ޚަބަރު

ހިރިމަރަދޫ ރައްޔިތުން އެދެނީ ތުލުސްދުއަށް ބަދަލުވާން: ވަޒީރު އާދަމް ޝަރީފް


  • 2022 ވަނަ އަހަރު ހިރިމަރަދޫގެ އާބާދީ އަކީ 293

  • ތުލުސްދޫއަށް ބަދަލުވުމަކީ ރައްޔިތުންގެ ނިންމުމެއް ކަމަށް ވަޒީރު ވިދާޅުވި

ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ރައްޔިތުން ކ.ތުލުސްދޫއަށް ބަދަލުވާން އެދިފައިވާ ކަމަށް ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު ޚިދުމަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ ހިރިމަރަދޫ ކައުންސިލާއެކު ބޭއްވި ބައްދަލުވުމަކަށް ފަހު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ހިރިމަރަދޫ ކައުންސިލާއެކު ވަޒީރު އާދަމް ޝަރީފު ޢުމަރު ބޭއްވެވި ބައްދަލުވުމުގައި ކައުންސިލުންވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އެގޮތުން އެރަށު ރައްޔިތުން އެހެން ރަށަކަށް ބަދަލުވުމުގެ މަސައްކަތް އަވަސް ކޮށްދެއްވުމަށްވަނީ އެދިފައެވެ. މީގެ އިތުރުން ކައުންސިލަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އަވަސް ހައްލެއް ހޯދައި ދެއްވުމަށްވެސް ކައުންސިލުން ވަނީ އެދިފައެވެ.

މިބައްދަލުވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު ޚިދުމަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، ހިރިމަރަދޫ ރައްޔިތުންގެ އެދުމަކީ ކ. ތުލުސްދޫއަށް ބަދަލުވުން ކަމަށެވެ. އަދި މިއީ އެރަށު ރައްޔިތުންގެ ނިންމެވުމެއްކަން ވަޒީރު ހާމަކުރެއްވިއެވެ.

ހިރިމަރަދޫ އަކީ ރާއްޖޭގެ އެންމެ އާބާދީ މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އެގޮތުން އެންމެ ފަހުގެ ބޯހިމެނުމުން ދައްކާގޮތުގައި އެރަށުގެ އާބާދީއަކީ، 293 އެވެ.

ސަރުކާރުގެ ޢަމާޒަކީ މާލެއަށް ބަރޯސާނުވެ އަތޮޅުތަކުންވެސް ޒަމާނީ ޚިދުމަތްތައް ލިބޭނެ ގޮތަށް ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައިވެސް އަރބަން ސެންޓަރެއް ތަރައްޤީކުރުމެވެ. މިއާއެކު ކުދި ރަށްރަށުގެ ރައްޔިތުންވެސް މިފަދަ ފުރުޞަތުތައް އޮތް ރަށްރަށަށް ޝަޢުގުވެރިކަން އިތުރުވެ، އެ ރަށްރަށަށް އަމިއްލަ އިޚްތިޔާރުގައި ހިޖުރަކުރުމުގެ ފުރުޞަތު ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާވެސްވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް މިމަސައްކަތްތައް ކުރިއަށްދާއިރުވެސް ކުދި އާބާދީ އޮތް ރަށްރަށަށް ބޭނުންވާ ޚިދުމަތްތައްވެސް ފުރިހަމައަށް ޤާއިމުކޮށްދެއްވާނެ ކަމަށްވެސް ރައީސްވަނީ ވިދާޅުވެފައެވެ.