ޚަބަރު

އެމްޕޮކްސް ރާއްޖެއިން ފެނިއްޖެނަމަ ޢަމަލުކުރާނެ ގޮތްތައްވަނީ ކަނޑައަޅާފައި: ޞިއްހަތާ ބެހޭ ވުޒާރާ


  • ރާއްޖޭންވަނީ ކަމާއިބެހޭ ހުރިހާ އިދާރާތަކެއް ތައްޔާރީ ހާލަތަކަށް ގެނެސްފައި

  • އަތޮޅުތެރެއާއި މާލެ ސަރަޙައްދުގައިވެސް މީހުން އެކަހެރި ކުރާނެ އިންތިޒާމުވަނީ ހަމަޖެހިފައި

  • ބަލި ފެތުރުމުގެ މައިގަނޑު ޒަރިއްޔާއަކީ ރައްކާތެރި ނޫންގޮތުގައި ޖިންސީ ގުޅުން ހިންގުން

އެމްޕޮކްސްގެ ކޭސްއެއް ރާއްޖެއިން ފެނިއްޖެ ހާލަތަކަށް މިހާރު ތައްޔާރުވެފައިކަމަށް ޞިއްހަތާއި ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

އެވުޒާރާއިން މިހާރުވަނީ ކަމާ ގުޅޭ ހުރިހާ އިދާރާތަކާއި ބައްދަލުކޮށް ބައްޔެއް ފެނިއްޖެ ހާލަތެއްގައި އިދާރާތަކުން ޢަމަލުކުރަންވީ ގޮތް އަންގާ ފަރުވާގެ ކަންކަން އިންތިޒާމުކޮށް ޞިއްހީ ޚިދުމަތްތެރިން ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ.

ދުނިޔޭގައި މިވަގުތު ފެތުރެމުންދާ އެމްޕޮކްސްގެ ނުރައްކަލާއެކު ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާއިން ޕަބްލިކް ހެލްތު އިމަރޖެންސީ ޢިއުލާންކުރުމާއެކު ރާއްޖެއިންވެސްވަނީ ބައްޔާއި ދެކޮޅަށް ދުރާލާ ތައްޔާރުވާން ފަށާފައެވެ. އެގޮތުން ބަލީގެ ކޭސްއެއް ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި ޢަމަލުކުރާނެ ގޮތްތައް މިހާރުވަނީ ކަނޑައަޅާފައެވެ. އަދި ބައްޔާއި ގުޅޭގޮތުން ޞިއްހީ ޚިދުމަތްތެރިންނާއި ޢާއްމުންގެ އިތުރުން ރާއްޖޭގައި ތިބި އެކި ޤައުމުތަކަށް ނިސްބަތްވާ ބިދޭސީން ހޭލުންތެރިކުރުވުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭންވަނީ ފައްޓަވާފައެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސް ޑރ.އަޙްމަދު އަޝްރަފް ވިދާޅުވީ ރާއްޖޭން އެމްޕޮކްސް ފެނިއްޖެ ހާލަތެއްގައި މީހުން އެކަހެރި ކުރުމަށް ބޭނުންވާ ޖާގަތައް ރަށްރަށުގެ ހޮސްޕިޓަލްތަކުގައި ޤާއިމުކޮށްފައިވާއިރު، މާލެ ސަރަހައްދުންވެސް ހުޅުމާލޭގައި ހުރި އިންފެކްޝަން ޑިޒީސް މެނޭޖްމަންޓް ސެންޓަރުގައި މީހުން އެކަހެރިކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށެވެ.

"ގައިންގަޔަށް އަރާ ބައްޔެއް ފެތުރޭއިރު ކަންތައް ކުރަންވީގޮތުގެ ސްޓޭންޑަޑްސްތައް ކަނޑައެޅި މިހާރު ހުރިހާ ފަރާތްތަކަށްވެސް ވަރަށް ބޮޑަށް ސާފުވެފަ އޮތީ އެބަޔަކު ކުރަންވީކަމެއް. އެހެންވީމަ ބައްޔާއި ދެކޮޅަށް ތައްޔާރީތަކަށް ބަލާއިރު ފުދޭވަރަކަށް ތައްޔާރުވެފައޭ އަޅުގަނޑު ދަންނަވާނީ." ޑރ.އަޝްރަފް ވިދާޅުވިއެވެ

