ޓޫރިޒަމް ބޭނުމަށް ނަގާފައިވާ ރަށެއް ނުވަތަ ބިމެއް ކުއްޔަށް ނަގާފައިވާ މުއްދަތު އިތުރުކުރާނަމަ، ފައިސާ ދައްކަންޖެހޭ މުއްދަތު ހަ މަސް ދުވަހަށް އިތުރުކުރުކުރުމަށް ޓޫރިޒަމާ ބެހޭ ޤާނޫނަށް ހުށައެޅި އިޞްލާހު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.
ޓޫރިޒަމާބެހޭ ޤާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ދަނގެތީ ދައިރާގެ މެންބަރު އަބްދުﷲ ރަޝީދެވެ. މި ބިލުގެ ބޭނުމަކީ އިންވެސްޓަރުންނަށް ޓޫރިޒަމް ބޭނުމަށް ނަގާފައިވާ ރަށެއް ނުވަތަ ރިސޯޓެއް ކުއްޔަށް ނަގާފައިވާ މުއްދަތު އިތުރު ކުރުމަށް ފަހި ފުރުސަތެއް ދިނުމެވެ. އެގޮތުން މިހާރު ޤާނޫނު އޮތް ގޮތުން މިހާރު މުއްދަތު އިތުރު ކުރާނަމަ އިތުރު ކުރާ ކޮންމެ އަހަރަކަށް 200،000 ޑޮލަރު ދައްކައި، މުއްދަތު އިތުރު ކުރުމުގެ ފީގެ ގޮތުގައި އެއްފަހަރާ 10 މިލިއަން ޑޮލަރު ދައްކަން ޖަހެއެވެ.
ނަމަވެސް މި ޤާނޫނަށް ގެންނަން މިހާރު ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން ބިލު ފާސްކުރާތާ 6 މަސް ދުވަހުގެ ތެރޭގައި މުއްދަތު އިތުރުކުރުމަށް އެދި ފައިސާ ދައްކަންޖެހެއެވެ. އަދި އެގޮތަށް އެ ފަރާތުން އެއްބަސްވާނަމަ ދައްކަން ޖެހޭނީ މިހާރު ދައްކާ މިންވަރުގެ ދެބައިކުޅަ އެއްބައެވެ. އެއީ އިތުރުވާ ކޮންމެ އަހަރަކަށް 100،000 ޑޮލަރު ދެއްކުމާއި، ކުއްޔައްނެގި މުއްދަތު އިތުރު ކުރުމުގެ ފީގެ ގޮތުގައި 5 މިލިއަން ޑޮލަރު ނެގުމެވެ.
މި ބިލު ހުށަހަޅައިދެއްވަައި ވާހަކަ ދައްކަވަމުން ދަނގެތީ ދައިރާގެ މެންބަރު އަބްދުﷲ ރަޝީދު ވިދާޅުވީ ބިލުގެ ސަބަބުން ފަތުރުވެރިކަމުގެ ދައިރާގެ އިންވެސްޓްމެންތައް ހިމާޔަތް ކުރެވިގެންދާނެ ކަމަށެވެ.
"މި އިންވެސްޓްމެންޓުތަކަށް ހިމާޔަތްތާއި ރައްކާތެރިކަށް ކަށަވަރުކޮށްދިނުމަކީ މުހިންމުކަމެއް. އިންވެސްޓަރުންނަށް މިފަދަ ލުއިގޮތްތައް ފޯރުކޮށްދިނުމަކީ ރާއްޖެއާއި މެދު އިންވެސްޓަރުންގެ އިތުބާރު ބޮޑުވެ އިތުރު އިންވެސްޓްމެންޓުތަކަށް ރާއްޖެއަށް ޝައުޤުވެރިކަން އިތުރުކޮށްދޭނެ ކަމެއް." މެންބަރު ރަޝީދު ވިދާޅުވިއެވެ.
މި އިސްލާހަށް ވާހަކަފުޅު ދައްކަވަމުން މެންބަރުން ވަނީ މި އިސްލާހުގެ ސަބަބުން ކުއްޔަށް ނަގާފައިވާ މުއްދަތު އިތުރު ކުރުމަށް ބޭނުންވެފައިވާ އެތަކެއް ފަރާތްތަކަށް އެ ފުރުސަތު ފަސޭހަ ގޮތެއްގައި ފަހިވެގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިއީ އަވަހަށް ފާސްކުރަން ޖެހޭ މުހިންމު ބިލެއްގެ ގޮތުގައި މެންބަރުން ފާހަގަކުރެއްވިއެވެ.
