ޗައިނާއަށް މޯލްޑިވިއަންގެ ދަތުރުތައް ފެށުމަށްޓަކައި ޖެނެރަލް ކާގޯ ސޭލްސް އޭޖެންޓުން (ޖީއެސްއޭ) ހޯދުމުގެ މަސައްކަތް އައިލެންޑު އޭވިއޭޝަނުން ފަށައިފިއެވެ.
ޤައުމީ އެއަރލައިން، މޯލްޑިވިއަން ހިންގާ އައިލެންޑު އޭވިއޭޝަނުން ކުންފުނިން ވިދާޅުވީ ޗައިނާއަށް ދަތުރުތައް ފެށުމަށްޓަކައި އެ ޤައުމުގައި މޯލްޑިވިއަންގެ އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތްތައް ހޯދުމަށް އިޢުލާންކޮށްފައިވާކަމަށެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓު، އީއޯއަައި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 19ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.
ޖީއެސްއޭގެ މަސައްކަތްތަކުގެ ތެރޭގައި ރާއްޖެ އިޝްތިހާރުކޮށް، ޕްރޮމޯޓުކުރުމާއި، އެޤައުމުގެ އެކި ފަރާތްތަކާއި ގުޅިގެން ކުރެވިދާނެ މަރކެޓިންގެ މަސައްކަތްތައް ދެނެގަނެ، އެފަދަ ކަންތައްތައް ތަންފީޒުކުރުން ހިމެނެއެވެ.
އައިލެންޑު އޭވިއޭޝަނުން ބުނީ އެޖެންޓާއެކު ގާއިމްކުރުމަށް ހަމަޖެހިފައިވަނީ 3 އަހަރު ދުވަހުގެ އެއްބަސްވުމެއް ކަމަށެވެ.
ދުނިޔޭގައި އުފައްދާ އެންމެ ބޮޑު އެއް ބްރޭންޑުގެ މަތިންދާބޯޓް ކަމުގައިވާ އެއަރބަސް އޭ 330-200ގެ ވައިޑް-ބޮޑީ މަތިންދާބޯޓެއް ގެނައުމުގެ މަސައްކަތް އައިލެންޑު އޭވިއޭޝަނުން ދަނީ ކުރަމުންނެވެ.
އަދި އެ މަތިންދާ ބޯޓު ދަތުރުތަކުގައި ބޭނުންކުރަން ފެށުމުން ބޭރުގެ އެކި މަންޒިލްތަކަށް ސީދާ ދަތުރުތައް ފެށިގެންދާނެ ކަަމަށް އައިލެންޑު އޭވިއޭޝަނުން ބުނެއެވެ.
އެއަރބަސްގައި 3 ކުލާސް ހިމެނެއެވެ. އެއީ ބިޒްނަސް ކުލާހާއި ޕްރިމިއަމް އިކޮނޮމިކް ކުލާހާއި އިކޮނޮމިކް ކުލާހެވެ. މަތިންދާބޯޓުގައި ޖުމްލަ 264 ގޮނޑި ހިމެނެއެވެ. އެގޮތުން މި މަތިންދާ ބޯޓު ރާއްޖެ ގެނެސް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެތެރޭގައި ޗައިނާއަށް ފެށިގެންދާނެ ކަމަށް އައިލެންޑު އޭވިއޭޝަނުން ހާމަކުރެއެވެ.
މޯލްޑިވިއަނުން ބައިނަލްއަޤްވާމީ ދަތުރުތައް މިހާރު ކުރަމުންދަނީ ބަންގްލަދޭޝްގެ ޑާކާ، އިންޑިއާގެ ޓްރިވެންޑްރަމް، ކޮޗިން އަދި ބެންގަލޫރުގެ އިތުރުން ސްރީ ލަންކާގެ ކޮލޮމްބޯއަށެވެ.