ދަތުރުފަތުރުކުރުމުގައި އަދި އެއްވެސް ބާވަތެއްގެ ފިޔަވަޅެއް އެޅުމަށް ޑަބްލިއުއެޗްއޯއިން ނާންގާ

ރާއްޖެއަށް ފަތުރުވެރިން އަންނަ ބައެއް ޤައުމުތަކުންނާއި ދިވެހީން ގޮސްއުޅޭ ބައެއް ޤައުމުތަކުންވެސް ބަލި މިހާރުވަނީފެނިފައެވެ. އެހެންކަމުން ބަލި ރާއްޖެއަށް އައުމުގެ ފުރުސަތު އޮތްކަމަށް ބަލައިގެން ކަމާބެހޭ ފަރާތްތަކުން މިވަނީ ތައްޔާރީ ހާލަތަކަށް އައިސްފައެވެ. އެމްޕޮކްސްގެ ސަބަބުން ދަތުރުފަތުރުކުރުމުގައި އެއްވެސް ބާވަތެއްގެ ފިޔަވަޅެއް އެޅުމަށް ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާއިން އަދި އަންގާފައެއް ނުވެއެވެ. އެހެންނަމަވެސް އެފަދަ ހާލަތަކަށްވެސް ރާއްޖޭންވަނީ ތައްޔާރުވެފައެވެ.

އެޗްޕީއޭގެ ޑިރެކްޓަރ، ޕަބްލިކް ހެލްތު ސަނާ ސަލީމް ވިދާޅުވީ ދަތުރުފަތުކުރުމުގެ ތެރެއިން ގައިންގަޔަށް އަރާ ގިނަ ބަލި ފެތުރުމުގެ ފުރުސަތު އޮންނަކަމަށާއި އެހެންކަމުން އެމްޕޮކްސްއާއި ދެކޮޅަށްވެސް ދަތުރުފަތުރުކުރުމުގައި ވީހާވެސް ބޮޑަށް އާއްމު ސާފުތާހިރުކަމަށާއި، މާސްކް އެޅުމަށް އިސްކަންދިނުމަކީ މުހިންމުކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދަތުރުކުރުމުގައި ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ވީއެންމެ އަވަހަކަށް އެހެން މީހުންނާއި އެކަހެރިވެ، ޞިއްހީ އެހީތެރިންގެ އެހީ ހޯދަންޖެހޭކަމަށް ސަނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އެމްޕޮކްސްއަށް ޚާއްސަކޮށް ހޮޓްލައިނެއް ޤާއިމުކުރުމަށް. އެހެންކަމުން އަލާމާތެއް ފެނިއްޖެ ނަމަ އެލައިން މެދުވެރިކޮށްވެސް އެންގޭނެ." ސަނާ ވިދާޅުވިއެވެ.

ރާއްޖެ އޮތީ ކުޑަ އަދި މެދުމިނުގައި ނުރައްކާ އޮތް ޤައުމެއްގެ ގޮތުގައި

ބަލީގެ ބާވަތުން ޑަބްލިއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑަށް ބަލާއިރު ރާއްޖެ އޮތީ ބަލީގެ ނުރައްކާ ކުޑަކޮށް އަދި މެދުމިންވަރާއި ދެމެދުގެ ޤައުމެއްގޮތުގައިކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި އެހެން ޤައުމުތަކަށް އަންނަ ބަދަލުތަކާއެކު މި މިންގަނޑަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާކަމެއްކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ.

އެމްޕޮކްސް މައިގަނޑު ގޮތެއްގައި ޖެހެނީ ރައްކާތެރި ނޫންގޮތުގައި ޖިންސީ ގުޅުން ހިންގުމުންނެވެ. ބަލީގެ ޕެންޑެމިކް އޮތް ރިޕަބްލިކް އޮފް ކޮންގޯ ފިޔަވާ ދުނިޔޭގެ އެހެން ޤައުމުތަކުން ބަލި ފެންނަމުންދާއިރު އެހެން ޤައުމުތަކުން ފެންނަ ގިނަ ކޭސްތަކަކީ ރައްކާތެރި ނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމުގެ ސަބަބުން ފެތުރެމުންދާ ކޭސްތަކެއްކަން ޑަބްލިއުއެޗްއޯއިންވަނީ ފާހަގަކުރައްވާފައެވެ.