ހުޅުމާލޭގައި ދިރިއުޅޭ ބިދޭސީން ޤާނޫނުތަކާއި ޤަވާއިދުތަކަށް އަހުލުވެރިކުރުމަށް މަޢުލޫމާތު ދީފިއެވެ.
ރާއްޖޭގެ ޤާނޫނުތަކަށް އަހުލުވެރިކުރުވުމަށް ހުޅުމާލޭ ޖޭއެމްސީ ސައިޓުގައި މަސައްކަތްކުރާ ބިދޭސީންނަށް މައުލޫމާތުދިނުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހުޅުމާލޭ އަވައްޓެރި ފުލުހުން ކުރިއަށް ގެންދިޔަ ހަރަކާތުގައި، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ސަމާލުކަންދޭންޖެހޭ ކަންކަމުގެ ތަފާތު މަޢުލޫމާތު ދީފައިވާ ކަމަށެވެ. އޭގެތެރޭގައި ރާއްޖޭގެ ބައެއް ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އަދި އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ ކަންކަމާއި މަސައްކަތްކުރަން އުޅޭއިރު އިތުރަށް ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތުދީފައިވާކަމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މަޢުލޫމާތު ދިނުމުގެ ހަރަކާތުގައި ކުށަށް ހުށަނޭޅޭނެ ގޮތަށް އަމަލުތައް ބެހެއްޓުމަށާއި އެއްގަމު އުޅަނދު ދުއްވުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއި ޓްރެފިކް ޤާނޫނާއި ގަވާއިދުތަކާ ގުޅޭ މައުލޫމާތުވެސް ދީފައިވާ ކަމަށެވެ. މިމަޢުލޫމާތު ދީފައިވަނީ ހިންދީ ބަހުން ކަމަށެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދިނުމުގެ ސިލްސިލާ ޕްރޮގްރާމްތައް މާލެއާއި އަތޮޅުތެރޭގައި ހިންގަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.