ވިޔަފާރި

އެމް.ޓީ.ސީ.ސީ ގެ ހިއްސާ އަކަށް 32 ރުފިޔާ ބެހުމަށް ނިންމައިފި


މިދިޔަ އަހަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމް.ޓީ.ސީ.ސީއަށް ލިބުނު ފައިދާއިން، ޙިއްޞާއަކަށް ބައްތިރީސް ރުފިޔާ ބަހަން ކުންފުނީގެ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްފިއެވެ.

 ރޭ ހޮޓެލް ޖެންގައި ބޭއްވި އެ ކުންފުނީގެ އަހަރީ ޢާންމު ޖަލްސާގައި މިގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވި ޙިއްޞާދާރުންގެ 89 އިންސައްތަ ވޯޓުންނެވެ. 2015 ވަނަ އަހަރު އެމް.ޓީ.ސީ.ސީއަށް ސާފު ފައިދާގޮތުގައި 156.3 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ 2014 ވަނަ އަހަރު އެ ކުންފުޏަށް ލިބުނު ސާފު ފައިދާއަށްވުރެ 91.5 އިންސައްތަ އިތުރު ޢަދަދެކެވެ.

ހޮޓެލް ޖެންގައި ބޭއްވި އެމްޓީސީސީގެ އަހަރީ ޢާއްމު ޖަލްސާގައި އެކުންފުނީގެ ޙިއްޞާއަކަށް 32 ރުފިޔާ ބެހުމަށް، ޖަލްސާގައި ބައިވެރިވި 65 ޙިއްޞާދާރުންގެ ތެރެއިން 58 ޙިއްޞާދާރުން ވަނީ ތާއީދުކޮށް ވޯޓްދީފައެވެ. އެ ކުންފުނީގެ ޗެއަރމަން ޙުސައިން ސާލިމް މުޙައްމަދު ވިދާޅުވީ 2015 ވަނަ އަހަރުގެ ފައިދާއިން ޙިއްޞާއަކަށް 22 ރުފިޔާ ބަހުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމިނަމަވެސް ފަހުން ބޭއްވި އެކުންފުނީގެ ބޯޑު ބައްދަލްވުމެއްގައި ޙިއްޞާއަކަށް 32 ރުފިޔާ ބެހުމަށް ނިންމާފައިވާ ކަމަށެވެ.

ރޭގެ ޖަލްސާގައި އާންމު ޙިއްޞާދާރުންގެ ފަރާތުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަންކުރާ ދެ މެމްބަރުންވެސް އިންތިޚާބުކޮށްފައެވެ. އެގޮތުން ޙިއްޞާދާރުންގެ ވޯޓާއެކު އެމަޤާމަށް އިންތިޚާބުކޮށްފައިވަނީ  ފަތުޙުﷲ އިސްމާއީލާއި މުޙައްމަދު ޢިމްރާން ޢަދުނާނެވެ. އަދި އެކުންފުނީގެ އެކްސްޓާނަލް އޮޑިޓަރަކަށް އާންސްޓް އެންޑް ޔަންގް ވެސް ރޭގެ ޖަލްސާގައި ވަނީ ހޮވާފައެވެ.