ދިވެހިރާއްޖެއާ ގުޅޭ ހޮލީވުޑް ފިލްމެއް އުފެއްދުމަށް މަސައްކަތް ކުރައްވަމުންދާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސަޢީދު މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި، އެ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ރާއްޖެއާ ގުޅޭގޮތުން ހޮލީވުޑް ފިލްމެއް އުފެއްދުމަށް މަޝްވަރާ ކުރެވި އެކަމުގެ މަސައްކަތްތަކެއް ކުރިއަށްދާކަން ސަރުކާރުގެ ފަރާތުން ހާމަކުރައްވަމުން އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ސަރުކާރުން ކްރިއޭޓިވް އިކޮނޮމީއެއް ގެނެސް އެއީ ސަރުކާރު ދަންނަ އިޤްތިޞާދީ ހަރަކާތަކަށް ހަދައި، އެކަން ކުރިއަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސިޔާސަތަށް ވާސިލުވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ދާދި ފަހުން ސަރުކާރުގެ ވަފުދެއް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި ގުޅޭ ފިލްމެއް އުފެއްދުމަށް މަސައްކަތްތަކެއް ކުރެވުނުކަން ވަޒީރު ހާމަކުރެއްވިއެވެ.
އެގޮތުން ހޮލީވުޑްގެ ފަރާތްތަކާއި ގުޅިގެން މި މަސައްކަތް ކުރުމަށް ބަލާފައިވާކަން ފާހަގަކުރައްވާ މިކަމާއި ގުޅޭ ސިޓީއެއްވެސް އެއް ފަރާތްތަކަށް ފޮނުވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިކަން ކުރަނީ ރާއްޖެއަށް އަންނަ ފަރާތްތަކަށް މަންފާއެއް ލިބޭގޮތަށް އިންވެސްޓްމެންޓްވެސް އެޓްރެކްޓް ކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިސާލަކަށް ނަމެއް ދަންނަވާނަމަ، އަޅުގަނޑުމެން ސިޓީއެއް ފޮނުވިން ފައިންޑިން ނީމޯ ސްޓޯރީ ލިޔުނު ފަރާތަށް. އެ މަސައްކަތުގެ ތެރެއިން ހޮލީވުޑްގެ ސްޓާޓް އަޕް ކޮމްޕެނިއާކާއެކު މަޝްވަރާކުރެވި ރާއްޖެއަށްވެސް އެބޭފުޅުން އައިސް ގިނަ ފަރާތްތަކާ ބައްދަލުކޮށްފި." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިކުރެވޭ މަސައްކަތާއެކު ފިލްމް އުފެއްދުމުގެ މަސައްކަތް ކުރެވޭނެކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
ސަރުކާރުން މި މަސައްކަތް ކުރަނީ، ކްރިއޭޓިވް އިކޮނޮމީ ސިޔާސަތުގެ ދަށުންނެވެ. އެގޮތުން މީގެ ކުރިންވެސް މިފަދަ މަސައްކަތެކެއް ކުރެވިފައިވީ ނަމަވެސް، މި ސިނާޢަތަކީ ސަރުކާރު ދަންނަ ސިނާޢަތަކަށް ވެފައި ނުވާތީ ކަންކަން ނުކުރެވި ގޮސްފައިވާކަން ސަރުކާރުން ފާހަގަކުރެއެވެ.
ސަރުކާރުން ކްރިއޭޓިވް އިކޮނޮމީ ސިޔާސަތުގެ ދަށުން ރާއްޖެއާއި ގުޅޭ ފިލްމެއް އުފެއްދުމަށް މަސައްކަތް ކުރާއިރު، މީގެ ކުރިންވެސް ރާއްޖޭގައި ހޮލީވުޑް ބައެއް ފިލްމުތައް ޝޫޓް ކޮށްފައި އެބަހުއްޓެވެ. އެގޮތުން ރާއްޖޭގައި ޝޫޓް ކުރެވުނު ފިލްމަކީ ސްޓަރ ވާސް : ރޯގް ވަން އެވެ. މީގެ އިތުރުން ބޮލީވުޑްގެ ބައެއް ފިލްމްތަކާއި ޑްރާމާ އަދި ލަވަތަކުގެ މަންޒަރުތައް ރާއްޖޭގައި މީގެކުރިން ނަގާފައިވާކަން ފާހަގަކޮށްލެވެއެވެ.