ޤައުމުގެ މާލީ ހާލަތު ދަށްވެ، ރޭޓިންގްތައް ދަށްވެގެން ދިޔައީ އަދުގެ ސަރުކާރުން ނަގާފައިވާ ދަރަންޏަކުންނެއް ނޫނެވެ. އަދި ކޮށްފައިވާ ޚަރަދަކުންވެސް ނޫނެވެ. މިކަން ހާމަވަނީ ދައުލަތުގެ ދަރަނި މިދިޔަ އަހަރުގެ ނިޔަލަށް ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 115 އިންސައްތައިގައި ހުރުމެވެ. ދައުލަތުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެފައިވާ އެ ޚަރަދުތައް ފޫބެއްދުމަށް ހައްދެއް ނެތް މިންވަރަށް "ފައިސާ ޗާޕް" ކުރީއެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތީ ޤައުމުގެ އިޤްތިޞާދު އެގޮތަށް ކުރިއަށް ނުގެންދާނެ ކަމުގެ ޔަޤީންކަމާއެކުގައެވެ. ޤައުމު ވެއްޓިފައިވާ އޮތް އަނދަވަޅު އަރައިގަތުމަށް އަހަރުގެ ކުރީކޮޅު ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅުއްވަން ފެއްޓެވިއެވެ. ލިބޭ އާމްދަނީއަށް ވުރެ ޚަރަދުތައް ބޮޑުވެ، ބަޖެޓް ޑެފިސިޓު ބޮޑުވެގެން ދިއުމަކީ ކަންބޮޑުވުމަކަށްވާއިރު، މިކަން ހަމައަކަަށް އެޅުއްވުމަށް އެމަނިކުފާނު މުހިންމު ފިޔަވަޅުތަކެއް ދަނީ އަޅުއްވަމުންނެވެ. މީގެ ތެރޭގައި ފައިސާ ޗާޕް ކުރުން ހުއްޓާލުމުގެ އިތުރަށް، ދައުލަތުން ޚަރަދުތައް ކުޑަކޮށް ސަރުކާރުން ދައްކަން ޖެހޭ ދަރަނިތައް ދައްކައި، ބޮޑެތި އަދަދުތަކުން ހާލަތާއި ނުބައްދަލު ބަދަލު ދިނުމުގެ ސަޤާފަތް ނިމުމަކަށް ގެންނެވުން ހިމެނެއެވެ.
މިހުރިހާ ފިޔަވަޅާކާއެކު އެމަނިކުފާނު ދެން އިސްކުރެއްވީ، އިޤްތިޞާދު ފުޅާކޮށް އާމްދަނީ އިތުރު ކުރުމުގެ ވިސްނުންފުޅެވެ. އިޤްތިޞާދު ސިންދަފާތުކުރުމަކީ މިހާތަނަށް ހުރިހާ ސަރުކާރެއްގައިވެސް އަބަދުވެސް ދެކެވޭ ވާހަކައެކެވެ. ފަތުރުވެރިކަމަށް ބަރޯސާވެފައިވާ އިޤްތިޞާދު ސިންދަފާތުކުރުމުގެ މުހިންމުކަން ކޯވިޑުގެ ދުވަސްވަރު ހާމަވިއެވެ. ޤައުމުގެ މައި ސިނާޢަތް ބަންދުވި ދުވަހު ޤައުމު ބަރޯސާވާނެ އިތުރު ސިނާޢަތެއް ނެތެވެ. މިއާއެކުވެސް ސިންދަފާތު ކުރުމަށް ހަރުދަނާ މަސައްކަތެއް ނުކުރެވި އޮތްކަމީ ފެންނަން އޮތް ހަޤީޤަތެކެވެ.
މިމަސައްކަތް އަދުގެ ސަރުކާރުން ފެށީއިރު، ރާއްޖޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ މާލީ ސިނާޢަތެއް ޤާއިމް ކުރުމުގެ މަސައްކަތާއެކުގައެވެ. އެގޮތުން ރާއްޖޭގެ ތަރައްޤީގެ ބޭންކު އުފައްދަވައި، ލައިސެންސް ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ބޭންކަށް އައްޔަން ކުރައްވާފައިވަނީ ބައިނަލްއަޤްވާމީ ގޮތުން އެފަދަ މަސައްކަތަކަށް ތަޖުރިބާހުރި ބޭފުޅުންނެވެ.
