އެކި ފަރާތްތަކަށް އަޅުގަނޑުމެންނާއި ގާތްގުޅުން އުފައްދަން ލިބުނު ވަރަށް ބޮޑު އަދި މުހިންމު ފުރުސަތަކަށް ވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ރިޔާސަތު ބެލެހެއްޓެވި މި ޑައިލޮގުގައި އެމަނިކުފާނު ވަނީ ދުނިޔޭގެ 3 ބައިކުޅަ އެއްބައި މީހުން އަދިވެސް އުޅެނީ އިންޓަނެޓާއި ނުލައިކަން ފާހަގަކުރައްވައި އޭގެ ސަަބަބުން ތަރައްޤީއާއި، ފުރުސަތުތަކާއި އަދުލްއިންސާފުގެ ބޮޑު ފަރަޤެއް އުފެދޭކަމަށް ވިދާޅުވެފައެވެ.
ޑިޖިޓަލްގޮތުން ކުރިއަރައިގެން ދިއުމުގައި ހުރި ފަރަޤުތައް ނައްތާލައި، އެއްވެސް ޤައުމެއް ބާކީވިޔަ ނުދިނުމަށް ކުރެވެން ހުރި މަސައްކަތްތަކާއި އެކުލަވާލަންޖެހޭ ސިޔާސަތުތައް އެކުލަވާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި ބައްދަލުވުމުގެ ބައިވެރިންގެ އަރިހުން އެދިވަޑައިގެންފައެވެ.