ޚަބަރު

ތަރައްގީގެ ސްޓްރެޓެޖީތައް އެކުލަވާލުމަށްޓަކައި، ބައިނަލްއަގުވާމީ އެއްބާރުލުމަށް އިސްކަންދިނުން މުހިންމު: މަޖިލީހުގެ ރަައީސް


  • ރާއްޖެއަށް ވަކި ޚާއްސަ ގޮންޖެހުންތަކާއި ފުރުސަތުތަކެއް އެބަހުރި

  • ރާއްޖޭގެ އިގްތިސާދީ ތަރައްގީގެ ސްޓްރެޓެޖީތައް ރާއްޖޭގެ ޑިމޮކްރެޓިކް އޮނިގަނޑާވަނީ ގުޅިފައި

ތަރައްޤީގެ ސްޓްރެޓެޖީތައް އެކުލަވާލުމަށްޓަކައި، ބައިނަލްއަގުވާމީ އެއްބާރުލުމަށް އިސްކަންދިނުން މުހިންމުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޗައިނާގެ ބެއިޖިންގައި މިހާރު ކުރިއަށްދާ "2024 އިންޓަރ-ރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމަންޓް އޮފް ދަ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ފޯރ ޑިވެލޮޕިންގ ކަންޓްރީސް" ގައި ތަގުރީރުކުރައްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲގެ ތަގުރީރުގައި ހުރިހާ ފަރާތްތަކެއް ހިމެނޭ އިޤްތިޞާދީ ގޮތުން ބަވަނަވެފައިވާ ދުނިޔެއަކަށް ވާސިލުވުމަށްޓަކައި ތަރައްޤީގެ ސްޓްރެޓެޖީތައް އެކުލަވާލުމާބެހޭ ގޮތުން އަލިއަޅުއްވާލައްވާ ވިދާޅުވީ ކޮންމެ ޤައުމަކުންވެސް އެ ޤައުމެއްގެ ވަކި ޚާއްޞަ ހާލަތްތަކަށާއި ވަސީލަތްތަކަށް ރިޢާޔަތްކުރަންޖެހޭކަމަށެވެ. އެގޮތުން، ބަވަނަވެފައިވާ ދުނިޔޭގައި ކުޑަ ޖަޒީރާ ޤައުމެއްގެ ގޮތުގައި އޮތް ދިވެހިރާއްޖެއަށްވެސް ވަކި ޚާއްސަ ގޮންޖެހުންތަކަކާއި ފުރުސަތުތަކެއް އެބަހުރިކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ތަރައްގީގެ ސްޓްރެޓެޖީތައް ވަނީ ރާއްޖޭގެ ޑިމޮކްރެޓިކް އޮނިގަނޑާއި ތިމާވެށީގެ ދެމެހެއްޓެނިވިކަމާ ވަރަށް ބޮޑަށ ގުޅިފައިކަމަށެވެ. އަދި ސިޑްސްގެ 4 ވަނަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅާ ހަވާލާދެއްވައި، ވިދާޅުވީ ދެމެހެއްޓެނިވިކަމަކީ ދިވެހިންގެ އަސާސްކަމަށާއި، ވިލުންތެރިކަމަކީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިކަމަށެވެ.

މީގެއިތުރުން، އެންމެންނަށް ފައިދާ ލިބޭފަދަ އިޤްތިޞާދީ ގޮތުން ބަވަނަވެފައިވާ ދުނިޔެއަކަށް ތަރައްޤީގެ ސްޓްރެޓެޖީތައް އެކުލަވާލުމަށްޓަކައި، ދެމެހެއްޓެނިވި އުސޫލުތަކަށާއި، ޑިމޮކްރެޓިކް އުސޫލުތަކަށާއި، ބައިނަލްއަޤްވާމީ އެއްބާރުލުމަށް އަހަންމިއްޔަތުކަން ދިނުމަކީ މުހިންމުކަމެއްކަމެއްކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި ރާއްޖެއިން އެމަގަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށާއި، އެކަމުގައި ޗައިނާއާއި އަދި އެހެނިހެން ޤައުމުތަކާއެކު ގުޅިގެން މަސައްކަތްކުރެއްވުމަށް ބޭނުންވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

2024 އިންޓަރ-ރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމަންޓް އޮފް ދަ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ފޯރ ޑިވެލޮޕިންގ ކަންޓްރީސް ކުރިއަށްދަނީ 18 އިން 23 އޯގަސްޓްގެ ނިޔަލަށެވެ.

މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުއާއި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުއާއި ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއީލްގެ އިތުރުން މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛާ ފާޠިމަތު ނިޔުޝާ ބައިވެރިވެވަޑައިގަންވައެވެ.