ޚަބަރު

"ކަންނެލި މަސްވެރިކަަމަށް ޚާއްސަ އުތުރުގެ ސަރަހައްދުތަކުގައި ލޭނު މަސްވެރިކަންކުރަން ހުއްދައެއް ނުދޭނެ"


  • ހުއްދަ ނުދެނީ ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ރ. އަތޮޅުގެ ވަކި ސަރަހައްދަކާ ހަމައަށް

  • ލިބުނު ޚިޔާލުތަކަށް ރިއާޔަތްކޮށް ލޭނު މަސްވެރިކަން ކުރުމުގެ ޤަވާއިދު އިސްލާހުކުރާނެ

ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކުން ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއިބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ލޭނު މަސްވެރިކަމަށް ހުއްދަ ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވި ނިންމެވުމާ އެއްގޮތަށް މަސްވެރިކަމާއިބެހޭ ވުޒާރާއިން ވަނީ އެކަމަށް ޚާއްސަ ޤަވާއިދެއް އެކުލަވާލާފައެވެ. އެ ޤަވާއިދުގެ ދަށުން ލޭނު މަސްވެރިކަމަށް ހުއްދަ ދޭނެ އުޅަނދުތަކާއި އުޅަނދުތަކުގައި ހުންނަންޖެހޭ މިނގަނޑުތައް ކަނޑައަޅާފައިވާއިރު، އެކަމުގެ މަޤްޞަދަކީ ދިވެހިންނަށް ލޭނު މަސްވެރިކަމަށް ފުރުސަތު ހުޅުވާލުން ކަމަށް މަސްވެރިކަމާއިބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން މިހާރުވެސް ދިވެހި އުޅަނދުތައް ލޭނު މަސްވެރިކަން ކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ދިވެހިންނަށް ލޭނު މަސްވެރިކަން ކުރުމަށް ފުރުސަތު ދޭއިރު، ލޭނު މަސްވެރިކަން ކުރާނެ ސަރަހައްދުތައް އެ ވުޒާރާއިން ވަނީ ކަނޑައަޅާފައެވެ. އެގޮތުން ލޭނު މަސްވެރިކަން ކުރަން ހުއްދަދެނީ ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުން 100 މޭލު ބޭރުގައެވެ. މިގޮތަށް ހުއްދަދޭއިރު މަސްވެރިކަމާއި ބެހޭ ވުޒާރައިން ވަނީ ކަންނެލި ބާނަން އެންމެ ގިނަ މަސްވެރިން ހަރަކާތްތެރިވާ ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި ލޭނު އަޅަން ހުއްދަ ނުދޭން ނިންމާފައެވެ.

އެގޮތުން ލޭނު މަސްވެރިކަމަށް ހުއްދަ ދޭނީ ރާއްޖޭގެ ދެކުނުން އައްޑު އަތޮޅުގެ އިރާއި ހުޅަނގުން ފެށިގެން ރ. އަތޮޅުގެ އަލިފުށީގެ ދެކުނާ ހަމައަށެވެ. އެހެން ކަމުން ރ. އަތޮޅުން ފެށިގެން އުތުރަށް ލޭނު މަސްވެރިކަން ނުކުރެވޭނެއެވެ. ދާދިފަހުން ރާއްޖޭގެ ދެކުނުން އައްޑޫ އަތޮޅުގެ ދެކުނަށް އިކުއިޑިސްޓެންސް ބައުންޑަރީ ކަނޑައެޅުމާއެކު އެ ސަރަހައްދުންވެސް 100 މޭލަށް ވުރެ ބޭރު ނުލިބޭތީ އެ ސަރަހައްދުގައިވެސް ލޭނު މަސްވެރިކަން ކުރުމަށް ހުއްދަ ނުދޭނެކަން މަސްވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރައްވަްއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ބޮޑުކަންނެލި އަދި ލޯބޮޑު ކަންނެއްޔަށް އަމާޒުކޮށްގެން ލޭނު މަސްވެރިކަން ކުރުމުގެ ފުރުސަތު ހުޅުވާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވަނީ މިދިޔަ މާޗު މަހުއެވެ. އެއާއިއެކު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ލޭނުމަސްވެރިކަން ކުރުމާ ބެހޭ ގަވާއިދެއް އެކުލާވާލައި އެއަށް އާންމުންގެ ޚިޔާލު ހޯދިއެވެ.

މަސްވެރިކަމާއިބެހޭ ވުޒާރާއިން ވިދާޅުވީ، މިހާރު ޤަވާއިދަށް ލިބިފައިވާ ޚިޔާލުތަކަށް ރިއާޔަތްކޮށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޤަވާއިދު ތަންފީޒުކުރާނީ ހުރިހާ ބަދަލެއް ގެނެސް އޭޖީގެ ލަފާ ހޯދުމަށް ފަހު ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

ރާއްޖޭގައި ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ނިންމުމާއި ގުޅިގެން ކަންނެލީގެ މަސްވެރިކަން ކުރާ ބައެއް ފަރާތްތަކުން ވަނީ ކަނބޮޑުވުން ފާޅުކޮށްފައެވެ. މި ކަންބޮޑުވުންތަކާއި ގުޅިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއިބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ ލޭނު މަސްވެރިކަމަށް ހުއްދަ ދޭއިރު ކަންނެލި މަސްވެރިންގެ މަސްލަހަތު ގެއްލޭ ގޮތަށް ހުއްދަ ނުދޭނެ ކަމަށް ވިދާޅުވެފައެވެ.