ޚަބަރު

ސަރުކާރުން އަޅާ ފިޔަވަޅުތަކާއެކު ދަރަނި ދެއްކުމަށް އޮތް ހުރަސްތައް ނައްތާލެވޭނެ: މާލީ ވުޒާރާ


  • ފިޔަވަޅުތައް ތަންފީޒުކުރުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ އެއްބާރުލުން ލިބޭ

  • އެސްއޯއީތަކުގެ ހިންގުން ހަރުދަނާ ކުރަން ފިޔަވަޅުތައް ދަނީ އަޅަމުން

ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ފަންނީގޮތުން ކުރަންޖެހޭ މަސައްކަތްތައް ނިމި، އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކުރުމަށް ތައްޔާރުވެފައިވާކަމަށް މާލީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މާލީ ވުޒާރާއިން މިހެން ވިދާޅުވީ، ކްރެޑިޓް ރޭޓިން އެޖެންސީއެއްކަމަށްވާ މޫޑިސްއިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިންގ ބަދަލުކުރުމާއި ގުޅިގެނެވެ.

މޫޑިސްއިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓީންގ ސީއޭއޭ1 އިން ސީއޭއޭ2 ބަދަލުކުރި މައިގަނޑު ސަބަބެއްކަމަށް ބުނެފައިވަނީ ބޭރުގެ ފައިސާގެ ދަތިކަމާއި ތަކެތީގެ އަގު އުފުލުމާއި، ޚަރަދުތައް ފޫބެއްދުމަށް ހުރި ދަތިތަކުގެ އިތުރުން މާލީ ހާލަތު ހަރުދަނާކުރަން އަޅާ ފިޔަވަޅުތައް ލަސްވުމެވެ.

މޫޑިސްގެ ރިޕޯޓާއި ގުޅިގެން މާލީ ވުޒާރާއިން ވިދާޅުވީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމުގެ ގޮތުން ކުރަންޖެހޭ ފަންނީ މަސައްކަތްތައް ނިމިފައިވާ ކަމަށާއި، މިހާރު ތައްޔާރުވަމުންދަނީ ފިޔަވަޅުތައް ތަންފީޒުކުރުމަށްކަމަށެވެ. އަދި މި މަސައްކަތުގައި
ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ އެއްބާރުލުމާއި ފަންނީ އެހީތެރިކަންވެސް ލިބެމުންދާކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.

މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އެންމެ އިސްކަމެއް ދޭނީ ފަޤީރުކަން ނައްތާލުމަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށްކަމަށް މާލީ ވުޒާރާއިން ފާހަގަކުރެއެވެ. މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސަބަބުން ދައުލަތަށް ކުރިމަތިވެފައިވާ މާލީ ބުރައަށް ލުޔެއް ހޯދުމަށް، ކުންފުނިތައް ހަރުދަނާ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކުރަމުންދާކަމަށްވެސް މާލީ ވުޒާރާއިން ވިދާޅުވެއެވެ.

މާލީ ވުޒާރާއިން ވިދާޅުވީ މާލީ ހާލަތު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެކުވެރި ޤައުމުތަކާއި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން މާލީ އެހީތެރިކަން ޔަޤީންކޮށް، ހުރިހާ އިންވެސްޓަރުންނާއިއެކުވެސް ރަނގަޅު ގުޅުމެއް ދަމަހައްޓަމުން ގެންދާ ކަމަށެވެ.

މާލީ ވުޒާރާއިން ވިދާޅުވީ، ފަތުރުވެރިކަން ކުރިއަރަމުން ދިއުމުގެ ސަބަބުން އިޤްތިޞާދީ ކުރިއެރުން ލިބި، މާލީ ހާލަތުވެސް ރަނގަޅުވެގެންދާނެކަމަށެވެ. އަދި ޚަރަދު ސަރުކާރުން އަޅާ ފިޔަވަޅުތަކާއި އިގްތިސާދީ ކުރިއެރުންތަކުގެ ސަބަބުން ދަރަނި ދެއްކުމަށް ހުރި ހިރާސްތައް ކުޑަކުރެވޭނޭކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.