ޚަބަރު

ކޮންމެ ދޮޅު އަހަރަކުން ބިދޭސީންގެ ވޯކް ޕާމިޓް ފީ މުރާޖަޢާ ކުރެވޭގޮތަށް ޤާނޫނަށް ގެނައި އިސްލާޙު ފާސްކޮށްފި


  • މިހާރު ބިދޭސީންގެ ވޯކް ޕަރމިޓަށް 350 ރުފިޔާ ދައްކަންޖެހޭ

ކޮންމެ ދޮޅު އަހަރަކުން ބިދޭސީންގެ ވޯކް ޕާމިޓް ފީ މުރާޖަޢާކުރުމުގެ އިޚްތިޔާރު، ކަމާބެހޭ ވުޒާރާއަށް ލިބޭގޮތަށް ވަޒީފާއާބެހޭ ޤާނޫނަށް ގެނައި އިސްލާޙު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި ބިލު ފާސްކޮށްފައިވަނީ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން މި ބިލު ދިރާސާކޮށް، ތަޅުމަށް ހުށަހެޅި ގޮތަށެވެ.

ވަޒީފާއާބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާޙު ހުށައެޅުއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދެވެ. މިއަދުގެ ޖަލްސާގައި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ބިލު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ވޯޓަށް އެހުމުން ބިލު ފާސްވީ، ހާޒިރުވި 75 މެމްބަރުން ތެރެއިން 65 މެންބަރުންގެ އަޤްލަބިއްޔަތުންނެވެ. ބިލު ފާސްކުރުމަށް ނުފެންނަކަމަށް 10 މެންބަރަކު ވޯޓު ދެއްވިއެވެ.

ވަޒީފާއާބެހޭ ޤާނޫނުގައި މީގެ ކުރިން އޮންނަ ގޮތުން ކޯޓާ ފީގެ ގޮތުގައި އަހަރަކަށް -/2,000 ރުފިޔާ، ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ އިދާރާއަކަށް ދައްކަންވާނެކަމަށް ވަނީ ބުނެފައެވެ. އަދި ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ (ވަރކް ޕަރމިޓް) ފީގެ ގޮތުގައި މަހަކު -/350 ރުފިޔާ ދައްކަންވާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ޤާނޫނަށް ގެނައި އިސްލާޙުގައިވާ ގޮތުން މަދުވެގެން ކޮންމެ 3 އަހަރަކުން އެއް ފަހަރު، އަދި ގިނަވެގެން 18 މަސްދުވަހުގެ މުއްދަތަކަށްވުރެ ކުރުނުވާނެ ގޮތެއްގެ މަތިން މުރާޖަޢާކޮށް، ވަރކް ޕަރމިޓާއި ބިދޭސީންގެ ކޯޓާ ފީއަށް ގެންނަންޖެހޭ ބަދަލުތައް ގެނެވިދާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މުރާޖަަޢާކުރުުމަށްފަހު ކަނޑައަޅާ ފީ، އެއިރެއްގައި ކަނޑައަޅާފައިވާ ފީގެ 30 އިންސައްތައަށްވުރެ އިތުރުވެގެން ނުވާނެކަމަށްވެސް ޤާނޫނުގައި ބުނެފައިވެއެވެ. އެހެންކަމުން މިހާރު މި އިސްލާޙުގައިވާ ގޮތުން ދޮޅު އަހަރުގެ ތެރޭގައި ބިދޭސީންގެ ކޯޓާ އަދި ވަރކް ޕާމިޓް ފީ، ބޮޑު ނުވަތަ ކުޑަ ކުރުމުގެ އިޚްތިޔާރު ކަމާބެހޭ ވުޒާރާއަށް ލިބިގެންވެއެވެ. އެހެންނަމަވެސް އެއްވެސް ފީއެއް ބޮޑުކުރެވޭނީ އެއިއްރެއްގައި ކަނޑައަޅާފައިވާ ފީގެ 30 އިންސައްތައަށްވުރެ އިތުރުނުވާނެ އަދަދަކަށެވެ. ފީ ކުޑަކުރުމުގައި ޢަމަލުކުރަންޖެހޭ ވަކި މިންގަނޑެއް އިސްލާޙުގައި ކަނޑައަޅާފައިނުވެއެވެ.