ދަށު ކޯޓުތަކުގެ ފަނޑިޔާރުން ހެދުން އެޅުމުގެ އުސޫލަށް ގެނައި ބަދަލު އަންނަ އަހަރު ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު ޢަމަލުކުރާ ގޮތަށް ފަސްކޮށްފިއެވެ.
ސުޕްރީމް ކޯޓުން މިކަމާއިގުޅޭގޮތުން ހަދާފައިވާ އުސޫލުގައި މީގެ ކުރިން އޮތީ މިއަންނަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދަށު ކޯޓުތަކުގެ ފަނޑިޔާރުން ޝަރީޢަތުގެ މަޖިލީހުގައި ގައުން ބޭނުން ކުރަން ފެށުމަށެވެ. ނަމަވެސް އެ އުސޫލަަށް ގެނައި ފުރަތަމަ އިސްލާހުގައިވާ ގޮތުގައި ދަށު ކޯޓުގެ ފަނޑިޔާރުން ގައުން އެޅުމުގެ އުސޫލަށް އަމަލުކުރަން ފަށާނީ އަންނަ އަހަރު ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.
ސުޕްރީމް ކޯޓުން މިދިޔަ ޖޫން މަހު އާންމުކުރެއްވި "ދަށު ކޯޓުތަކުގެ ފަނޑިޔާރުން ޝަރީއަތުގެ މަޖިލީހުގައި ހެދުން އެޅުމުގެ އުސޫލު"ގައިވާ ގޮތުން ދަށު ކޯޓުތަކުގެ ފަނޑިޔާރުން ޝަރީއަތުގެ މަޖިލީހުގައި ތިއްބަވަން ޖެހޭނީ ގައުން ތުރުކުރައްވައިގެނެވެ.
އެ ގައުނަކީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ތައްޔާރުކުރާ ނަމޫނާއާ އެއްގޮތަށް ހުންނަ ގައުނަކަށް ވާންޖެހޭނެ ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. މި ގައުންތައް ޑީޖޭއޭއިން ފޯރުކޮށްދިނުމަށް ޤަވާއިދު ހިމަނާފައިވާއިރު، އެ ގައުން ޑްރައިކްލީންކޮށް ބެލެހެއްޓުމަކީ ފަނޑިޔާރުންގެ ޒިންމާއެއް ކަމަށް ޤަވާއިދުގައިވެއެވެ.
މި ބަދަލު ގެނައުމުގެ ކުރިން ގައުން ތުރުކުރައްވަންޖެހެނީ ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ފަނޑިޔާރުން އެކަންޏެވެ. އަދި ދަށު ކޯޓުތަކުގެ ފަނޑިޔާރުން ޝަރީއަތުގެ މަޖިލީހުގައި ތިއްބަވަނީ ކަޅު ނުވަތަ ގަދަ ނޫކުލައިގެ ކޯޓު ފަޓުލޫނުގައެވެ.