މޯލްޑިވްސް ލީޑަރޝިޕް ޕްރޮގްރާމުގެ ދެވަނަ ބުރު މި މަހު ބާއްވަން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ "މޯލްޑިވްސް އެގްޒެކެޓިވް ލީޑަރޝިޕް ޕްރޮގްރާމް"ގެ ނަމުގައި ކުރިއަށްގެންދާ މި ބެޗްގެ ތަމްރީން ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27ން 28 އަށް މާލޭގައި ކަމަށެވެ.
މޯލްޑިވްސް ލީޑަރޝިޕް ޕްރޮގްރާމަކީ އެކުވެރި ޢަރަބި އިމާރާތް (ޔޫ.އޭ.އީ) އާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ "އެކްސްޕީރިއަންސް އެކްސްޗޭންޖް އޮން ގަވަރންމަންޓް ޑިވެލޮޕްމަންޓް އެންޑް މޮޑަނައިޒޭޝަން" ފަހުމުނާމާގެ ދަށުން ކުރިއަށް ގެންދާ ތަމްރީނާ ތަޖުރިބާ ބަދަލު ކުރުމުގެ ޕްރޮގްރާމެކެވެ. މިއީ ޔޫ.އޭ.އީގެ މިނިސްޓްރީ އޮފް ކެބިނެޓް އެފެއާޒުން ކުރިއަށް ގެންދާ "ގަވަރމަންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ޕްރޮގްރާމް"ގެ ކެޕޭސިޓީ ބިލްޑިންގ ވަރކްސްޓްރީމްގެ ދަށުން ޔޫ.އޭ.އީ ސަރުކާރުން ހިންގާ ލީޑަރޝިޕް ޕްރޮގްރާމުގެ ދެވަނަ ބެޗެވެ.
ރައީސް އޮފީހުން ވިދާޅުވިގޮތުގައި މި ފަހަރުގެ ޕްރޮގްރާމު އަމާޒުކޮށްފައި ވަނީ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި އެ ފެންވަރުގެ މަގާމުތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންނަށެވެ.
ވަރކްޝޮޕް ސެޝަންތަކާއި އޮންލައިން ސެޝަންތަކާއި ފީލްޑް ވިޒިޓުތައް ހިމެނޭހެން، 3 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިޕްރޮގްރާމުގައި ރާއްޖެއާއި ޔޫއޭއީގައި ވެސް ސެޝަންތައް ބާއްވާނެއެވެ. އެގޮތުން، މާލޭގައި މިމަހު ބާއްވަނީ މިޕުރޮގުރާމުގެ ވަރކްޝޮޕް މޯޑުގައި ހިންގާ މޮޑިއުލްތަކުގެ ތެރެއިން ދެ މޮޑިއުލެއްގެ ސެޝަންތަކެވެ.
މި ޕްރޮގްރާމުގެ ދަށުން ޔޫއޭއީގައި ކުރިއަށްގެންދާ ސެޝަންތަކުގައި ބައިވެރިވުމަށާއި، ޔޫއޭއީ ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުން ކުރިއަށްގެންދާ ރިފޯމް އެންޑް މޮޑަރނައިޒޭޝަން ޕްރޮގްރާމުތައް ދެނެގަނެ، ތަޖުރިބާ ހާސިލުކުރުމަށްޓަކައި، ޕްރޮގްރާމުގެ ބައިވެރިން ޔޫއޭއީއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. މި ޕްރޮގްރާމު ފުރިހަމަކުރާ ބައިވެރިންގެ ދަސްވެނިވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބުރުވަރީ މަހު ޔޫއޭއީގައި ބާއްވާ ވާރލްޑް ގަވަރންމަންޓް ސަމިޓުގައެވެ.
މޯލްޑިވްސް އެގްޒެކެޓިވް ލީޑަރޝިޕް ޕުރޮގުރާމުގެ ސެޝަންތައް ނަންގަވައިދެއްވަން ޔޫއޭއީން ރާއްޖެއަށް ވަޑައިގަންނަވާ ބޭފުޅުންގެ ޚަރަދުތަކާއި، ޕްރޮގްރާމުގެ ބައިވެރިން ޔޫއޭއީއަށް ކުރައްވާ ދަތުރުތަކުގެ ހުރިހާ ޚަރަދެއް ހަމަޖައްސާނީ ޔޫއޭއީ ސަރުކާރުން ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.