ޚަބަރު

މާރަންދޫ ކައުންސިލުގެ އިންތިޚާބީ މެންބަރަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ


  • ބައި އިލެކްޝަން ޕީއެންސީ ކެންޑިޑޭޓު ކާމިޔާބު ކުރެއްވީ 35 ވޯޓުގެ ތަފާތަކުން

  • މި އިންތިޙާބުގައި 736 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބޭއިރު، 560 މީހުން ވޯޓުލާފައިވޭ

ހއ.މާރަންދޫ ކައުންސިލްގެ ބައި-އިލެކްޝަން ކާމިޔާބުކުރި ޕީއެންސީގެ ކެންޑިޑޭޓަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރީއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އަބްދުލްޙަމީދު އަބްދުއްސައްތާރުއަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި މި އިންތިޚާބު އެ ޕާޓީއަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށާއި، ވޯޓުގައި ބައިވެރިވި ހުރިހާ ރައްޔިތުންނަށް އެމަނިކުފާނު ވަނީ ޝުކުރު ވިދާޅުވެފައެވެ.


އަބްދުލްޙަމީދު މި އިންތިޚާބު ކާމިޔާބުކުރުމާ ގުޅިގެން ޕީއެންސީއިންވެސް ވަނީ އޭނާއަށް މަރުޙަބާ ވިދާޅުވެފައެވެ.

އިލެކްޝަން ކޮމިޝަނުން މިހާރު އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން ޕީއެންސީގެ ކެންޑިޑޭޓު އަބްދުލްޙަމީދު މި އިންތިޚާބު ކާމިޔާބުކުރައްވާފައިވަނީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު ޝިހާމް މުޙައްމަދާއި ވާދަކޮށް 35 ވޯޓުގެ ތަފާތަކުންނެވެ. އަބްދުލްޙަމީދު މި އިންތިޚާބު ކާމިޔާބުކުރެއްވީ 285 ވޯޓު ހޯދައިގެންނެވެ. ޝިހާމްއަށް ލިބިވަޑައިގަތީ 250 ވޯޓެވެ.

މި އިންޚާބުގައި ވޯޓުލުމުގެ ހައްޤު 736 މީހަކަށް ލިބިފައިވެއެވެ. އޭގެ ތެރެއިން 560 މީހުން ބައި-އިލެކްޝަންގައި ވޯޓު ދީފައިވާއިރު، 535 ވޯޓު ސައްޙަ ވޯޓުގެ ގޮތުގައި ވަނީ ގުނާފައެވެ.

މާރަންދޫ ކައުންސިލަށް މެންބަރަކު އިންތިޚާބުކުރުމަށް ބައި-އިލެކްޝަނެއް ބާއްވާފައި މިވަނީ އެކައުންސިލްގެ ނައިބު ރައީސްކަމުގައި ހުންނެވި އަހުމަދު ރަމީޒު މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހު ނިޔާވުމާއި ގުޅިގެންނެވެ.