ރީޑިންގ ނެގުމަކާއި ނުލައި އަދި ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަކަށް ބިލް ނުފޮނުވާނެކަމުގެ ޔަޤީންކަން ސްޓެލްކޯއިން ދީފިއެވެ.
ސްޓެލްކޯއިން މިކަން ފާހަގަކޮށް ބަޔާނެއް ނެރެފައި މިވަނީ އޫޞޫލުތަކާއި ޚިލާފަށް އެކުންފުނިން އަމަލުކުރަމުންދާކަމަށް ބުނެ ސޯޝަލް މީޑިއާގާއި ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ.
ސްޓެލްކޯއިން ވިދާޅުވީ، ސްޓެލްކޯއަކީ ކަރަންޓު ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި 75 އަހަރު ދިގު ތާރީޚެއް އޮތް ކުންފުންޏަކަށްވާއިރު މިހުރިހާ ދުވަހުވެސް މުވައްޒަފުން ކުރަމުންދަނީ އިޙްލާސްތެރި މަސައްކަތެއް ކަމަށެވެ. އަދި އެ މަސައްކަތުގައި ގެންގުޅޭ އަޚްލާޤާއި، ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ރޫޙަށް މިހާތަނަށް އައިއިރުވެސް އެއްވެސް ބަދަލެއް އައިސްފައިނުވާނެކަން ފާހަގަކޮށް އެކަމަށް ކުންފުނިން ފަޙުރުވެރިވެ ޝުކުރުވެރިވާކަން ފާހަގަކުރިއެވެ.
ކަރަންޓު ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މަހުންމަހަށް ގޭގެއަށް ގޮސް ރީޑިންގ ނަގައި ބިލް ތައްޔާރުކޮށް ރައްޔިތުންނަށް ފޯރުކޮށްދެމުންދަނީ ހެދިފައިވާ ޤަވާއިދާއި އުސޫލުތަކުގެ ތެރެއިންކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. އަދި އުޞޫލުތަކާއި ޚިލާފަށް ކުންފުނިން އަމަލު ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންދޭ ކަމަށް އެކުންފުނިން ވިދާޅުވިއެވެ.
ސްޓްލްކޯއިން ވަނީ ރައްޔިތުންގެ މެދުގައި އޮތް ކުންފުނީގެ ތަޞައްވުރަށް ނުބައިގޮތަކަށް އަސަރުކުރާގޮތަށް މިފަދަ ޒިންމާދާރުކަން ކުޑަ ވާހަކަތައް ފެތުރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
އެކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންނަކީވެސް ކުންފުނީގެ ކަސްޓަމަރުންކަމުން އެމުވައްޒަފުންނަކީވެސް އެހެނިހެން ކަސްޓަމަރުންނާއި އެއް އުޞޫލަކުން ރީޑިންގ ނަގައި އެ ރީޑިންގއަށް ބިލް ކުރެވޭ ބައެއްކަން ސްޓެލްކޯއިން ފާހަގަކުރައްވައެވެ. މިއާއެކު ކުންފުނިން ރީޑިންގ ނެގުމާއި ނުލައި އަދި ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަކަށް ބިލް ނުފޮނުވާނެކަމުގެ ޔަޤީންކަން ސްޓެލްކޯއިން ވަނީ ދީފައެވެ.
އަދި މިފަދަ ގޮތަކަށް ޢަމަލުކުރާތޯ ބެލުމަށް ކަމާއިގުޅުންހުރި ހުރިހާ އިދާރާއަކަށް ދައުވަތު އަރުވާކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.