ޚަބަރު

އުޅަނދު ޕާކްކުރުމަށް ހުޅުމާލޭގައި 15 ޢިމާރާތް، ޖުމްލަ 4000 ޖާގަ


  • އެޗްޑީސީގެ އަމާޒަކީ 2 އަހަރު ނުވަތަ 3 އަހަރުތެރޭ ޕާކިން ޢިމާރާތްތައް ނިންމުން

  • އައު ޢިމާރާތްތަކާއެކު ޕާކުކުރާނެ ޖާގަ ނެތުމުގެ މައްސަލައަށް ދާއިމީ ހައްލެއް އަންނާނެ

4000 އުޅަނދު ޕާކްކުރެވޭ ގޮތަށް 15 ޕާކިންގ އިމާރާތް ހުޅުމާލޭގައި އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވީ މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ ހައްލުކުރުމަށް ގިނަ ކަންތައްތަކެއް އެޗްޑީސީން ރާވަމުންދާ ކަމަށެވެ. އެގޮތުން ކުލި ދައްކައިގެން ބޭނުންކުރެވޭގޮތަށް ބައެއް ޕާކިން ޖާގަ ހަމަޖެއްސުމާއި ވިޒިޓަރސް ޕާކިން ޖާގަތަކެއް ހަމަޖެއްސުމަށްވެސް ރާވަމުންދާކަމަށް ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ ހުޅުމާލޭގެ ތަރައްޤީގެ ޕްލޭންގެ ދަށުން ޕާކިންއަށް ހާއްސަކުރާ 15 ޢިމާރާތާއެކު ޕާކުކުރާނެ 4000 ޖާގަ ތަނަވަސްވެގެންދާނެކަމަށެވެ.

"ޕާކިން ޢިމާރާތްތައް އަޅުގަނޑުމެން އަޅަނީ ވިޔަފާރި އުޞޫލުން. 3 މަސް ދުވަސްތެރޭ އިޢުލާންކުރާނަން މި މަޝްރޫޢު. އަޅުގަނޑުމެންގެ އަމާޒަކީ ހުޅުމާލެ އަދި މާލޭގެ މަގުތަކުގައި ތޮށްޖެހޭ މައްސަލަ ހައްލުކުރުން. މި ޢިމާރާތްތަކާއެކު ހަމަގައިމުވެސް ހުޅުމާލޭގެ ޕާކިންގެ މައްސަލައަށް ދާއިމީ ހައްލެއް އަންނާނެ." ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ އަމާޒަކީ 15 ޕާކިން ޢިމާރާތުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުން ކަމަށެވެ. އެގޮތުން 2 އަހަރު 3 އަހަރުތެރޭ މަސައްކަތް ނިމޭނެކަމަށް ލަފާކުރެވޭކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.

ހުޅުމާލޭގެ އިތުރުން މާލޭގައިވެސް ޕާކިން ޖާގަތަކެއް ހެދުމުގެ މަސައްކަތް، މާލެ ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ. އެގޮތުން ސިޓީ ކައުންސިލުން ވަނީ މާލޭގައި ޕާކިން ސަރަހައްދެއް ހެދުމަށް މާފަންނު ސަހަރާ ހުސްކޮށްދޭނެ ފަރާތެއް ހޯދަން މިހާރު އިޢުލާނުކޮށްފައެވެ.

މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކުކުރާނެ ޖާގަ ނެތުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވައެވެ. އެގޮތުން ހެވީ ވެހިކަލަށް ޚާއްސަކޮށް މާލޭ އިންޑަސްޓްރިއަލް ޒޯނުން ޕާކިން ޖާގަ ކުއްޔަށް ދޫކުރުމަށް މިހާރު ހުޅުވާލާފައިވާއިރު، ސަރުކާރުގެ އެހީގައި 4 ޕާކިން ޢިމާރާތެއް އެޅުމަށް މާލެ ސިޓީ ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ.