މިދިޔަ ހަފްތާގައި މިފްކޯއަށް ކިރުވާފައިވާ މަހުގެ އަދަދު %12.5 އިތުރުވެއްޖެއެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޑެޓް، މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި އެކުންފުންޏަށްވަނީ 467 ޓަނުގެ މަސް ކިރުވާފައެވެ. އޭގެ ކުރީ ހަފްތާގައި މިފްކޯއަށް ކިރުވާފައިވަނީ 415 ޓަނުގެ މަހެވެ.
މުޅި ރާއްޖެއަށްވެސް މަސްވެރިކަން ވަރަށް ބޮޑަށް ދަށްވުމަށްފަހު މިހާރު އަނެއްކާވެސް މިފްކޯއަށް ކިރާ މަހުގެ އަދަދު މިވަނީ އިތުރުވާން ފަށާފައެވެ.
މިފްކޯއަށް މިދިޔަ ހަފްތާތެރޭގައި 467 ޓަނުގެ މަސް ކިރުވާފައިވާއިރު މިއީ 192 ދޯނިން ކިރުވާފައިވާ މެހެވެ. އޭގެ ކުރީ ހަފްތާގެ ހިސާބުތަކަށް ބަލާއިރު، އެ ހަފްތާގައި މަސް ކިރުވާފައިވަނީ 119 ދޯނިންނެވެ. އެހެންކަމުން މިދިޔަ ހަފްތާގައި އިތުރަށް 73 ދޯނިން ވަނީ މިފްކޯއަށް މަސް ކިރުވާފައެވެ.
މިދިޔަ 2 ހަފްތާއަށް ބަލާއިރު، މިފްކޯއަށް އެންމެ ގިނަ އަދަދަކަށް މަސް ކިރުވާފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. އެ ދުވަހު 44 ދޯންޏަކުން 135 ޓަނުގެ މަސް ވަނީ ކިރުވާފައެވެ.
މިފްކޯއިން ވަނީ މަސްވެރިން މަހަށް ނިކުތުމަށް ހިތްވަރު ދިނުމުގެގޮތުން މިފްކޯއަށް މަސްކިރާ ދޯނިތަކަށް 10 ޓަނާ ހަމައަށް ކްރެޑިޓަށް އައިސް ދޫކުރަމަށް ނިންމާފައެވެ. އެގޮތުން ކްރެޑިޓަށް އައިސް ވިއްކާ ދޯނިފަހަރު މަސްކިރުމުން މިފްކޯއިން ބިލު ހަދާނީ، ކްރެޑިޓަށް އައިސް ގަތް ފައިސާ ބިލުން އުނިކުރުމަށްފަހުގައެވެ.
މަސްވެރިން ކިރާ މަހަށް ފައިސާ ދިނުމުގެ ކަންކަން އަވަސްކުރުމަށްވެސް ކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މަސްވެރިން ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ކިރުވާ މަހަށް އެންމެ ލަސްވެގެން 2 ހަފްތާގެ ތެރޭގައި ފައިސާ ދޫކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ސަރުކާރުން މިހާތަނަށް މަސްވެރިންނަށް 1.1 ބިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ 3 ސެޕްޓެމްބަރާއި ހަމައަށް މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާއެވެ.
މަސްވެރިންނަށް މަސް ކިރޭނެ ފަސޭހަ އިންތިޒާމްތަކެއްވެސް މިފްކޯއިން ވަނީ ހަމަޖައްސާފައެވެ. އެގޮތުން މިފްކޯގެ މަސް ބޯޓުތަކާއި މިފްކޯގެ ކަލެކްޝަން ސެންޓަރުތަކުން ދަނީ މަސް ކިރަމުންނެވެ.