ސިޔާސީ ކަންކަމުގެ ތެރެއަށް ދިވެހި ފުލުހުންގެ ޚިދުމަތް ނުވެއްދުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން އިލްތިމާސްކުރައްވައިފިއެވެ.
ވަޒީރު މިކަމަށް އިލްތިމާސްކުރެއްވީ ޑެބިޓް ކާޑުތަކުން ޑޮލަރު ބޭނުންކޮށްގެން މުއާމަލާތް ނުކުރެވޭ ގޮތަށާއި މިހާރު ހުރި ކްރެޑިޓް ކާޑުތަކުގެ ލިމިޓު ކުޑަކުރުމަށް ބީއެމްއެލުން ނިންމި ނިންމުމާ ގުޅިގެން ވެރިކަން ބަދަލުކުރުމަށް މަސައްކަތްކޮށްފައިވޭތޯ ބެލުމަށް ފުލުހުންގެ ތަހުގީގު ފެށުމުން ސޯޝަލް މީޑިއާގައި ސިޔާސީ ބައެއް ފަރާތްތަކުން ފުލުހުންނަށް އަމާޒުކޮށް ދައްކަމުންދާ ވާހަކަތަކާ ގުޅިގެންނެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ ބޭންކުގެ ނިންމުމަކީ ރައްޔިތުންގެ ވަރަށް ގިނަ ބަޔަކަށް އަސަރުކުރާނެ ނިންމުމެއް ކަމަށާއި އެނިންމުމާއެކު ސަރުކާރާ ވާދަވެރި ސިޔާސީ ފަރާތްތަކުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އެގަޑީގައި ސޯޝަލް މީޑިއާގައި "ބޮޓު" އެކައުންޓުތަކެއް ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމަށް ގޮވާލާފައިވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އެގޮތުން، ރައީސް އިސްތިއުފާ ދެއްވަންޖެހޭ ކަމަށާއި މީހުން މަގުމައްޗަށް ނުކުތުމަށާއި ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅު ކައިރިއަށް އެއްވެ ގެކޮޅަށް ވަންނަން ގޮވާލާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ދާޚިލީ ވަޒީރު ވިދާޅުވީ އެހާ ގިނަ އިއްތިފާގުތައް އެއްފަހަރާ ކުރިމަތިވުމުން ރައްޔިތުންގެ ސުވާލުތައް ހުންނާނެ ކަމަށާއި އެސުވާލުތަކަށް ޖަވާބުދާރީވާނެ ތަހުގީގީ އިދާރާއަކީ ފުލުހުންގެ ޚިދުމަތް ކަމަށެވެ. އެހެންވެ، ފުލުހުންގެ ޒިންމާ އަދާކުރުމުން އެ ތަނުގެ ހައިބަތު ގެއްލޭގޮތަށް ވާހަކަ ނުދެއްކުމަށް ސިޔާސީ ފަރާތްތަކަށް ވަޒީރު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.
"މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަހުގީގެއް ކުރަން ފެށުން އޭގެ މާނައަކީ ގޮތެއް ނިންމުމެއް ނޫން. އޭގެ މާނައަކީ އެކަން ބަލާނަމޭ. ބަލާފަ ކަމެއް އޮތިއްޔާ އެކަމަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަމޭ. ކަމެއް ނެތިއްޔާ ނެތްވާހަކަވެސް ދިވެހި ރައްޔިތުންނަށް އަންގަދޭނަމޭ. މިއީ ތަހުގީގު ކުރުމުގެ ބޭނުމަކީ. އެކަމަކު މި ތަހުގީގު ފެށުމުން ކޮމިޝަނަރގެ އިސްތިއުފާއަށް ގޮވަން ފަށައިފި. މިއީ ވަރަށް ޣައިރު ޒިންމާދާރުކަމެއް،" ވަޒީރު ވިދާޅުވިއެވެ.
ތަހުގީގެއް ފެށުމަކީ އެއްވެސް މީހަކު ހާސްވާންޖެހޭ ކަމެއް ނޫންކަމަށްވެސް ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެފައިވަނީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ދިވެހި ރައްޔިތުންނަށް ކުއްލި ސިހުމެއް ގެނުވާފަދަ ނިންމުމެއް ނިންމި ވަގުތާއި ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާއި ބެހޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އަދި ހަމަ އެވަގުތު މީސް މީޑިއާގައި ބޮޓް(އަސްލު މީހަކަށް ނިސްބަތް ނުވާ) އެކައުންޓުތައް ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމަށް މަގުތަކަށް ނިކުތުމަށް ގޮވާލާ އާންމު ހަމަޖެހުން ނަގާލުމަށް ގޮވާލާފައިވާ ކަމަށެވެ. އަދި އެފަރާތްތަކުން ޤައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރު ދީފައިވާ ކަމަށާއި މިއީ ޤާނޫނީ ސަރުކާރެއް ޣައިރު ޤާނޫނީކޮށް ބަދަލުކުރުމަށް ކުރިކަމެއްގެގޮތުގައި ބެލުމުގެ ޖާގަ އޮތް ކަމެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.