"ހާއްސަކޮށް ޤާނޫނުގެ ސަބަބުން ގެސްޓްހައުސް ހިންގާ ފަރާތްތަކަށް މުއްދަތު އިތުރުވެ، އިންވެސްޓްމެންޓް ފުޅާކުރުމަށް ފާޅުކަން ބޮޑުގޮތެއްގައި ޤާނޫނީ ހިމާޔަތް ލިބިގެންދޭ " ހޮޅުދޫ ދައިރާގެ މެންބަރު ޢަބްދުއްސައްތާރު މުހައްމަދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވިސްނުން ބަހައްޓަންވީ މިފަދަ އިސްލާހުތައް ޤާނޫނަށް ގެނެސް މުޅި ރާއްޖެއަށް ފައިދާވާ ގޮތަށް މި ސިނާޢަތް ތަރައްޤީކުރަން. މި އިސްލާހުތަކާއެކު އިތުރު އިންވެސްޓަރުން އައީމަ މި ދެންނެވި މަގަށް މި ދެންނެވި ސިނާޢަތް ތަރައްޤީ ކުރެވޭނެ." ފުނަދޫ ދައިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ވިދާޅުވިއެވެ.
މި ބިލަށް ވާހަކަ ދައްކަވަމުން އިދިކޮޅު މެންބަރުންވެސް ވަނީ މި ގެނައި އިސްލާހަށް ތާޢީދު ކުރާކަން ހާމަކުރައްވާފައެވެ.
"50 އަހަރު އިންޑަސްޓްރީއަށްޓަކައި ޓުއަރިޒަމް މި ހިންގީ. ކުރިއަށް އޮތް 50 އަހަރު ރައްޔިތުންނަށްޓަކައި ހިންގަން އެބަޖެހޭ. މިއީ ރަނގަޅު އިސްލާހެއް ކަމަށް ފާހަގަވޭ. ދިވެހި ރާއްޖޭގެ ޓުއަރިޒަމްއިން ނެގޭ ޓެކްސްތައް ހާއްސަކޮށް މުރާޖަޢާ ކުރަން ޖެހޭ " މައުރޫފް ޛާކިރު ވިދާޅުވިއެވެ.
މި ބިލުގެ ބަހުސްއަށް ފަހު، މަޖިލީހަށް ބިލު ބަލައިގަތުމަށް ނެގި ވޯޓުގައި 75 މެންބަރުންގެ އިއްތިފާގުން ބިލު ވަނީ ބަލައިގަނެފައެވެ. އަދި ބިލު ފޮނުވީ މުޅި މަޖިލީހުގެ ކޮމެޓީއަށެވެ. މަޖިލީހުގެ ޖަލްސާ ނިންމަވާލައްވައި އެ ބިލުގެ ދިރާސާ މަސައްކަތް މުޅި މަޖިލީހުގެ ކޮމިޓީން ފެއްޓެވިއެވެ. ކޮމެޓީގައި މެންބަރުން ވަނީ މި ބިލަށް ގެންނަން ޖެހޭ އިސްލާހުތަކެއް ނެތްކަން ފާހަގަކުރައްވާފައެވެ.
މިއާއެކު ފުނަދޫ ދައިރާގެ މެންބަރުން މުހައްމަދު މަމްދޫހު ވަނީ ބިލު އޮތްގޮތަށް ކޮމެޓީން ފާސްކުރުމަށް ހުށަހަޅާފައެވެ. މި ހުށަހެޅުމަށް ތާއިދު ކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާޢުއެވެ. މި ހުށެހެޅުން މުޅި މަޖިލީހުގެ ކޮމެޓީން ފާސްވީ 76 މެންބަރުންގެ ވޯޓާއެކު އިއްތިފާގުންނެވެ.
މިއާއެކު މި ބިލު މިހާރު ވަނީ ތަޅުމަށް ފޮނުވާފައެވެ.