ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭ ފަހުމުނާމާއެއް ކަޒަކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު ސޮއިކޮށްފިއެވެ. މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ ކަޒަކިސްތާނުގައި މިހާރު ކުރިއަށްދާ އޭޝިއާ ޕެސިފިކް، މިނިސްޓީރިއަލް ކޮންފަރެންސް އޮން ޑިޖިޓަލް އިންކްލޫޝަން އެންޑް ޓްރާންސްފޮމޭޝަން ކޮންފަރެންސްގެ ހަވާސާގެ ތެރެއިންނެވެ.
މި ފަހުމުނާމާގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުހައްމަދު ކިނާނަތުއެވެ. ކަޒަކިސްތާނުގެ ފަރާތުން ސޮއިކުރެއްވީ، އެޤައުމުގެ ޑިޖިޓަލް ޑިވެލޮޕްމަންޓް، އިނޮވޭޝަން އަދި އެއިރޯސްޕޭސް އިންޑަސްޓްރީގެ ވަޒީރު ޒަސްލާން މެޑީވް އެވެ.
ކަޒަކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު ޓެކްނޮލޮޖީ ގެ ދާއިރާއިން އެއްބާރުލުން ދިނުމާގުޅޭ ފަހުމުނާމާގައި ސޮއިކުރުން. pic.twitter.com/oCD7We7ZRq
— Ministry of Homeland Security & Technology, MV (@HomeMinistrymv) September 4, 2024
މި އެއްބަސްވުމުގެ ދަށުން ދެ ޤައުމު ގުޅިގެން، ޓެކްނޮލޮޖީގެ ދާއިރާއިން ދެ ޤައުމަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށް އެކުގައި މަސައްކަތް ކުރެވޭނެއެވެ. އަދި ޓެކްނޮލޮޖީގެ ދާއިރާގެ ފަންނީ މަސައްކަތްތަކަށް މީހުން ބިނާކުރުމަށްވެސް އެކުގައި މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިމަހުގެ 3 އިން 5 އަށް ކަޒަކިސްތާނުގައި ކުރިއަށްދާ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ވަޒީރުންގެ ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެން ޑރ. ކިނާނަތު ވަނީ ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާއާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އަދި ކޮންފަރެންސްގެ އެކި ހަރަކާތްތަކުގައި ރާއްޖެ ތަމްސީލްކޮށްދެއްވާފައިވެއެވެ.