ޚަރަދު ކުޑަކުރުމަށާއި އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު މިހާރަށްވުރެ ރަނގަޅުވާނެކަމަށާއި، މާލީ ނިޒާމަށް ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް އެދެވޭ ނަތީޖާއަކަށް ވާސިލްވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ. މަރުކަޒީ ބޭންކުން މިހެން ވިދާޅުވީ، ދުނިޔޭގެ ކްރެޑިޓް ރޭޓިންގ ފާމް "ފިޗް"އިން ރާއްޖެއަށް ދީފައިވާ ރޭޓިންގ "ސީސީސީ" އިން "ސީސީ" ގްރޭޑިންގއަށް ބަދަލުކުރުމާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
ރާއްޖޭގެ ކްރެޑިޓް ރޭޓިންއާ ބެހޭ ގޮތުން ފިޗު ރޭޓިންސް އިން ނިންމާފައިވާ ނިންމުމާ ގުޅޭ ގޮތުން އެމްއެމްއޭއިން ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމާއި ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދު ކުރިއެރުވުމަށް ރާވައިފައިވާ ކަންކަމާއި އިސްތިރާޖީ ގޮތުން ގެނެވޭ ހަރުދަނާ ބަދަލުތަކަށް ރިއާޔަތްކުރުމަކީ މުހިއްމުކަމެއް ކަމަށެވެ. މިގޮތުން، ފަތުރުވެރިކަމުގެ ސިނާއަތާއި އެހެނިހެން މައިގަނޑު އިގްތިސާދީ ސިނާއަތްތައް ކުރިއަރަމުންދާތީ ރާއްޖޭގެ އިގްތިސާދު ދާނީ ކުރިއަށްކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.
މިމަހުގެ 27ގެ ނިޔަލަށް ފަތުރުވެރިން ޒިޔާރަތްކުރި އަދަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު %11 އިން އިތުރުވެފައިކަން އެމްއެމްއޭއިން ފާހަގަކުރެއްވިއެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ބެޑް ނައިޓްސް ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %7 އިން އިތުރުވެފައިވާކަމަށްވެސް އެމްއެމްއޭއިން ވިދާޅުވިއެވެ. މިފަދަ ސަބަބުތަކާ އެކު މިއަހަރުގެ ގައުމީ އުފެއްދުންތެރިކަން %4.9 ކުރިއަރާނެ ކަމަށް އެމްއެމްއޭއިން ލަފާކުރެއެވެ. އަދި 2025 ވަނަ އަހަރު ގައުމީ އުފެއްދުންތެރިކަން ހުންނާނެ ކަމަށް ލަފާކުރެވެނީ %6.5 ގައިކަމަށް މަރުކަޒީ ބޭންކުން ވިދާޅުވިއެވެ.
މީގެ މައިގަނޑު އެއް ސަބަބަކީ މިއަހަރު ފަހުކޮޅު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވެ މި ސިނާއަތް ކުރިއަރާނެ ކަމަށް ލަފާކުރެވޭތީކަމަށްވެސް އެމްއެމްއޭއިން ވިދާޅުވިއެވެ. އެހެންކަމުން ބެލެންސް އޮފް ޕޭމަންޓް ކަރަންޓް އެކައުންޓް ޑެފިސިޓް 2023 ގައި %21.4 ގައި ހުރުމަށް ފަހު 2024 ވަނަ އަހަރު މިއަދަދު ހުންނާނެ ކަމަށް ލަފާކުރެވެނީ %19.9 ގައިަކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.
ރަސްމީ ރިޒާވުގައި ފުރަތަމަ ހަތް މަސް ދުވަހުގެ ނިޔަލަށް ހުރީ 395 މިލިއަން ޑޮލަރެވެ. އަދި ޔޫޒަބަލް ރިޒާވް ނުވަތަ ބޭނުން ކުރެވޭ ރިޒާވް ހުރީ 45 މިލިއަން ޑޮލަރުގައެވެ. މިދިޔަ އަހަރުގެ މި މުއްދަތު ތެރޭގައި ރިޒާވް ބޭންކް އޮފް އިންޑިއާއިން ނަގާފައިވާ 100 މިލިޔަން ޑޮލަރުގެ ސްވޮޕް ހިމަނައިގެން ޖުމުލަ ރިޒާވް ހުރީ 594 މިލިއަން ޑޮލަރައް ވަނީ އަރާފައެވެ. މިއާއެކު ބޭނުންކުރެވޭ ރިޒާވް 129 ޑޮލަރަށް އިތުރުވެފައިވާއިރު، މި އަދަދުގެ ތެރޭގައި ނިމިދިޔަ ސަރުކާރުން އެސްޑީއެފްއަށް ޖަމާކުރަމުންދިޔަ ޑޮލަރު މާރުކުރުމަށްފަހު ރިޒާވަށް ބޭނުންކުރުމަށް ދީފައިވާ ފައިސާ ހިމެނެއެވެ.