މީގެ އިތުރުން މިހާރު ތެޔޮރައްކާކުރާ ފުނަދޫގައި މާލީ މަރުކަޒެއް ޤާޢިމްކުރަން ނިންމައި، އެ މަސައްކަތް ފެށީ އިޤްތިޞާދު ސިންދަފާތު ކުރުމުގެ ވިސްނުމުގައެވެ. މިމަސައްކަތް ކުރިއަށްގެންދިއުމަށް މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސް އޮތޯރިޓީ ަނީ އުފައްދަވާފައެވެ. އަދި ޤާނޫނީ ބާރުވެރިކަން ދިނުމަށް ޤާނޫނެއް އެކުލަވާލައި މި ފެށޭ ދައުރުގައި މަޖިލީހަށް ހުށަހަޅަން ސަރުކާރުން ވަނީ ނިންމަވާފައެވެ.
ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ މި ފަސް އަހަރު ތެރޭ މި ފައިނޭންޝަލް ސެންޓަރު ފުނަދޫގައި ޤާއިމްކޮށް ނިންމުމަށެވެ.
މީގެ އިތުރުން އިމްޕޯޓް އެކްސްޕޯޓް ވިޔަފާރި ތަރައްޤީކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯން ކުންފުނި އުފެއްދެވިއެވެ. އަދި އެކުންފުނީގެ ދަށުން އުތުރު ތިލަފަޅުގައި ދިވެހި ރާއްޖޭގެ ފުރަތަމަ ދަނޑުވެރިކަމުގެ ޒޯން ތަރައްޤީކޮށް، އެކަމުގެ ޢަމަލީ މަސައްކަތް މި ޑިސެމްބަރު މަހު ފެށުމަށް ސަރުކާރުން ވަނީ ތައްޔާރުވެފައެވެ.
މިމަސައްކަތް ފަހި ކުރުމަށް ސަރުކާރުން މިހާރު ވަނީ އެގްރޯނެޓް މި ކުންފުނީގެ ބައެއްގެ ގޮތުގައި ހަމަޖައްސަވަން ނިންމަވާފައެވެ.
ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން އެންމެ އަވަހަށް ފެށޭނީ އުތުރުގެ ބަންކަރިން ޚިދުމަތެވެ. މިމަހުގެ 12 ވަނަ ދުވަހު ރަސްމީކޮށް އެ މަސައްކަތް ފަށަން ވަނީ ތައްޔާރުވެފައެވެ. މިއީ ދައުތަލަށް ވަންނަ އާމްދަނީ އެތައް ގުނައެއް އިތުރުކޮށް އިޤްތިޞާދު ފުޅާކުރާނެ އެންމެ ބޮޑު އެއް މަޝްރޫޢުއެވެ.
މިގޮތުން އެސްޓީއޯއިން ބަންކަރިންގް ޚިދުމަތް ދޭން ތައްޔާރުވެފައިވާއިރު، މި ޚިދުމަތަކީ ވަށާ ޖެހޭ ޚިދުމަތަކަށް ހެދުމަށް އުތުރު މެރިޓައިމް ސާވިސްގެ ތެރެއިން 14 ޚިދުމަތެއް ދިނުމަށް އެމްޕީއެލްއިން ވަނީ ތައްޔާރުވެފައެވެ. މިއީ މަދުވެގެން 70 ވަޒީފާ ހަމައެކަނި ފަށާއިރުވެސް އުފެދިގެންދާ މުހިންމު މަސައްކަތެކެވެ.
އިޤްތިޞާދު ސިންދަފާތުކުރުމަށް އައު ސިނާއަތްތައް ތަޢާރަފްކުރުމުގެ މަސައްކަތް ކުރުމުގެ އިތުރުން، ޤައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލާ އޭގެ މަންފާވެސް އެކި ސިނާޢަތްތަކަށް ހޯދައިދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.
