ދައުލަތުގެ މާލީ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ފުރިހަމައަށް ތާޢީދުކުރާކަމަށް ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންސީތައް ތަމްސީލްކުރާ އެންމެ ބޮޑު ޖަމުޢިއްޔާ މަޓާޓޯއިން ހާމަކޮށްފިއެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާޒް، މަޓާޓޯއިން މިކަން ހާމަކޮށްފައި މިވަނީ މާލީ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް އެ ޖަމުޢިއްޔާއިން ފާޑުކިޔާކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެނެވެ.
މަޓާޓޯއިން ނެރުނު ބަޔާނެއްގައި ބުނީ މާލީ ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާކަމަށާއި ދައުލަތަށް އާމްދަނީ ހޯދާ ގޮތްތައް ހަރުދަނާކޮށް މިހާރު ނިޒާމުގައި ހުރި މައްސަލަތަކަށް ހައްލު ލިބެންޖެހޭކަމަށެވެ. އަދި މިއީ ގެންނަން މިހާރުވެސް ލަސްވެފައިވާ ބަދަލުތަކެއްކަން ފާހަގަކުރަމުން މަޓާޓޯއިން ބުނީ މާލީ ޙާލަތު ހަރުދަނާ ކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކަށް އެ ޖަމުޢިއްޔާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށެވެ.
މި ބަޔާނުގައި މަޓާޓޯއިން ވަނީ ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ޑޮލަރުން ޓެކްސް ދެއްކުމާއި ގުޅޭގޮތުން ޤާނޫނަށް ގެންނަން އުޅޭ އިސްލާހާއި އެ ޖަމުއިއްޔާ ދެކޮޅު ހަދާކަމަށް ބުނެ ދައްކާ ވާހަކަތައް ދޮގުކޮށްފައެވެ.
މާޓާޓޯއިން ބުނީ ޓެކްސްއާ ބެހޭ ޤާނޫނަށް ބަދަލު ގެންނަން ކުރާ މަސައްކަތަށް މަޓާޓޯގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށެވެ. އަދި ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ޑޮލަރުން ޓެކްސް ދައްކަން ފެށުމުން އޭގެ ފައިދާ އިޤްތިޞާދަށް ކުރާނެ ކަމަށްވެސް މަޓާޓޯގެ ބަޔާނުގައިވެއެވެ.
މަޓާޓޯގެ ބަޔާނުގައި ވަނީ ސަރުކާރުން ޤައުމުގެ އިޤްތިޞާދު ހަރުދަނާކޮށް ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ކުރާ ހުރިހާ މަސައްކަތަކަށް އެއްބާރުލުން ދޭނެކަންވެސް ހާމަކޮށްފައެވެ.
ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، އޭގެތެރޭގައި އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކާއި ޚަރަދުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅުތައް ހިމެނެއެވެ. އެގޮތުން ޚަރަދު ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުން މިދިޔަ 6 މަސް ދުވަހުގެ ތެރޭ 16 ބިލިއަން ރުފިޔާ ސަލާމަތްކުރެވިފައިވާކަން އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މީގެއިތުރުން ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ޑޮލަރުން ދެއްކޭނެ ގޮތް ހެދުމަށް ޓެކްސް ޤާނޫނަށް ބަދަލު ގެނައުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ. މީގެ އިތުރުން ޑޮލަރުން މުސާރަ ދޭ ކުންފުނިތަކުން ޕެންޝަން ފަންޑަށް ޖަމާކުރާ ފައިސާވެސް ޑޮލަރުން ޖަމާކުރެވޭނެ ގޮތަށް ޤާނޫނުތައް އިސްލާހުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރައްވަމުންނެވެ. މީގެ އިތުރުން ޓެކްސް ބޭސް ބޮޑުކުރުމާއި، ސަބްސިޑީސްތަކަށް ބަދަލުގެ ގެނައުމަކީވެސް މާލީ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން އެކުލާވާފައިވާ މަގުޗާޓުގައި ހިމެނޭ ކަންކަމެވެ.