ޚަބަރު

ދައުލަތަށް ލިބޭ އާމްދަނީގެ ބަޔަކަށް ތަރިކަ ހެދުމަށް ދަނީ މަސައްކަތް ކުރަމުން: ވަޒީރު


  • ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އެކަން ކުރާ ގޮތަށް ރާއްޖޭގައި ކުރެވޭނެ ކަމަށް ވިދާޅުވި

  • ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދާރުލްއާސާރުތައް ތަރައްޤީކުރަން ދަނީ މަސައްކަތް ކުރަމުން

ތަރިކަ ރައްކާތެރިކުރުމުގެ ދާއިރާއަކީ ހަމައެކަނި ޚަރަދުކުރެވޭ ދާއިރާއެއްގެ ގޮތުގައި އޮންނަ އޮތުން ބަދަލުކޮށް އާމްދަނީ ލިބޭ ދާއިރާއަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ދިވެހި ބަހާއި ތަރިކައާ ބެހޭ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރައްވާ ވަޒީރު އާދަމް ނަޞީރު ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ކަން ހިންގަމުން އައި ގޮތަށް ބަލާއިރު ތަރިކައިގެ ދާއިރާ ވެފައި އޮތީ ބޮޑެތި ޚަރަދުތަކެއް ކުރަން ޖެހޭ ދާއިރާއެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ސަރުކާރުން ބޭނުންވަނީ އެކަން ބަދަލުކޮށް މި ދާއިރާއަކީ ދައުލަތަށް އާމްދަނީ ލިބޭނެ ދާއިރާއަކަށް ހެދުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއާއެކު އެ ވުޒާރާއިން މިހާރު އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ތަރިކައިން އާމްދަނީ ހޯދުމަށް ހިމަނާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެއާ އެއްގޮތަށް މަސައްކަތްތައް ކުރެވެމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދާރުލްއާސާރުތައް ހެދުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، އެކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމަށް ސަރުކާރުން ޤަބޫލު ކުރެއެވެ. އެގޮތުން ދުނިޔޭގެ އެހެން ބައެއް ޤައުމުތަކެކޭ އެއްގޮތަށް މިދާއިރާގެ ކަންކަން ފަރުމާކުރެވި ބަދަލު ކުރެވުމުން ރާއްޖޭގައިވެސް ތަރިކައިން އާމްދަނީ ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިކަން ކުރުމަށް ޒަމާނީ ޓެކްނޮލޮޖީގެ އެހީތެރިކަން ހޯދަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ވަޒީރު އާދަމް ނަސީރު ވިދާޅުވީ، ރާއްޖޭގައިވެސް ދިގު ތާރީޚެއް އޮތްއިރު އެ ވާހަކަތައް ކިޔައި ދިނުމުގައި އާމްދަނީ ލިބޭނެ ގޮތަށް ކަންކަން އިންތިޒާމުކުރަން ޖެހޭކަމަށެވެ.

"ރާއްޖެއަކީ 4000 އަހަރުވީ ތާރީޚެއް އޮތް ތަނެއް ކަމަށް އާންމުކޮށް މި ކިޔަނީ. އެހެން ވީމަ ވަރަށް ގިނަ ވާހަކަތައް އޮތްއިރު އެ ޖެހޭނީ އާމްދަނީ ލިބޭ ގޮތަށް ބަދަލުކުރަން. އެގޮތަށް ވީމަ ތަރިކަ ދިރިއުޅުމުގެ ބަޔަކަށް ވުމުގެ އިތުރުން ޤައުމީ އާމްދަނީގެ ބަޔަކަށްވެސް ވެގެންދާނެ" ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދާރުލް އާސާރުތައް ތަރައްޤީކޮށް ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. ސަޤާފަތާއި ތަރިކައިގެ ދާއިރާއިން އާމްދަނީ ހޯދޭނެ ގޮތަށް ކަންކަން ރާވާ އިންތިޒާމު ކުރައްވާނެ ކަމަށް މިއަހަރު ދެއްވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ސަޤާފަތާއި ތަރިކައިގެ ދާއިރާއިން ފަތުރުވެރިކަން ފުޅާ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.