ދިވެހި ޤައުމާއި ރައްޔިތުންނަށްޓަކައި ދިވެހި ފުލުހުން ދެއްވާ ޚިދުމަތާމެދު ފަޚުރުވެރިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ޚިދުމަތެއްގެ ގޮތުގައި ޤާއިމުކުރިތާ 20 އަހަރު ފުރުމާއި ގުޅުވާ ރައީސުލްޖުމްހޫރިއްޔާ ވަނީ ދުވަހުގެ ތަހުނީޔާ ފުލުހުންނާއި ފުލުހުންގެ ޢައިލާތަކަށް ފޮނުއްވާފައެވެ. އަދި މި ޚިދުމަތުގެ އަގު ޝުކުރެވެރިކަމާއެކު ވަޒަންކުރާ ކަމަށް ރައީސުލްޖުމްހޫރީއްޔާ ވިދާޅުވިއެވެ.
އެމަނިކުފާ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ދިވެހި ޤައުމާއި ރައްޔިތުންނަށްޓަކައި، ރެޔާއި ދުވާލު ދިވެހި ފުލުހުން އަދާކުރަމުންދާ ޒިންމާދާރު ޚިދުމަތަށް ފަޚުރުވެރިވާ ކަމަށެވެ.
ދިވެހި ޤައުމާއި ރައްޔިތުންނަށްޓަކައި، ރެޔާއިދުވާލު ދިވެހި ފުލުހުން ދެއްވާ ޒިންމާދާރު ޚިދުމަތަށް ފަޚުރުވެރިވެ، ޝުކުރު އަދާކުރަމެވެ. pic.twitter.com/B4HkNUrSoi
— Dr Mohamed Muizzu (@MMuizzu) September 1, 2024
ފުލުހުންގެ ޚިދުމަތް ފެށިގެން އައިސްފައިވަނީ 1933 ވަނަ އަހަރުއެވެ. ނަމަވެސް ސިފައިންނާއި ފުލުހުންގެ ޚިދުމަތް އެއް ޚިދުމަތެއްގެ ގޮތުގައި ބައްޓަންވެގެން އައިސް، 2004 ވަނަ އަހަރު ސެޕްޓެމްބަރު މަހު 1 ވަނަ ދުވަހު ފުލުހުންގެ ޚިދުމަތް ވަކިވެ، ދިވެހި ފުލުހުންގެ ޚިދުމަތުގެ މުއައްސަސާ ޤާއިމްވެގެން ދިޔައެވެ. އެހާ ހިސާބުން ފުލުހުން ސިފައިންގެ ޚިދުމަތުން ވަކި ކުރެވި ފުލުހުންގެ ޚިދުމަތް މިނިސްޓްރީ އޮފް ހޯމް އެފެއާޒް ނުވަތަ ދާޙިިލީ ވުޒާރާގެ ދަށަށް އޭރު ބަދަލު ކުރެވިގެން ދިޔައެވެ.
މި ޚިދުމަތަށް ޚާއްސަކޮށްގެން ޤާނޫނެއް ފުރަތަމަ އެކުލަވާލެވި ޢަމަލުކުރަން ފެށުނީ 2008 ވަނަ އަހަރުއެވެ. އޭގެ ފަހުން ފުލުހުންގެ ޚިދުމަތުގެ އައު ޤާނޫނެއް 2020 އެކުލަވާލެވި ޒަމާނީ ކޮމިނިއުޓީ ޕޮލިސިންގެ ފަލްސާފާގެ ތެރެއިން ފުލުހުންގެ ޚިދުމަތް ބައްޓަން ކުރެވިގެން ގޮސްފައިވެއެވެ.
ފާއިތުވި 20 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތަށް އެކި ބަދަލުތައް ގެނެސް ޒަމާނާ އެއްގޮތަށް ދަނީ ހިދުމަތް ފޯރުކޮށްދެމެންނެވެ.