އެގޮތުން ޗައިނާއާއިއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ވަރަށް އަވަހަށް ޢަމަލުކުރަން ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ޗައިނާއާއެކު ރާއްޖެއިން ސޮއިކުރީ 2014 ވަނަ އަހަރުއެވެ. އެއްބަސްވުމަށް އަމަލުކުރުމަށް 2017 ވަނަ އަހަރު މަޖިލީހުން ރުހުން ލިބިފައިވާއިރު 2018 ވަނަ އަހަރު ސަރުކާރު ބަދަލުވުމާއެކު އެ އެއްބަސްވުމަށް އަމަލުކުރުން އޮތީ މަޑުޖެހިފައެވެ.
ނަމަވެސް ޗައިނާއާ އެކުވެފައިވާމިނިވަން ވިޔަފާރީގެ އެއްބަސްވުން މިހާރު ކުރިއަށްދާ ޤާނޫނީ މަރުޙަލާ ނިމުމުން، ތަންފިޒްކުރަން ފަށާނެއެވެ. މިއާއެކު މަސްވެރިކަމުގައި 298 ބާވަތަކުން ޑިއުޓީ ފްރީވެގެންދާނެއެވެ.
ޗައިނާގެ އިތުރުން ރާއްޖެއާއި ތުރުކީއާ ދެމެދު ޤާއިމްކުރެވޭ ޕްރިފަރެންޝަލް ޓްރޭޑް އެގްރިމެންޓުގެ ދަށުން، ކަންނެލި މަސް ހިމެނޭހެން ރާއްޖެއިން ބޭރުކުރާ 38 ބާވަތަކުން ޑިއުޓީ ކަނޑާލުމަށްވެސް ފަހިވާނެއެވެ.
މިމަސައްކަތުގެ އިތުރަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތްވެސް ކުރިއެރުވުމަށް ސަރުކާރުން ހުއްޓުމެއް ނެތި ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އައު ކާގޯ ޓާމިނަލުގެ ޚިދުމަތް މިހާރު ދޭން ފަށާފައިވާއިރު، ވެލާނާ އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. މިއީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް މި ސިނާޢަތް ފުޅާކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތައް ލިބޭނެ އެންމެ ބޮޑު އެއް ކުރިއެރުވުމެވެ.
މީގެ އިތުރުން އިޤްތިޞާދުގައި ޑޮލަރު ހިފެހައްޓުމަށް ޤާނޫނާއި ޤަވާއިދުތަކަށް އިސްލާހު ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ނިޒާމުގެ ބޭރުން ޤަވާއިދާ ޚިލާފަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުވައި، ދިވެހީންގެ އިޤްތިޞާދުގެ މިލްކުރެވިކަން އަޅުގަނޑުމެންނަށް ކަށަވަރުކުރަން ސަރުކާރުން ދަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ޤައުމުގެ މާލީ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކުވެސް އިޤްތިޞާދީ ހާލަތު ރަނގަޅު ކަމަށް އައިއެމްއެފް އަދި ވޯލްޑް ބޭންކް ފަދަ މާލީ އިދާރާތަކުންވެސް ފާހަގަކުރެއެވެ.
އެގޮތުން މިއަހަރުގެ ބާކީ ދުވަސްތަކަށް 4.1 އިންސައްތައިގެ ކުރިއެރުމެއް ލަފާކޮށްފައިވާއިރު، އަންނަ އަހަރަށް 6.1 އިންސަތައިގެ ކުރިއެރުން ހޯދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ އިޤްތިޞާދު ސިންދަފާތުކުރުމަށް ކުރެވޭ މިމަސައްކަތްތަކާއެކު އެއަށްވުރެ ރަނގަޅު ކުރިއެރުމެއް ހޯދުމެވެ. އަދި މިހާރު މި އޮތް މާލީ ގޮންޖެހުންތަކުން މި ނޮވެމްބަރު މަހު އަރައިގަނެވޭނެ ކަމަށް ސަރުކާރުން ލަފާކުރައްވައެވެ.