ޚަބަރު

ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ މާލެއަށް


  • މާލެއަށް 89.4 މިލިމީޓަރުގެ ވާރޭ ވެހިފައިވޭ

  • އުތުރާއި މެދުރާއްޖެތެރެއަށް ވައި ގަދަވެ، ކަނޑު ގަދަވާނެ

  • ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ

ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ މާލެއަށްކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން އާންމުކުރައްވާފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 4 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވެފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އަންގާރަ ދުވަހުގެ ހެނދުނު 8 އިން މިއަދުގެ ހެނދުނު 8ގެ ނިޔަލަށް މާލެއަށް 89.4 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އއ. ތޮއްޑޫއަށެވެ. ތޮއްޑޫއަށް 70.6 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

ފާއިތުވި 24 ގަޑިއިރު ވިލާގަނޑުގައި އެންމެ ވައިގަދަވެފައިވާކަމަށް ރެކޯޑް ކުރެވިފައިވަނީ ހދ. ހަނިމާދޫއާއި މާލެއަށްކަމަށް މޫސުމާބެހޭ އިދާރާއިން ވިދާޅުވެއެވެ. އެއީ ގަޑިއަކު 47 މޭލެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި މިއަދު މެންދުރުފަހުން ފެށިގެން ދެކުނުގެ ރަށްތަކަށްވެސް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް އެއިދާރާއިން ވިދާޅުވެއެވެ. ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ވިދާޅުވެއެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކަށް ރާޅު އަރާނެކަމަށް ލަފާކުރެވޭނެ ކަމަށްވެސްވަނީ ވިދާޅުވެފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވެ ސަލާމަތީ ކަންކަމަށް އިސްކަންދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.