ސަރުކާރުން ހަވާލުވިއިރު އެސްޑީއެފްގެ ޔޫއެސް ޑޮލަރު ކަސްޓޯޑިއަން މާރުކުރުމުގެ ސަބަބުން ހުރީ އެންމެ 5 މިލިއަން ޑޮލަރުކަމަށް މަރުކަޒީ ބޭންކުން ހާމަކުރެއެވެ. ނަމަވެސް މި އަދަދު މިހާރު 65 މިލިއަން ޑޮލަރަށް މާރު ނުކޮށް ބެހެއްޓުމުން އިތުރުވެފައިވާކަން އެމްއެމްއޭއިން ފާހަގަކުރައްވައެވެ. އަދި، ބޭނުންކުރެވޭ ރިޒާވުގެ އަދަދު ހިމަނައިގެން، މިއަހަރު ފުރަތަމަ 7 މަސް ނިމުނު އިރު 105 މިލިއަން ޑޮލަރު ހުރިކަމުގައި އެމްއެމްއޭއިން ވިދާޅުވެއެވެ. ސަރުކާރުން ލަފާކުރަނީ އެސްޑީއެފް އަދި ބޭނުންކުރެވޭ ރިޒާވް ހިމެނޭހެން މިއަހަރުގެ ނިޔަލަށް 606 މިލިއަން ޑޮލަރަށްވުރެ އިތުރުވެގެންދާނެ ކަމަށެވެ.
ރާއްޖޭގެ ރަސްމީ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ސަރުކާރާއި މަރުކަޒީ ބޭންކު ގުޅިގެން ރީފައިނޭންސް ގްރީން ބޮންޑެއް އިޝޫކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އަދި ސާކް ފްރޭމްވާކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑިއާ އާއެކު 400 މިލިއަން ޑޮލަރުގެ ފޮރިން ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް ގާއިމުކުރުމުގެ ފަންނީ ހުރިހާ މަސައްކަތެއް ނިމި، މިހާރު މި އެއްބަސްވުން އޮތީ ސޮއިކުރުމުގެ މަރުހަލާގައި ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.
ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރުގައި އެކްސްޗޭންޖް ރޭޓް ދެމެހެއްޓުމަށްޓަކައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޯވިޑް-19އާއި ގުޅުވައި ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ރުފިޔާގެ ސާޕްލަސް ލިކުއިޑިޓީ އިތުރުވުމެވެ. މިގޮތުން މިއަހަރުގެ ޖުލައި މަސް ނިމުނު އިރު ބޭންކިން ނިޒާމުގައި ސާޕްލަސް ލިކުއިޑިޓީ ހުރީ އެވްރެޖްކޮށް 6.7 ބިލިއަން ރުފިޔާގައިކަމަށް އެމްއެމްއޭއިން ފާހަގަކުރައްވައެވެ. މީގެ ސަބަބުން ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުޑަކުރުމަށްޓަކައި، ބޭންކިން ނިޒާމުގައި އިތުރުވެފައިވާ ސާޕްލަސް ލިކުއިޑިޓީ މަނިޓަރީ ވަސީލަތްތައް ބޭނުން ކޮށްގެން ބޭންކިން ނިޒާމުން ނެގުމަށް ނުވަތަ މޮޕް-އަޕް ކުރުމަށް އެމްއެމްއޭއިން ދަނީ ތައްޔާރުވަމުންނެވެ.
އަދި ރާއްޖޭގައި ހަރަކާތްތެރިވާ ވިޔަފާރި ބޭންކްތަކަށް ދިމާވެފައިވާ ބޭރު ފައިސާގެ ލިކުއިޑިޓީގެ ގޮންޖެހުންތަކަށް ލުއެއް ހޯދައި ދިނުމުގެ ގޮތުން އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ އިންސްޓްރުމެންޓްތަކަށް ބަދަލުތަކެއް ގެނައުމަށް އެމްއެމްއޭގެ ބޯޑުން ވަނީ ނިންމާފައެވެ.
ސަރުކާރުގެ މެދުރާސްތާގެ ފިސްކަލް އަދި ޑެޓް ސްޓްރެޓެޖީ އާ އެއްގޮތްވާގޮތުގެ މަތިން ޚަރަދު ކުޑަކުރުމަށާއި އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު މިހާރަށްވުރެ ރަނގަޅުވާނެ ކަމަށް މަރުކަޒީ ބޭންކުން އަންދާޒާ ކުރެއެވެ. އަދި މާލީ ނިޒާމަށް ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް އެމްއެމްއޭ އާއި މާލީ ވުޒާރާ އާއި ސަރުކާރުގެ އެހެން ވުޒާރާތަކާއި އިދާރާތައް އެކުވެގެން ކުރާ މަސައްކަތުން އެދެވޭ ނަތީޖާއަކަށް ވާސިލްވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.