ޚަބަރު

ލާމަރުކަޒީ ނިޒާމަށް ބަދަލު ގެންނާނީ ރައްޔިތުންގެ ޚިޔާލު ހޯދުމަށްފަހު: ވަޒީރު އާދަމް ޝަރީފް


  • އަމާޒަކީ އައު ޚިޔާލާއި ހޯދުންތަކާއެކު ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުންކަމަށް ވިދާޅުވި

  • ލާމަރުކަޒީ ނިޒާމާ ބެހޭގޮތުން ހަދާ ދިރާސާ ނިމުމުން ޢާންމުންގެ ޚިޔާލަށް ހުޅުވާލެވޭނެ

  • ޒިންމާދާރުކަމާއެކު ޚިޔާލު ހުށަހެޅުއްވުމަށް ވަޒީރު އެދިވަޑައިގެންނެވި

އަމާޒަކީ ރައްޔިތުން ޝާމިލުވުން އޮންނާނެގޮތަށް ކައުންސިލްތަކަށް މާލީ ބާރުވެރިކަން ހޯދައިދިނުންކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި 3 ކައުންސިލަރުން ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ކައުންސިލަރުން ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކުރުވުމަށް ލާމަރުކަޒީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. އެގޮތުން މި ބަދަލުތައް ގެންނާނީ ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯދުމަށްފަހުކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އާ ޚިޔާލުތަކާއި ހޯދުންތަކުގެ އަލީގައި ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުން ކަމަށެވެ. އެގޮތުން ދެމެހެއްޓެނިވި، ޒިންމާދާރު، އަދި ރައްޔިތުން ޝާމިލްވާގޮތަށް ލާމަރުކަޒީ ނިޒާމު ބައްޓަންކުރުމަކީވެސް އަމާޒެއްކަމަށް ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަތުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ދިރާސާގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ މި ދިރާސާގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އަދި ދިރާސާގެ ޕްރިލިމިނަރީ ރިޕޯޓު އަންނަ ހަފްތާގައި ލިބޭނެ ކަމަށާއި އެ ރިޕޯޓު ބެލުމަށްފަހު ދިރާސާއާ ބެހޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑު ގަސްތުކުރަނީ ސިޔާސީ ޕާޓީތަކަށާއި އަމިއްލަ ޖަމިއްޔާތަކަށާއި ކައުންސިލްތަކާއި ޢާންމުންނަށް ފުރުޞަތު ހުޅުވާލައިގެން، ދިރާސާގައި ފެންނަން ހުރި މައްސަލަތަކާއި އެ ދިރާސާގައި ކަވަރު ނުކުރެވި ހުރި ދާއިރާތަކާއި ލާމަރުކަޒީ ނިޒާމުގެ ޤާނޫނުގައި ހުރި ކަންބޮޑުވުންތަކާއި ޤާނޫނީ ގޮތުން ހުރި ހުރަސްތައް ދެނެގަތުމަށް ރައްޔިތުންގެ ދަރުބާރެއްފަދަ މާޙައުލެއް އުފައްދައިގެން ދިރާސާއާ ބެހޭގޮތުން މަޝްވަރާކުރަން." ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ ލާމަރުކަޒީ ނިޒާމުގެ ދިރާސާއަށް ހުރިހާ ފަރާތްތަކުންވެސް ޒިންމާދާރުކަމާއެކީ ޚިޔާލު ހުށައެޅުމަށް އެދިވަޑައިގެންފައެވެ. އަދި ޚިޔާލު ހުށައެޅުމަށް ހުޅުވާލެވޭ ފުރުޞަތަކީ ނިޒާމު ހަރުދަނާކުރަން ރައްޔިތުންނަށް ލިބޭ ރަނގަޅު ފުރުޞަތެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

ލާމާރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތަކަށް މާލީ ބާރުވެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއްދެއްވައެވެ. އެގޮތުން އާމްދަނީ ލިބޭ މަސައްކަތްތައް ކުރުމަށް ކައުންސިލްތަކުގެ އިޚްތިޞާސުގައި ނުހިމެނޭ ފަޅު ރަށްރަށްވެސް ކައުންސިލްތަކަށް ވަކި މުއްދަތަކަށް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.