ޚަބަރު

އެމްއެސްއެސްގެ ދަތުރުތައް އިންޑޮނޭޝިއާއަށް


  • މި ދަތުރުތަކުގައި ބޭނުންކުރާނީ އެމްއެސްއެސް ގްރެފީން

  • އިންޑޮނޭޝިއާއަށް ކުރާ ދަތުރުތަކުގެ ޑިމާންޑު ބޮޑުކަމަށް

މޯލްޑިވްސް ސްޓޭޓް ޝިޕިން، އެމްއެސްއެސްގެ ދަތުރުތައް އިންޑޮނޭޝިއާއަށް ފަށަން ތައްޔާރުވެއްޖެއެވެ.

އެމްއެސްއެސްއިން ވިދާޅުވީ، މި ދަތުރުތައް ކުރާނީ އިންޑޮނޭޝިއާގެ ބެލަވަންއިން މެލޭޝިއާގެ ޕޯޓު ކިލާންގް އަދި ސްރީލަންކާގެ ކޮލޮމްބޯއަށް ކަމަށެވެ.

މި ދަތުރުތަކުގައި ބޭނުންކުރަނީ އެމްއެސްއެސްގެ އަމިއްލަ ބޯޓެވެ. އެއީ އެމްއެސްއެސް ގްރެފީންއެވެ. އެމްއެސްއެސްއިން މެލޭޝިއާއަށް ދަތުރުތައް ފެށީ މިދިޔަ ޖުލައިމަހުގެ ތެރޭގައެވެ.

މި ދަތުރުތަކަށް މިހާރު މިވަނީ އިންޑޮނޭޝިއާވެސް އިތުރުކޮށްފައެވެ. މުދާތައް ކޮލޮމްބޯއަށް ގެނައުމަށްފަހު އެމްއެސްއެސްގެ ކޮލޮމްބޯއިން މާލެ ދަތުރުކުރާ ބޯޓުތަކުގައި ރާއްޖެއަށް ފަސޭހަކަމާއި އެކު މުދާ ގެނެވޭނެ ކަމަށް އެމްއެސްއެސްއިން ވިދާޅުވެއެވެ.


އެމްއެސްއެސްގެ ޗީފް ކޮމާޝިއަލް އޮފިސަރ ތަހާ މުޙައްމަދު ވިދާޅުވީ، މި ރޫޓަށް ބޮޑު ތަރުޙީބެއް އެބައޮތް ކަމަށެވެ. އެގޮތުން ފުރަތަމަ ދަތުރުގެ %70 ފުރިފައިވާކަމަށް ތަހާ ވިދާޅުވިއެވެ.

އެމްއެސްއެސްގެ ފްލީޓުގައި 5 ބޯޓު އޮވެއެވެ. އެކުންފުނިން މިހާރު މެލޭޝިއާއިން ކޮލަމްބޯގެ އިތުރުން ދެން ދަތުރުތައް ކުރަނީ ކޮލޮމްބޯއިން މާލެއަށް އަދި ދުބާއީން މާލެއަށެވެ.

މީގެ އިތުރުން އެމްއެސްއެސް އިން ދަނީ ޝެޑިއުލްކޮށް މާލެ އިން އައްޑޫ ސިޓީއަށްވެސް ދަތުރުތައް ކުރަމުންނެވެ. އަދި ދުނިޔޭގެ 30 ވުރެ ގިނަ ބަނދަރުގައި އެކުންފުނީގެ އެޖެންޓުން ތިބޭއިރު، އެކުންފުނީގެ ކޮންޓެއިނަރގެ އަދަދު 2500 އަށްވުރެ ގިނައެވެ.

އެމްއެސްއެސްއިން ވިދާޅުވީ، ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް ރާއްޖެއަށް މުދާ ގެނައުމުގެ ޤާބިލްކަން އެކުންފުނީގައި މިހާރު އެބަހުރި ކަމަށެވެ.