ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން، ވެމްކޯއަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ، ސަރުކާރަށް ބަރޯސާނުވެ ހިންގާ ކުންފުންޏަކަށް އަންނަ އަހަރު މެދުތެރޭގައި ހެދޭނެކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އެންމެ އިސްދައުރެއް އަދާކުރާ ކުންފުންޏަކީ ވެމްކޯއެވެ. އެކުންފުނި އުފެދިގެން މިހާތަނަށް އައިރު، އެކުންފުނި ހިމެނެނީ ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދެއްކޮށްގެން ހިންގާ ކުންފުންޏެއްގެ ގޮތުގައެވެ. ނަމަވެސް އެކުންފުނީގެ އައު މެނޭޖުމަންޓުން ދަނީ ދައުލަތަށް ބަރޯސާވުމުގެ ބަދަލުގައި އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކުންފުންޏަކަށް ހެދުމަށެވެ. މާލީގޮތުން ފުދުންތެރި ކުންފުންޏަކަށް ހެދުމަކީ އެކުންފުނީގެ މެނޭޖުމަންޓުގެ އެންމެ މުހިންމު އަމާޒެވެ.
މިގޮތުން ވެމްކޯއިން ވަނީ އެކުންފުނީގެ ޚަރަދުތައް ވަރަށް ބޮޑަށް ކުޑަކޮށްފައެވެ. މިކަމުގެ ތަފްސީލު ހިއްސާކުރައްވަމުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލު ވިދާޅުވީ، މިއަހަރުގެ ދެވަނަ ކުއާޓަރަށް އާއިއިރު ހިންގުމުގެ ޚަރަދު 46 އިންސައްތަ ކުޑަކުރެވިފައިވާ ކަމަށެވެ.
"ވެމްކޯގެ ހިންގުމުގެ ޚަރަދު %46 މިވަނީ މިއަހަރު ފުރަތަމަ ކުއާޓަރާ ހަމައިން ދެވަނަ ކުއާޓަރަށް ކުޑަ ކުރެވިފައި. މީގެ މާނައަކީ 40 މިލިއަނުން 12 މިލިއަނަށް ޚަރަދުތައް ކުޑަކުރެވުން." މުޖްތަބާ ޖަލީލު ވިދާޅުވިއެވެ.
ކުންފުނީގެ ޚަރަދުތައް ކުޑަކުރުމުގެ އިތުރުން، ވެމްކޯއިން ދަނީ އާމްދަނީ އިތުރުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އެގޮތުން ވެމްކޯގެ ޕްރޮޖެކްޓް ޑިޕާޓްމެންޓެއް ޤާއިމްކޮށް ބިޔަ މަޝްރޫޢުތަކަށް ވެމްކޯގެ ޚިދުމަތް ދިނުމުގެ މަސައްކަތް އެކުންފުނިން ކުރިއަށް ގެންދެއެވެ. މިކަމުގެ ސަބަބުން ކުންފުނީގެ އާމްދަނީއަށް 10 މިލިއަން ރުފިޔާ އިތުރުވެގެން ދިޔަކަން އެކުންފުނިން ފާހަގަކުރެއެވެ.
މިމަސައްކަތުގެ އިތުރުން، ވެމްކޯއަށް ދާދީ ފަހުން ފެށި، ރިސޯޓުތަކުން ކުނި ނެގުމުގެ ޚިދުމަތާއި ދައުލަތުގެ މުއައްސަސާތަކަށް ހާއްސަކޮށްގެން އިމާރާތް ފޮޅާ ސާފު ކުރުމުގެ ޚިދުމަތަކީވެސް ކުންފުނީގެ އާމްދަނީ އިތުރުކުރުމަށް ފެށި މުހިންމު ދެ މަސައްކަތެވެ. މިގޮތުން އިމާރާތް ފޮޅާ ސާފުކުރުން ނުވަތަ "ހޮބާ" ޚިދުމަތް މިހާރު 6 ތަނަކަށް ދެމުންދެއެވެ. އަދި އިތުރު 10 ތަނެއްގައި ޚިދުމަތް ފެށުމަށް މަޝްވަރާތައް ކުރިއަށްދާކަމާށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ވަނީ ވިދާޅުވެފައެވެ. މިއާއެކު 7 މިލިއަން ރުފިޔާ އާމްދަނީއަށް އިތުރު ކުރެވޭނެކަމަށް ވެމްކޯއިން އަންދާޒާ ކުރެއެވެ.
ވެމްކޯގެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ ރިސޯޓުތަކުން ކުނި ނަގައިގެންނެވެ. އެގޮތުން އެކުންފުނިން އަންނަ އަހަރު މެދެއްހާ ހިސާބުގައި ރާއްޖޭގެ 50 އިންސައްތަ ރިސޯޓަށް ޚިދުމަތް ދިނުމަށް ވަނީ އަމާޒު ހިފާފައެވެ.
"އަމާޒަކީ އަންނަ އަހަރު މެދާއި ހިސާބަށް 50 އިންސައްތަ ރިސޯޓުތައް ކަވަރ ކުރުން. މީގެއިން ގާތްގަނޑަކަށް 15 މިލިއަނާއި 17 މިލިއަނާއި ދެމެދު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވޭ" މުޖްތަބާ ވިދާޅުވިއެވެ.
މިހުރިހާ މަސައްކަތާކާއެކު ވެމްކޯގެ އަމާޒަކީ މިހާރު ސަރުކާރަށް އެކުންފުނި ބަރޯސާވެފައި އޮތް އޮތުން ބަދަލުކޮށް އަންނަ އަހަރުގެ މެދެއްތެރޭގައި ފައިދާވާ ކުންފުންޏަކަސް ބަދަލުކުރުމެވެ. އަދި އަމިއްލަ ފައިމަށްޗައް ތެދުވެފައިވާ ކުންފުންޏަކަށް ހެދުމެވެ.
އެއަމާޒު ހާސިލްކުރުމަށް އުތުރުގެ ބަންކަރިން ޚިދުމަތާއެކު އެމްޕީއެލް ގުޅިގެން ކުނި އުކާލުމުގެ ޚިދުމަތް ފެށުމުން އުތުރުގެ އޮޕަރޭޝަން ހަރުދަނާކުރެވި ފަސޭހަތަކެއް ވާނެކަމަށް ވެމްކޯއިން ޤަބޫލުކުރެއެވެ.