މިއަހަރުގެ ފުރަތަމަ 8 މަސްދުވަސްތެރޭ ރާއްޖެއަށް 1.35 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ޑެއިލީ އަޕްޑޭޓް ރިޕޯޓުގައިވާގޮތުން އޮގަސްޓުމަހުގެ ނިޔަލަށް 1359208 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއަދަދަކީ މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 1230081 ފަތުރުވެރިންނާއި އަޅާ ބަލާއިރު %10.5 އިތުރު އަދަދެކެވެ.
• ޖަނަވަރީ – 192385 ފަތުރުވެރިން
• ފެބްރުއަރީ – 217392 ފަތުރުވެރިން
• މާރޗް – 194227 ފަތުރުވެރިން
• އޭޕްރީލް – 168366 ފަތުރުވެރިން
• މޭ – 119875 ފަތުރުވެރިން
• ޖޫން - 123284 ފަތުރުވެރިން
• ޖުލައި – 167528 ފަތުރުވެރިން
• އޮގަސްޓް – 176151 ފަތުރުވެރިން
ވަކި ވަކި ޤައުމުތަކުން ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދުތަކަށް ބަލާއިރު، ބޮޑު ތަފާތަކާއެކު އެންމެ ކުރީގައި އުޅެނީ ޗައިނާއެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ.
• ޗައިނާ - 198704 ފަތުރުވެރިން
• ރަޝިއާ - 147185 ފަތުރުވެރިން
• އިނގިރޭސިވިލާތް – 117582 ފަތުރުވެރިން
• އިޓަލީވިލާތް – 101189 ފަތުރުވެރިން
• ޖަރުމަންވިލާތް – 96183 ފަތުރުވެރިން
ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5682 ފަތުރުވެރިން އާދެއެވެ. އަދި ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް 7 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.
ސަރުކާރުން މި އަހަރަށް ކަނޑައަޅާފައިވަނީ 2 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒެކެވެ. މި އަމާޒަށް ވާސިލުވުމަށް މިހާރު ބޭނުންވަނީ 636691 ފަތުރުވެރިންނެވެ.