ޚަބަރު

ޞިއްޙީ ޚިދުމަތުގެ ނިޒާމަށް އިންޤިލާބީ ބަދަލެއް ގެެނެސްދިނުމަށް އެކުލަވާލި ބިލު ތަސްދީޤުކުރައްވައިފި


  • ޞިއްޙީ ޚިދުމަތް ދިނުމުގެ ޤައުމީ ނިޒާމުގެ ކަންކަން ހިންގާނީ ވަޒީރުގެ ލަފާގެ މަތީން ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސް

ސިއްޙީ ޚިދުމަތުގެ ޤައުމީ ނިޒާމު ހަރުދަނާކޮށް އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދެވޭނެ ޞިއްޙީ ޚިދުމަތް ދިނުމުގެ ޤައުމީ ނިޒާމެއް ޤާއިމްކުރުމަށް ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނަށް ގެނައި ފުރަތަމަ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފިއެވެ.

މި ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ އޯގަސްޓް މަހުގެ 22 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގައި 32 ވަނަ ޖަލްސާއިންނެވެ.

މި ބިލުން، ކުރީގެ ޤާނޫނުގައި ބަޔާންކުރާ ޞިއްޙީ ޚިދުމަތް ދިނުމުގެ ޤައުމީ ނިޒާމު ޤާއިމުކުރުމުގެ މަޤްސަދު އިތުރަށް ފުޅާކޮށް، މި ނިޒާމުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގައި ދިރިއުޅޭ މީހުންނަށް ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން ދުޅަހެޔޮ ޞިއްޙަތަކަށް ވާސިލުވެ ދެމިތިބުމަށް ބޭނުންވާ ޞިއްޙީ ޚިދުމަތާއި ވަސީލަތްތައް ރައްކައުތެރި ގޮތެއްގައި، އަދި އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދެވޭނެ ޞިއްޙީ ޚިދުމަތް ދިނުމުގެ ޤައުމީ ނިޒާމެއް ޤާއިމުކުރުން ކަމުގައި ވަނީ ކަނޑައަޅައިފައެވެ.

މި ބިލުގައި ޞިއްޙީ ޚިދުމަތް ދިނުމުގެ ޤައުމީ ނިޒާމުގެ ކަންކަން ވިލަރެސްކޮށް ހިންގާނީ ވަޒީރުގެ ލަފާގެ މަތީން ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސްކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި ބިލުގައި އެ މަޤާމަށް އައްޔަން ކުރާ މީހާގެ ޝަރުތުތަތައް ވަނީ ހިމަނާފައެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފަށާއިރު ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސްގެ މަޤާމަށް މީހަކު ޢައްޔަނުކޮށްފައިވާނަމަ، އަދި އެއީ މި ޤާނޫނުގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަވާ ފަރާތެއްނަމަ، މި ޤާނޫނުގެ ބޭނުމަށް ޓަކައި އެފަރާތަކީ މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން އެ މަޤާމަށް އައްޔަނުކުރެވިފައިވާ ފަރާތެއްކަމުގައި ބެލެވޭނެކަމަށް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ޞިއްޙީ ޚިދުމަތުގެ ޤައުމީ ނިޒާމަކީ ވަށާޖެހޭ ޞިއްޙީ ފަރުވާގެ ނިޒާމަކަށް ހެދުމަށްޓަކައި އެ ނިޒާމުގައި ފުރިހަމަވާންޖެހޭ ކަންކަމާއި، މި ނިޒާމު ބިނާކޮށް ތަރައްޤީކުރެވިގެންދާނެ ގޮތާއި، އެ ނިޒާމުގެ ދަށުން ލިބިދެވޭ ފަރުވާއާއި ޚިދުމަތްތަކާއި ވަސީލަތްތައް އެދެވޭ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި އެކަމާ ގުޅޭ އުސޫލުތަކާއި މިންގަނޑުތައް ބަޔާންކޮށް ޤަވާޢިދެއް ހެދުމަށް ބިލުގައި ހިމަނާފައިވެއެވެ.

އަދި، ޞިއްޙީ ޚިދުމަތް ދިނުމުގެ ޤައުމީ ނިޒާމުން ފޯރުކޮށްދެވޭ ޕްރިވެންޓިވް ކެއަރގެ ޚިދުމަތުގެ ތެރޭގައި ޢާންމު ޞިއްޙީ ނިޒާމުގެ ތެރޭގައި ހިމެނޭ ޕްރައިމަރީ، ސެކަންޑަރީ އަދި ޓަރޝަރީ ފަރުވާ ހިމެނޭކަމަށާއި، އޭގެ ދަށުން ފޯރުކޮށްދެވެނޭ ޚިދުމަތްތަކާއި އެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ބަލަންޖެހޭ އަސާސްތައް ބިލުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން މި ޚިދުމަތް ފޯރުކޮށްދިނުމުގައި ހުންނަންޖެހޭ މިންގަނޑުތަކެއް ކަނޑައަޅައި، ކޮންމެ އަހަރަކު އެއްފަހަރު މުރާޖަޢާކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ މައްޗަށް މި ބިލުން ވަނީ ލާޒިމުކޮށްފައެވެ.

އޭގެއިތުރުން، އާބާދީގެ ނިސްބަތުން ކަމާބެހޭ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ މިންވަރަށް، ދިވެހިރާއްޖޭގެ ސިޓީތަކުގައި މިނިސްޓްރީން ޕްރިވެންޓިވް ކެއަރގެ ޚިދުމަތް ފޯރުކޮށްދެވޭނެ ފަންނީ މީހުން ހިމެނޭ ޕްރައިމަރީ ކެއަރގެ ޚިދުމަތް ދެވޭނެ މަރުކަޒުތައް ޤާއިމުކުރަންވާނެކަމަށާއި، މި ޚިދުމަތް މެދުނުކެނޑި ދެމުންގެންދާކަން ކަށަވަރުކުރެވޭނެ ގޮތްތަކާއި، ޚިދުމަތުގެ ފެންވަރާއި ރައްކައުތެރިކަން ދެމެހެއްޓުމަށް މި ނިޒާމު ހިނގާނުހިނގާ ގޮތް މޮނިޓަރކުރުމުގެ ޒިންމާ ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރަންސަށް މި ބިލުން މަތިކޮށްފައިވެއެވެ.