ދިވެހީންގެ ޠަބީޢަތަކީ މިނިވަންކަމާއެކު ދެމި ތިބުން ކަމަށާއި އެމަނިކުފާނުގެ މުޅި ސިޔާސަތު ބިނާކުރައްވަނީ އެ އަސާސުގެ މައްޗަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ޤައުމީ ދުވަހަކީ ޤައުމާމެދު ވިސްނުމުގެ ދުވަސް ކަމަށާއި ޤައުމު ބިނާކުރުމަށް އައު ހިތްވަރެއް ނެރުމުގެ ދުވަސްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ތާރީޚު އަބަދުވެސް ދައްކައިދީފައި އޮތީ ދިވެހިރާއްޖެއަށް ފާރަލާ ބޭރުގެ ލޯތައް އުޅޭކަން ކަމަށާއި، މިހާރު ފެންނަން ހުރި ތަރިކަތަކުން ސާބިތުކޮށްދެނީ ކާބަފައިންނަކީ މި ޤައުމުގެ ދިފާޢުގައި ހުރިހާ މާނައެއްގައި ހުރިހާ ޒަމާނެއްގައި މަސައްކަތްކުރި ބައެއްކަންކަމަށެވެ.
ރާއްޖެއަކީ އަބަދުވެސް ދުނިޔޭގެ ބާރުތަކުގެ ވާދަވެރިކަމުގައި ހަމަލާތައް ރައްދުވާ އަދި އެ ހަމަލާތައް ރޫޅާލައި ސަލާމަތްވެގަންނަ ބަޔަކު އުޅޭ ރާއްޖެއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހީންނަކީ އަބަދުވެސް މިނިވަންކަމުގެ ބަޠަލުންކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހީންގެ ޠަބީޢަތަކީ މިނިވަންކަމާއެކު ދެމި ތިބުން ކަމަށާއި އެމަނިކުފާނުގެ މުޅި ސިޔާސަތު ބިނާކުރައްވަނީ އެ އަސާސުގެ މައްޗަށް ކަމަށެވެ. އެގޮތުން، މިއަދު ރާއްޖޭގައި ބޭރުގެ ސިފައިން ޤާއިމުވެ ނެތީ އެ ސިޔާސަތުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.
"މިއަދު ރާއްޖެ ބަލަހައްޓަން އެންމެ ޒަމާނީ ޓެކުނޯލޮޖީއާއެކު އުޅަނދުތައް އުދުހެމުން އެދަނީ އެހެންވެގެން. އަދި މިއަދު ދިވެހި ޤައުމިއްޔަތުގެ ޚާއްޞަ ނިޒާމެއް ތަޢާރަފުކުރެވި އެ ދާއިރާގެ ތަޢުލީމާ ހޭލުންތެރިކަން އާންމު ކުރަމުން މިދަނީ މި މުހިންމު ބޭނުމުގައި. ދިވެހި ޤައުމިއްޔަތުން ދަސްވާނީ ދިވެހިވަންތަކަން ކުރިއަރުވާން. މި ލޮބުވެތި ދިވެހިރާއްޖެ ނުވަތަ ދިވެހި ފަސްނގަޑާ ދިވެހީން ހަވާލުވާން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހީންގެ މަސްކަނޑުތައް ދިވެހީން ޒަމާނުއްސުރެ ސަލާމަތްކުރުމުގެ ޠަބީޢީ ސިއްރަކީ ދިވެހިންގެ ބަނޑުފުރާނަ މުއްތިކުރާ މައިރޯއްޖަކީ އެ ކަނޑުތަކުން ލިބޭ ރިޒުޤުކަމުގައިވުން ކަމަށެވެ.
އެ ކަނޑުތަކުގެ މައްޗަށް ދިވެހީންގެ ބާރު ގެއްލިއްޖެ ނަމަ އެއީ ހައިހޫނުކަމެއްގެ ފެށުންކަން ދިވެހިން ދަންނަ ކަމަށާއި އެހެންވެ ޤައުމަށް ވަފާތެރި ދަރީން ބިނާކުރުމަށްޓަކައި މަސައްކަތްތެރި ޖީލުތަކެއް ބިނާކުރަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަންނަން އޮތް ދިވެހި ޖީލުތަކަކީ މި ދިވެހި ބިމަށް ވަޒަންވެރި ޖީލުތަކަކަށް ހެދުން މުހިންމުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތަނެއްގެ ބާރާ ނުފޫޒު އަބަދުވެސް އޮންނާނީ އެތަނެއްގެ މުއްސަނދިކަން ނުވަތަ ރިސޯސްތައް އެބައެއްގެ އަތުގައި އޮތް ބަޔަކަށްވެގެން ކަމަށެވެ. އަދި ރިސޯސްތައް އަތްމައްޗަށް އަރާނީ މަސައްކަތްތެރިކަމާއި ހުނަރުވެރިކަމުގެ ތެރެއިންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.