ޚަބަރު

ޕާޓީއާއި ސަރުކާރު ހިންގުމުގެ ތަޖުރިބާތައް ހިއްސާކުރުމަށް ސީޕީސީ އޮތީ ތައްޔާރަށް


  • ޗައިނާއަށް ގޮސްފައިވަނީ ޕީއެންސީގެ މަތީ ފަންތީގެ ވަފުދެއް

  • ގުޅުންތައް ބަދަހި ކުރުމާއި ގުޅޭ މަޝްވަރާތައް ވަނީ ކޮށްފައި

ޕާޓީއާއި ޤައުމު ހިންގުމުގައި ތަޖުރިބާތައް ހިއްސާކުރުމަށް ތައްޔާރަށް އޮތްކަމަށް ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ، ސީޕީސީގެ އިންޓަނޭޝަނަލް ލިއޭޒަން ޑިޕާޓޫމެންޓުގެ މިނިސްޓަރ ލިއު ޖިއަންޗޯއާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ލިއު ޖިއަންޗޯއާ މިހެން ވިދާޅުވީ ސީޕީސީގެ ދަޢުވަތަކަށް ކޮންގްރެސް ޕާޓީގެ މަތީ ފަންތީގެ ވަފުދެއް ޗައިނާއަށް ކުރަމުންގެންދާ ދަތުރުގައި، ދަތުރުފަތުރާ މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން އާ އެކު ބޭއްވި ބައްދަލުވުމުގައެވެ.

ކޮންގްރެސް ޕާޓީގެ ވަފުދެއް ޗައިނާއަށް ކުރަމުންގެންދާ ދަތުރުގައި ކޮންގްރެސް ޕާޓީގެ ސެކްރެޓަރީ ޖެނަރަލް ޒީނާޒް އަދުނާނުއާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ކޮންގްރެސް ޕާޓީގެ އެކި ފެންވަރުގައި ޙަރަކާތްތެރިވެވަވަޑައިގަންނަވާ ބޭފުޅުން ހިމެނެއެވެ.

ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ސީޕީސީގެ އިންޓަނޭޝަނަލް ލިއޭޒަން ޑިޕާޓުމެންޓުގެ މިނިސްޓަރ ލިއު ޖިއަންޗޯއާއެކު ބޭއްވި ބައްދަލުވުމުގައި ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި މި އަހަރަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ދިހަ އަހަރު ފުރޭ އަހަރުުކަން މިނިސްޓަރު ލިއު ޖިއަންޗޯ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން މި އަހަރުގެ ޖަނަވަރީމަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާއާއި ރާއްޖޭގެ ގުޅުމަކީ ޝާމިލު އިސްތިރާޖީ ގުޅުމެއްގެ ދަރަޖައަށް ގެންދެވުމަށް ދެ ޤައުމުގެ ލީޑަރުން އެއްބަސްވެވަޑައިގެންފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ލިއު ޖިއަންޗޯއާ ވިދާޅުވީ ކޮންގްރެސް ޕާޓީ ހިމެނޭހެން ރާއްޖޭގެ ސިޔާސީ ޕާޓީތަކާ ސީޕީސީން ގާތް ގުޅުމެއް ބާއްވަމުންދާކަމަށެވެ. އަދި ޕާޓީއާއި ޤައުމު ހިންގުމުގައި އެ ޕާޓީއަށް ލިބިފައިވާ ތަޖުރިބާތައް ކޮންގްރެސް ޕާޓީއާ ހިއްސަކުރުމަށް ތައްޔާރަށް އޮތް ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު އަމީނުގެ ވާހަކަފުޅުގައި ދެ ޤައުމުގެ މެދުގައި އޮތް އެކުވެރި ގުޅުމަކީ ޒަމާންވީ ގުޅުމެއްކަން ފާހަގަކުރައްވައި، ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެފައިވާކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިޤުތިޞާދީ އިޖުތިމާޢީ ކުރިއެރުމަށް ޗައިނާއިން ދެމުންދާ އެހީތެރިކަމަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.

ޗައިނާއާއި ރާއްޖޭގެ މެދުގައި ދަތުރުފަތުރާއި ވިޔަފާރިއާއި ސަގާފީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިވުމަށް އެދިވަޑައިގަންނަވާކަން ވަޒީރު އަމީނު ފާހަގަކުރެއްވިއެވެ. އަދި ދެ ޤައުމުގެ އެންމެ އިސްވެރިން ބޭނުންފުޅުވާ ގޮތަށް ދެ ޤައުމުގެ މެދުގައި އިސްތިރާޖީ މުވާސަލާތުތައް ހަރުދަނާކޮށް، ދައުލަތް ހިންގުމުގެ ތަޖުރިބާތައް ހިއްސާކުރުން އިތުރުކޮށް، ގިނަ ދައުލަތްތައް ޝާމިލުވާ ގޮތަށް ސަރަހައްދީ ތަރައްޤީއަށް މަސައްކަތްކުރުން އިތުރަށް ހަރުދަނާކުރުމުގައި ޗައިނާއާއެކު ރާއްޖެއިން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ވަޒީރު އަމީން ދެއްވިއެވެ.

މި ބައްދަލުވުމުގައި ސީޕީސީގެ ދަޢުވަތަކަށް ޗައިނާއަށް ވަޑައިގެންނެވި ކޮންގްރެސް ޕާޓީގެ ވަފުދުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސީޕީސީގެ އިންޓަނޭޝަނަލް ލިއޭޒަން ޑިޕާޓްމެންޓުގެ ނައިބު ވަޒީރު ސުން ހައިޔަންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.