ޚަބަރު

ތިނަދޫ ސިޓީގެ ފެނުގެ މައްސަލަ ހައްލުކުރުމަށް އައު އާރުއޯ ޕްލާންޓެއް ބަހައްޓަނީ


  • ތިނަދޫ ސިޓީގައި ޑިމާންޑު ބޮޑުވެ، ފެން ފޯރުކޮށްދިނުމަށްވަނީ ގޮންޖެހުންތައް ކުރިމަތިވެފައި

  • އައު އާރުއޯ ޕްލާންޓާއެކު މައްސަލައަށް ހައްލު ލިބޭނެ ކަމަށް މުއާޒް ވިދާޅުވި

ތިނަދޫ ސިޓީއަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކުރުމަށް އައު އާރުއޯ ޕްލާންޓެއް ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ފެނުގެ މައްސަލަތައް ދިމާވެފައިވާ ރަށްރަށުގައި އެމައްސަލަތަކަށް ހައްލު ހޯދާދިނުމަށް ފެނަކައިންދަނީ މަސައްކަތްކުރަމުންނެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު ވިދާޅުވީ ތިނަދޫ ސިޓީގައި ހުރީ އެންމެ އާރުއޯ ޕްލާންޓެއް ކަމަށެވެ. އަދި ތިނަދޫ ސިޓީގެ އާބާދީ އިތުރުވެފައިވާއިރު، މިހާރު ހުރި އާރުއޯ ޕްލާންޓުން ޑިމާންޑާއި އެއްވަރަށް ފެން ފޯރުކޮށްދިނުމަށް ގޮންޖެހުންތައް އެބަހުރި ކަމަށެވެ. މި އާރުއޯ ޕްލާންޓަށް މައްސަލަތަކެއް ދިމާވެ އެމައްސަލަ އަދިވެސް އެއްކޮށް ވަނީ ހައްލު ނުކުރެވިފައެވެ.

މުޢާޒު ވިދާޅުވީ މިކަމަށް އޮތް ހައްލަކީ އައު އާރުއޯ ޕްލާންޓެއް ބެހެއްޓުން ކަމަށެވެ.

"އެމަސައްކަތް މިހާރު ޕްރޮކިއުމަންޓު ސްޓޭޖުގައި އޮތީ، ތިނަދޫ ސިޓީއަށް ބޭނުންވާ އާރުއޯ ޕްލާންޓު ވަަރަށް އަވަަހަށް ފޯރުކޮށްދޭނަން، މީގެއިތުރުން ވެސް ކުޑަހުވަދޫ، ވިލިގިލި އަދި ހިންނަވަރު ފަދަ ބޮޑެތި ރަށްރަށަށްވެސް ވަރަށް އަވަހަށް ހައްލު ހޯދައިދޭނަން،" މުޢާޒު ވިދާޅުވިއެވެ.

މުޢާޒު ވިދާޅުވީ އައްޑޫ ސިޓީއަށްވެސް ފެނުގެ މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ. އަދި މިކަމަށް ހައްލު ހޯދައިދިނުމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން އެމްޑަބްލިއުއެސްސީ އާއި ހަވާލުކޮށްގެން މަޝްރޫޢެއް ކުރިއަށްދާ ކަމަށެވެ.

"އެޕްރޮޖެކްޓު ނިމި ފެނަކައާއި ހަވާލުކުރާ ހިސާބުން އައްޑޫ ސިޓީއަށްވެސް ހައްލެއް ލިބިގެންދާނެ، މިވަގުތުވެސް މިދަނީ މި ހާލަތުގައި ހުރި މައްސަލަތައް ހައްލުކުރަމުން، އައްޑޫ ސިޓީގައިވެސް،" މުޢާޒު ވިދާޅުވިއެވެ.

ރަށްރަށަށް އަސާސީ ޚިދުމަތްތައް ދިނުމުގެ ބޮޑު ޒިންމާއެއް އަދާކުރަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. އެގޮތުން ގާތްގަނޑަކަށް 150 އަށްވުރެ ގިނަ ރަށުގައި ކަރަންޓުގެ ޚިދުމަތް ފެނަކައިން ފޯރުކޮށްދެމުންދާއިރު، އެ ރަށްރަށުގައި ތަރައްޤީކުރާ ފެނާއި ނަރުދަމާގެ ނިޒާމުތައް ބެލެހެއްޓުން ހަވާލުކުރަމުންދަނީވެސް ފެނަކަ ކޯޕަރޭޝަނާއެވެ.