ޚާރިޖީ ވަޒީރު މޫސާ ޒަމީރު ސައުދީ ޢަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
4 ދުވަހުގެ މި ދަތުރުފުޅަކީ ސައުދީ ޢަރަބިއްޔާގެ ފޮރިން މިނިސްޓަރ ޕްރިންސް ފައިސަލް ބިން ފަރްހާން އަލް-ސަޢުދުގެ ދައުވަތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.
ޚާރިޖީ ވަޒީރުގެ ދަތުރުފުޅުގެ ތެރެއިން، މަތީ ފެންވަރުގެ މުހިންމު މަޝްވަރާތަކެއް ވަނީ ބާއްވާފައެވެ. އެގޮތުން ސައުދީ ސަރުކާރުގެ އިސް ފަރާތްތަކާ ސައުދީ ފަންޑުގެ އިސް ބޭފުޅުންނާވެސް ވަޒީރު ބައްދަލުކުރެއްވިއެވެ.
އެގޮތުން ސައުދީގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ފައިސަލް ބިން ފަރްހާން އަލް-ސަޢުދާ އެކު ބޭއްވި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، ސަޢުދީ ޢަރަބިއްޔާގެ ވަލީއަޙުދު އަދި ބޮޑު ވަޒީރު، މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒަށް ފޮނުއްވި ސިޓީފުޅެއް އެ ޤައުމުގެ ޚާރިޖީ ވަޒީރަށް އަރުވާފައެވެ.
އެ ބައްދަލުކުރެއްވުމުގައި، އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، އިޤްތިޞާދީ ރޮނގުންނާއި، ބައިނަލްއަޤްވާމީ މަސްރަހުގައި އެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެ ވަޒީރުންވަނީ މަޝްވަރާކުރައްވާފައެވެ.
ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވަނީ ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މި ދަތުރުފުޅަށްފަހު ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނޭކަމަށް އުންމީދުކުރައްވާކަމަށް ޚާރިޖީ ވަޒީރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވިދާޅުވެފައެވެ.
ރާއްޖެއާއި ސަޢޫދީ އަރަބިއްޔާއާ ދެމެދު އޮންނަ އިޤްތިޞާދީ ގުޅުންތައް އިތުރަށް ބަދަހިކުރުމާއި ގުޅޭ ގޮތުންވެސް މުޙިއްމު މަޝްވަރާތަކެއް މި ދަތުރުފުޅުގެތެރެއިން ވަނީ ކުރިއަށްގެންގޮސްފައެވެ.
އެޤައުމުގެ އިންވެސްޓްމަންޓް މިނިސްޓްރީގެ އެސިސްޓެންޓް މިނިސްޓަރާއި ޑެޕިއުޓީ މިނިސްޓަރ އޮފް ފިނޭންސް ފޯ އިންޓަރނޭޝަނަލް ރިލޭޝަންސް އާއި އެ ޤައުމުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރާއި ބައްދަލުކުރެއްވުމުގެ އިތުރުން ސައުދީގެ ޑެޕިއުޓީ މިނިސްޓަރ އޮފް ފިނޭންސް ފޯ އިންޓަރނޭޝަނަލް ރިލޭޝަންސް ޚާލިދު ބަވާޒިއަރއާވެސް ވަނީ ބައްދަލުކުރައްވާފައެވެ. މަރުކަޒީ ބޭންކުގެ ގަވަރުނަރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ އިގްތިސާދީ ހާލަތާއި ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭހެން ރާއްޖޭގައި ހުރި އިންވެސްޓްމަންޓުގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތުވެސް ވަޒީރު މޫސާ ޒަމީރު ހިއްސާކުރައްވާފައެވެ.
ރާއްޖެއަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ސައުދީ ފަންޑް ފޯރ ޑިވެލޮޕްމަންޓްގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގައި މިހާރު ހިނގަމުންދާ މަޝްރޫއުތަކާއި ކުރިއަށްރޭވިފައިހުރި މަޝްރޫއުތަކުގެ މައުލޫމާތު ވަޒީރު ވަނީ ހިއްސާކުރައްވާފައެވެ. އަދި ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.
ސައުދީއށް ކުރެއްވި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވަނީ އެޤައުމުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ޒިޔާރަތްކުރައްވައި އެމްބަސީގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. އެމްބަސީގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ އެމްބަސީގެ ފަރާތުން އެ ޤައުމަށް ދަތުރުކުރާ ދިވެހީންނަށް ފޯރުކޮށްދެމުންދާ ޚިދުމަތުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އަދި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގައި އެމްބަސީން އަދާކުރަންޖެހޭ ދައުރުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.
ވަޒީރު ވަނީ ސަޢޫދީ އަރަބިއްޔާގެ ރިޔާޛުގައި ދިރިއުޅޭ ދިވެހިންނާވެސް ބައްދަލުކުރައްވާފައެވެ. އެބައްދަލުވުމުގައި ރާއްޖެއިން ބޭރުން ތައުލީމް ހާސިލުކުރުމާއި އެހެނިހެން މަސައްކަތްތަކުގައި ކުރިއަށްދިއުމަށް ވިހާވެސް ގިނަ ދިވެހީންނަށް ފުރުސަތުތައް ހޯދައިދިނުމުގައި ސަރުކާރު ދެމިއޮންނާނެކަމަށް ވަޒީރު މޫސާ ޒަމީރު ވަނީ ވިދާޅުވެފައެވެ.
ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ އިތުރުން މި ދަތުރުފުޅުގައި އެމްބެސެޑަރ އެޓް ލަރޖް އަޙުމަދު ނަސީރު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސިއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ޝަރީފް މުޙައްމަދު، ޖޮއިންޓް ސެކްރެޓަރީ ބަދޫރާ ސަޢީދު އަދި ޚާރިޖީ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އައިޝަތު ފަރީނާ ބައިވެރިވެވަޑައިގެންނެވިއެވެ.