ތިލަފުށީގައި ތަރައްޤީކުރާ ކުނި މެނޭޖުކުރާ ރީޖަނަލް ސެންޓަރާއެކު ބައެއް ކުދި ރަށްތަކަށް ދިމާވެފައިވާ ކުނި މެނޭޖްކުރުމުގެ މައްސަލައަށް ވަށައިޖެހޭ ހައްލެއް ލިބޭނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ކުނި މެނޭޖުކުރުމުގައި ބޭނުންކުރާ އުޅަނދުތަކާއި އާލާތްތައް 20 ރަށެއްގެ ކައުންސިލާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ކުނި މެނޭޖުކުރުމުގައި ބޭނުންކުރާ ތަކެތި ކައުންސިލްތަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވީ، މާލެ ސަރަހައްދުގައި ހިމެނޭ ކުދި ރަށްތަކަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ރައްކާތެރި ގޮތުގައި ކުނި މެނޭޖު ނުކުރެވުން ކަމަށެވެ. އަދި މިގޮތަށް ދިމާވަނީ އެ ރަށްރަށުގައި ކުނި މެނޭޖްކުރަން ބޭނުންވާ ޢިމާރާތްތައް އަޅަން ބިން ނެތުމުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ތިމާވެށްޓާބެހޭ ވަޒީރު ވިދާޅުވީ ގްރޭޓަރ މާލޭ އެންވަރަޔަމަންޓް އިމްޕްރޫވްމެންޓް އެންޑް ވޭސްޓް މެނޭޖްމެންޓް ޕްރޮޖެކްޓްގެ ދެވަނަ ފިޔަވަހީގެ ދަށުން ތިލަފުށީގައި ކުނި މެނޭޖްކުރުމުގެ ރީޖަނަލް ސެންޓަރެއް ތަރައްޤީކުރެވޭނެ ކަމަށެވެ. އަދި މި ރީޖަނަލް ސެންޓަރާއެކު މާލެ ސަރަހައްދުގައި ހިމެނޭ ކުދި ރަށްތަކުގައި ކުނި މެނޭޖްނުކުރެވޭ މައްސަލައަށް ވަށައިޖެހޭ ހައްލެއް ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"ވޭސްޓް މެނޭޖްމެންޓް ސެންޓަރ ހެދުމުގެ މަސައްކަތް 2026 ގައި ނިންމާގޮތަށް ރޭވިފައި އޮތީ. މިތަނުން ރަށްރަށުން މެނޭޖް ނުކުރެވޭ ކުނި އެތަނަށް ގެންގޮސް މެނޭޖްކުރެވޭނެ. އަޅުގަނޑުމެން މިހާރު މިދަނީ މި ސެންޓަރަށް ބޭނުންވާ ލޭންޑިން ކްރާފްޓްތައް ހޯދަމުގެ މަސައްކަތްވެސް ކުރަމުން." ވަޒީރު ވިދާޅުވިއެވެ.
ސާފު ރާއްޖެ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި ކުނި މެނޭޖްކުރުމުގައި ބޭނުންކުރާ ތަކެތި 20 ރަށަކަށް ފޯރުކޮށްދީފައިވެއެވެ. މި ތަކެތި ރަށު ކައުންސިލްތަކާ ހަވާލުކޮށްދެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރެވެ.
މި ތަކެއްޗާއި ހަވާލުވުމަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ކައުންސިލްތަކުން ވަނީ މިއީ މިވަގުތު އެ ރަށްރަށަށް ވަރަށް ބޮޑަށް ބޭނުންވާ ތަކެތިކަމަށެވެ.
"ވަރަށް ރަނގަޅު އާލާތްތަކެއް މިއަދު ލިބިގެން މިދިޔައީ. މީގެ ސަބަބުން އަޅުގަނޑުމެންގެ ރަށުގެ ކުނި މެނޭޖްކުރުމަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނެ. އަޅުގަނޑުމެން މިތިބީ އަބަދުވެސް ސަރުކާރަށް އެއްބާރުލުންދީގެން މިކަމުގައި އެހީވާން." ޕީއެސްއެމްއާ ވާހަކަދެއްކި މީހަކު ބުންޏެވެ.
20 ރަށަކަށް ފޯރުކޮށްދެވުނު ވަޞީލަތްތަކުގެ ތެރޭގައި ހިމެނެނީ ކުނި ޓްރަކާއި ޑަސްބިނާއި ރައްކާތެރި ގޮތުގައި ކުނި ގުދަންކުރުމަށް ބޭނުންކުރާ ބޭލަރ މެޝިނެވެ. މީގެ ތެރެއިން 18 ރަށަކަށް ކުނި ޓްރަކް ހަވާލުކޮށްފާވާއިރު 15 ރަށަކަށް ބޭލަރ މެޝިން ވަނީ ހަވާލުކޮށްފައެވެ. އަދި 5000 އަށްވުރެ ގިނަ ޑަސްބިން ހަވާލުކޮށްފައިވާކަމަށްވެސް ތިމާވެށްޓާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.