މިއަހަރުގެ މިހާތަނަށް 200 އަށްވުރެ ގިނަ ޖަމާޢަތްތެރިން ތާމްރީންކޮށްފައިވާކަމަށް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ތަމްރީންކޮށްފިއެވެ.
ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަށުކަމާކެމީގެ ކަންކަން ކުރުމަށް ޖަމާޢަތްތެރިން ތަމްރީންކުރުމުގެ ޒިންމާ ސަރުކާރުން މަތިކޮށްފައި އޮންނަނީ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއެވެ. ޖަމާޢަތްތެރިންނަކީ މީހަކު މަރުވުމުން އޭނާގެ ކަށުކަމާކެމީގެ އެކި ކަންކަންކުރާ މީހުންނެވެ.
ޖަމާޢަތްތެރިން ތަމްރީންކުރުމަށް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން އަބަދުވެސް ޕްރޮގްރާމްތައް ކުރިއަށްގެންދެއެވެ. ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ، މިއަހަރުގެ މިހާތަނަށް 15 ރަށެއްގައި މިފަދަ ޕްރޮގްރާމްތައް ކުރިއަށްގެންގޮސްފައިވާ ކަމަށާއި 200 އަށްވުރެ ގިނަ މީހުން ތަމްރީންކޮށްފައިވާ ކަމަށެވެ.
ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ، މާލޭ ސަރަޙައްދަށް އަމާޒުކޮށްގެންވެސް ޖަމާޢަތްތެރިން ތަމްރީންކުރުމުގެ ޕްރޮގްރާމެއް މިހާރު ފަށާފައިވާ ކަަމަށެވެ. މިމަހުގެ 1 އިން ފެށިގެން 2 ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި 28 މީހުން ބައިވެރިވެފައިވާކަމަށް ޤުރުއާނާބެހޭ މަރުކަޒުން ވިދާޅުވިއެވެ.
ޖަމާޢަތްތެރިން ތަމްރީންކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމްތަކުގައި ކަށުކަމާކެމީގެ ކަންކަމާގުޅޭ ފިޤުހީ ޢިލްމުތައް ދަސްކޮށްދެވޭނެއެވެ. އެގޮތުން ހިނެވުމާއި، ކަށު ނަމާދުކުރުމާއި، ވަޅުލުމުގައި ޢަމަލުކުރަންޖެހޭ ގޮތް ކިޔަވައިދެވި ޢަމަލީ ތަމްރީންތަކެއް ބައިވެރިންނަށް ކުރިއަށް ގެންދެވޭނެކަމަށް ޤުރުއާނާބެހޭ މަރުކަޒުން ވިދާޅުވެއެވެ.
ޖަމާޢަތްތެރިން ތަމްރީންކުރުމުގެ ޕްރޮގްރާމާ ބެހޭގޮތުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސޯޝަލް މިޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަށްރަށުގައި މިހާރު ޖަމާޢަތްތެރިން ވަރަށް މަދު ކަމަށެވެ.
ރަށްރަށުގައި މަރުވާ މީހުން، ހިނަވާނެ މީހުން ނެތުމާއި، ތިބި މީހުން މަސައްކަތް ނުކުރެވޭ ވަރަށް މުސްކުޅިވެ، ރަށްތަކުގައި މިކަމުގެ ދަތިކަން އޮތުމުން މިކަމަށް ޙައްލު ގެނައުމަށްޓަކައި މުޅި ރާއްޖެއަށް އަމާޒުކޮށް ޖަމާޢަތްތެރިން ތަމްރީނުކުރުން pic.twitter.com/CgU35awAEQ
— Mohamed Shaheem Ali Saeed (@Mohamedshaheem1) September 3, 2024
ރަށްރަށުގައި މަރުވާ މީހުން، ހިނަވާނެ މީހުން ނެތުމާއި ތިބި މީހުން މަސައްކަތް ނުކުރެވޭ ވަރަށް މުސްކުޅިވެ، ރަށްތަކުގައި މިކަމުގެ ދަތިކަން ވަރަށް ބޮޑަށް އޮތްކަން ވަޒީރު ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން މިކަމަށް ޙައްލު ގެނައުމަށްޓަކައި މުޅި ރާއްޖެއަށް އަމާޒުކޮށް ޖަމާޢަތްތެރިން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ޤުރުއާނާބެހޭ މަރުކަޒުން ހިންގަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ވަހުދަތު ރައްކާތެރިކޮށް ދީނީ ޢިލްމާއި ހޭލުންތެރިކަން ކުރިއެރުވުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ޒުވާން ޚަޠީބުން އުފެއްދުމަށް ޚާއްސަ ޕްރޮގްރާމެއް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ދަނީ ކުރިއަށް ގެންދަވަމުންނެވެ. އަދި ތަރުތީލުކޮށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުމަށް ޚާއްސަ ޕްރޮގުރާމެއް ފެށުމުގެ މަސައްކަތް ޤުރުއާނާބެހޭ ޤައުމީ މަރުކަޒުންދަނީ ކުރައްވަމުންނެވެ.