ރާއްޖޭގެ އީ-ކޮމާސް ދާއިރާ ތަރައްގީކުރުމަށް ނޭޝަނަލް ޕޭމަންޓް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) ގެ ބައިނަލްއަގުވާމީ ވިޔަފާރިއާބެހޭ ކުންފުނި، އެންއައިޕީއައި އިންޓަރނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް)އާއެކު ރާއްޖޭން ފަހުމުނާމާއެއް ޤާއިމްކޮށްފިއެވެ.
ދެ ޤައުމުގެ ދެމެދުގައި ޤާއިމްކުރި މިފަހުމުނާމާ ބަދަލުކޮށްފައިވަނީ މިރޭ ޚާރިޖީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އިޤްތިޞާދީ ތަރައްގީ އާއި ވިޔަފާރިއާބެހޭ ވުޒާރާ އާއި އެންއައިޕީއެލްއާ ދެމެދު ބަދަލުކުރި މިފަހުމުނާމާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ކްރިއޭޓަރ އިކޮނޮމީގެ ފުރުސަތުތައް ދިވެހިންނަށް ހޯދައިދިނުމާއި އީ-ކޮމަރސްގެ ދާއިރާ ތަރައްގީ ކުރުމާއި، މާލީ ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތުތައް އިތުރުކޮށް މާލީބާޒާރު އިތުރަށް ފުޅާ ކުރެވޭނެ ކަމަށް އިޤްތިޞާދީ ތަރައްގީއާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މިފަހުމުނާމާގެ ދަށުން ޑިޖިޓަލް ޕޭމަންޓް ސިސްޓަމް ތަރައްގީކުރުމަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ފައިސާފޮނުވުމުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ޒަމާނީ ޓެކްނޮލޮޖީ ގާއިމުކުރާނެއެވެ އަދި މާލީ ބާޒާރުގައި ބައިވެރިވުން ކުޑަ ފަރާތްތަކަށް ޚިދުމަތްތައް ތައާރަފުކުރުމާއި އިޤްތިޞާދީ މަސައްކަތްތަކަށް މަގުފަހިކޮށް އިޤްތިޞާދު ކުރިއެރުވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ފަސޭހަކަމާއެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށް ޤައުމީ އަދި ބައިނަލްއަގުވާމީ ނެޓްވޯކްތަކާ ގުޅުން އިތުރުކުމާއި އަލަށް ތައާރަފުވަމުން އަންނަ ފައިސާގެ މުއާމަލާތްތަކާއި އީ-ކޮމާސްގެ ނިޒާމުތައް އެންމެ އެދެވޭގޮތުގައި ބޭނުންހިފުމަށް ބޭނުންވާ ތަމްރީނާއި އެހީތެރިކަން ރާއްޖޭގެ މާލީ ޚިދުމަތްދޭ ފަރާތްތަކަށް ފޯރުކޮށްދިނުމަކީވެސް މި ފަހުމުނާމާގެ ބޭނުމެއްކަން އިޤްތިޞާދީ ތަރައްގީއާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި އެއްބަސްވުމުގެ އިތުރުން ރާއްޖޭގެ ސިވިލް ސަރވިސް މުވައްޒަފުން ތަމްރީން ކުރުމަށް ސިވިލް ސަރވިސް ކޮމިޝަނާއި އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޯ ގުޑް ގަވަރނެންސްއާ ދެމެދު ސޮއިކޮށްފައިވާ ފަހުމުނާމާވެސް ވަނީ އައުކޮށްފައެވެ. މި ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސްގެ އިތުރު 1000 މުވައްޒަފުން ތަމްރީން ކުރުމަށް ވަނީ ނިންމާފައެވެ.
ދިވެހި ސިވިލް ސަރވިސް މުވައްޒަފުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމުގެ ގޮތުން އިންޑިއާއާއެކު ފަހުމުނާމާއެއްގައި އެންމެ ފުރަތަމަ ސޮއިކުރީ 2019 ވަނަ އަހަރުއެވެ.