ޚަބަރު

ޑިޖިޓަލް ޓެކްނޮލޮޖީއަކީ މުޅި ރާއްޖެ އެއްހަމައެއްގައި ތަރައްޤީކުރަން އެންމެ މުހިންމު ނިޒާމު: ވަޒީރު ޑރ.ޙައިދަރު


  • ޑިޖިޓަލް ނިޒާމަކުން މުޅި ރާއްޖެ ގުޅުވާލުމުގެ މުހިންމުކަން ފާހަގަކުރެއްވި

  • އައު އީޖާދުތަކާ ޓެކްނޮލޮޖީއާ ރައްޓެހި މުޖުތަމަޢުއެއް ބިނާކުރަން ޖެހޭކަމަށް ވިދާޅުވި

ޒަމާނީ ވަސީލަތްތަކާއި ޑިޖިޓަލް ޓެކްނޮލޮޖީއަށް އަހުލުވެރި މުޖުތަމަޢުއެއް ބިނާކުރުމަކީ މާލެ ސަރަޙައްދާ އަތޮޅުތަކުގެ ފަރަގު ނައްތާލުމަށް ކުރެވޭނެ އެންމެ މުހިންމު އެއް މަސައްކަތްކަމަށް ގެދޮރުވެރިކަމާ ބިމާ ޢުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ.ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ "ސަމިޓް އޮފް ދަ ފިއުޗަރ ސައިޑް އިވެންޓް: އަ ވިޜަން ފޯ އިންޓެލޖެނސް ޑްރިވެން ފިއުޗަރ ފޯ މޯލްޑިވްސް" ގެ ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުންނެވެ. މި ޕެނަލް ޚާއްސަކޮށްފައިވަނީ މުޖުތަމަޢުގެ ޚިދުމަތްތައް ފަސޭހަކުރުމަށްޓާކާ ޒަމާނީ ވަސީލަތްތަކަށް އަހުލުވެރި މުޖުތަމަޢުއެއް ބިނާކުރުމުގެ މައްޗަށެވެ.

މި ޕެނަލްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ގެންދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު ވިދާޅުވީ ވަކިވަކި ރަށްތަކެއްގެ ގޮތުގައި ރާއްޖެ އުފެދިފައި އޮތުމަކީ ޚިދުމަތްތައް އެއްހަމައެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އޮތް އެންމެ ބޮޑު ގޮންޖެހުންކަމަށެވެ. ޒަމާނީ ވަސީލަތްތަކާ ވިސްނުންތަކުގެ އަލީގައި ޑިޖިޓަލް ނިޒާމަކުން ދިވެހިރާއްޖެ ގުޅާލެވުމަކީ އެތައް މައްސަލައަކަށް ޙައްލު ގެނުވާނެ ބަދަލަކަށް ވެގެންދާނެކަމަށް ވަޒީރު ވަނީ ވިދާޅުވެގައެވެ.

ވަޒީރު ވިދާޅުވީ، ޒަމާނީ ބަދަލުތަކުގެ އެހީގައި އައު ވިޔަފާރިތައް އުފެދުމާއި ޓެކްނޮލޮޖީއާއި ރައްޓެހި ޖީލެއް އުފެދިއްޖެނަމަ ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމަށެވެ.

އެގޮތުން މިފަދަ ކުރިއެރުންތައް ބޭނުންވާ ދާއިރާތަކުގެ ތެރޭގައި ގުދުރަތީ ވަސީލަތްތަކުން ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމާއި، ރައްޖެއަށް މޫސުމަށް އަންނަ ބަދަލުތައް މޮނިޓަރ ކުރުމަށް ޒަމާނީ ވަސީލަތްތައް އިތުރުކުރުމާއި، މަސްވެރިކަމުން ލިބޭ މަންފާ އިތުކުރުމަށް އިތުރު ވަސީލަތްތައް ޤާއިމުކުރުމާއި، މަގުމަތީގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް "ސްމާރޓް" ނިޒާމުތައް ބޭނުންކުރުން ފަދަ ކަންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ރާއްޖެއާގުޅޭ މަޢުލޫމާތާއި ޑޭޓާ ރައްކާކުރެވޭނެ މިހާރަށްވުރެ ރަނގަޅު ނިޒާމެއް އޮތުމަކީވެސް، ޒަމާނީ ނިޒާމުތަކަށް އަހުލުވެރިކުރުމަށް ކުރާ މަސައްކަތުގައި ޚަރަދުތައް ކުޑަކުރެވޭނެ ކަމެއްގެ ގޮތުގައި ވަޒީރު ޑރ. ޙައިދަރު ވިދާޅުވިއެވެ.

"އެންމެ ބޮޑު ގޮންޖެހުމަކީ ރީޖަނަލް ޑިވެލޮޕްމަންޓް. މާލެ ސަރަޙައްދާއި އަތޮޅުތަކުގައި އޮތް ފަރަގު. އިޖްތިމާޢީ، އިޤްތިޞާދީ ކުރިއެރުމަށް ހުރަސް އެޅޭ. މި ފަރަގު އެންމެ ބޮޑަށް ކުޑަކުރެވޭނީ އަރޓިފިޝަލް އިންޓެލިޖެންސްއާއި ޒަމާނީ ޑިޖިޓަލް ނިޒާމަކަށް ފައްކާވެގެން." އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، އީޖާދީ ވިސްނުންތަކުން ތަޢުލީމުގެ ފުރުޞަތުތައް އިތުރުވެ ފަހިވެގެންދިއުމަކީވެސް، ރާއްޖެ މި ދާން ބޭނުންވާ މިސްރާބަށް ދިއުމަށް ވަރަށް ބޮޑު ރޯލެއް އަދާކުރާނެކަމެއްކަމަށެވެ. އެހެންކަމުން އައު އެކި ދާއިރާތަކުން ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދީ، އައު ޓެކްނޮލޮޖީތައް ތަޢާރަފުކުރާފަދަ ޖީލެއް ބިނާކުރުން ރާއްޖެއަށް މިވަގުތަށް ވަރަށް މުހިންމުވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ސަމިޓް އޮފް ދަ ފިއުޗަރ" ޕެނަލްގައި ރާއްޖޭގެ ހާލަތާ ކުރިއެރުމަށް ކުރާ މަސައްކަތާއި ގުޅޭގޮތުން ދާއިރާގެ ތަޖުރިބާކާރުން ވަނީ މަޢުލޫމާތު ޙިއްސާކޮށްފައެވެ. މިއީ އދގައި ބާއްވާ އާއްމު މަޖިލީހުގެ މަތީފަންތީގެ ބައްދަލުވުމުގެ ހަވާސާގައި ރާއްޖޭގައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ.